ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަދި ޑީއާރުޕީގެ ލީޑަރު އަހުމަދު ތަސްމީނު އަލީ އެ ދާއިރާގެ ރައްޔިތުންގެ ފައިދާ އަށް މިހާތަނަށް މަސައްކަތްކޮށްދެއްވާފައި ނުވާ ކަމަށާއި އެހެންކަމުން މަޖިލީހުގެ މި ދައުރުގެ ބާކީ އޮތް ދުވަސްތަކުގައި ކެންދޫ ރައްޔިތުންނާއި ގައުމުގެ ލާބަ އަށް މަސައްކަތްކޮށްދެއްވުމަށް ކެންދޫ ކައުންސިލުން ގޮވާލައިފި އެވެ.
އެމްޑީޕީގެ ދެ މެމްބަރުންނާއި މިނިވަން ދެ މެމްބަރެއްގެ އިތުރުން ޑީއާރުޕީގެ މެމްބަރަކު ހިމެނިވަޑައިގަންނަވާ ކެންދޫ ކައުންސިލުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނިގޮތުގައި ވޭތުވެދިޔަ 17 އަހަރު މަޖިލީހުގެ މެމްބަރެއްގެ ގޮތުގައި ތަސްމީނު މަސައްކަތް ކުރައްވާފައި ވަނީ "އަމިއްލަ މަސްލަހަތާއި ޑީއާރުޕީ އަދި އެ ޕާޓީގެ އިސް ބޭފުޅުންގެ މަސްލަހަތަށް ޓަކަ" އެވެ. މަޖިލީހުގައި ކެންދޫ ދާއިރާގެ ރައްޔިތުންގެ ހައްގުގައި ވަކާލާތުކުރައްވައި ތަސްމީނު އެއްވެސް މަސައްކަތެއް ކުރައްވާފައިނުވާ ކަމަށް ވެސް އެ ބަޔާނުގައި ވެ އެވެ.
"...މަޖިލީހުގެ މެޖޯރިޓީ ލީޑަރުގެ މަގާމުގައި ދެ އަހަރަށް ވުރެ ގިނަ ދުވަހު މަސައްކަތް ކުރެއްވި އިރު ކޮށްފައިވާ މަސައްކަތަކީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ބޯހަރުކަމުގެ ހިޔަލުގައި ސަރުކާރަށް ޖެއްސުންކުރުމާއި ވެރިކަމުގެ ދަހިވެތިކަމުގައި ގައުމުގެ އިގްތިސާދު އަނދަވަޅަކަށް ވައްޓާލައި ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭން މަސައްކަތްކުރާ ހިދުމަތްތަކަށް ހުރަސްއެޅުމެވެ،" ތަސްމީނަށް ފާޑުކިޔައި ކެންދޫ ކައުންސިލުން ނެރުނު ބަޔާނުގައި ވެ އެވެ.
އެ ބަޔާނުގައި ބުނީ ޑީއާރުޕީގެ މަސްލަހަޓަށްޓަކައި މަސައްކަތްކޮށްގެން، މަޖިލީހުގެ މެޖޯރިޓީ ލީޑަރުކަން ވެސް ތަސްމީނަށް ގެއްލި ލިބިވަޑައިގެންފައި ވަނީ "ގެއްލުމާއި ހަލާކު" ކަމަށެވެ. އަދި ޑީއާރުޕީ އަށް ޓަކައި ތަސްމީނު ލޯނުތަކެއް ނަންގަވަން ޖެހުނު ކަމަށް ކެންދޫ ކައުންސިލުން ތުހުމަތުކޮށް، އެ ބަޔާނުގައި ވަނީ "ދާއިރާގެ ގޮނޑި ވެސް ގެއްލުމުގެ ކުރިން" ގައުމަށް އިހްލާސްތެރި މަސައްކަތްތަކެއް ކޮށްދެއްވަންޖެހިވަޑައިގަންނަވާ ކަމަށެވެ.
"މިހާރު ރައްޔިތުން އިންތިހާބުކޮށްފައިވާ ސަރުކާރު ވައްޓާލާ އަލުން ޑީއާރުޕީ ވެރިކަމަށް އައުމަށް މައުމޫންގެ ރޭވުމުގެ ދަށުން ތަސްމީނު ތިޔަ ކުރައްވަމުން ގެންދެވާ މަސައްކަތް ނާކާމިޔާބުވީ ކަމަށް ގަބޫލުކޮށް މައުމޫންގެ މަކަރުވެރިންގެ ރޭވުންތަކުން ސަލާމަތްވެ ގައުމާއި ރައްޔިތުންނަށް އިހްލާސްތެރިވުމަށް މި ކައުންސިލުން ގޮވާލަމެވެ،" އެ ބަޔާނުގައި ވެ އެވެ.
ކެންދޫ ދާއިރާގެ ރައްޔިތުންގެ ފައިދާ އަށް މަސައްކަތްކޮށްދެއްވުމަށް ތަސްމީނަށް ގޮވާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ