ޕްރެމިއާ ލީގުގައި ރޭ މެންޗެސްޓާ ޔުނައިޓެޑުން ރަށުން ބޭރުގައި ބޮލްޓަން ކޮޅަށް ފަސް ލަނޑު ކާމިޔާބު ކުރުމަށް ފަހު، ގޯލުގެ ތަފާތުން ފަރަގު ބޮޑުކޮށް މިހަފްތާގައިވެސް ލީގުގެ އެއްވަނާގައި ދެމިހުރުމުގެ މަގު ތަނަވަސްކޮށްފި އެވެ. މި މެޗުގައި ވޭޏް ރޫނީ ހެޓްރިކެއް ހެދިއިރު ހާވިއާ ހެނާންޑޭޒް ވަނީ މެން ޔުނައިޓެޑަށް ދެލަނޑު ކާމިޔާބުކޮށްދީފަ އެވެ.
މެޗުގެ ފަސް މިނެޓު ހަމަނުވަނީސް ހެނާންޑޭޒް ވަނީ ބޮލްޓަނުގެ ގޯލު ހުޅުވާލާފަ އެވެ. މެޗުގެ 20 ވަނަ މިނެޓުގައި ފިލް ޖޯންސް ނަގައިދިން ހުރަހެއް ބޮލްޓަންގެ ގޯލުތެރެއަށް ރޫނީ ވައްދާލާ ދެލަނޑުގެ ލީޑެއް ހޯދި އެވެ. އޭގެ ފަސް މިނެޓްފަހުން ރޫނީ ދެ ވަނަ ލަނޑެއް ޖަހާ ތިންލަނޑުގެ ލީޑެއް ހޯދައިދިނެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 3-0 ލަނޑުން މެން ޔުނައިޓެޑް ކުރީގައި އޮވެގެންނެވެ.
މެޗުގެ 58 ވަނަ މިނެޓުގައި ފެނިގެންދިޔައީ ހެނާންޑޭޒް ވެސް މެންޗެސްޓާ އަށް ދެވަނަ ލަނޑެއް ކާމިޔާބުކޮށްދީ ލީޑު ހަތަރު ލަނޑަށް ފުޅާކޮށްދިން ތަނެވެ. މެޗުގައި މޮޅު ކުޅުމެއް ދައްކަމުން އައި ވޭން ރޫނީ ވަނީ މެޗުގެ 68 ވަނަ މިނެޓުގައި އޭނާގެ ހެޓްރިކު ފުރިހަމަކޮށްފަ އެވެ. މިލަނޑާއެކު 5-0 ގެ ނަތީޖާއިން މެން ޔުނައިޓެޑް މޮޅުވެ ތިން ޕޮއިންޓާއި ގޯލުގެ ފައިދާއިން އަނެއްކާ ވެސް ލީގުގެ ކުރިއަށް ޖެހިލިކަން ކަށަވަރުވިއެވެ.
ވިގަން އާއި ދެކޮޅަށް މެންޗެސްޓާ ސިޓީ ކުޅުނު މެޗުގައި ސާޖިއޯ އަގުއެރޯގެ ހެޓްރިކާއެކު މޮޅުވި ނަމަވެސް އެޓީމަށް އެއްވަނައަށް އެރޭ ގޮތެއް ނުވި އެވެ. ތިން ލަނޑުގެ ތަފާތުން މެން ޔުނައިޓެޑް އުޅެނީ ކުރީގައެވެ. ނަމަވެސް މެން ޔުނައިޓެޑާއި މެން ސިޓީ ޕޮއިންޓުގެ ގޮތުން އެއްވަރެވެ.
މިމެޗުގައި ސާޖިއޯ އަގުއެރޯ ޖެހި ތިން ލަނޑުގެ ތެރެއިން ފުރަތަމަ ލަނޑު ޖެހީ މެޗުގެ 13 ވަނަ މިނެޓުގައެވެ. ދެވަނަ ލަނޑު މެޗުގެ 63 ވަނަ މިނެޓުގައި އަގުއެރޯ ކާމިޔާބުކޮށްދިން އިރު ފަހު ލަނޑު ކާމިޔާބުކުރީ މެޗުގެ 69 ވަނަ މިނެޓުގައެވެ.
ރޭ ކުޅުނު މެޗުތަކުން އެންމެ ހައިރާން ކޮށްލެވުނީ ލިވަޕޫލު ބަލިކުރުމަށް ފަހު ލީގުގެ ހަތަރު ވަނައަށް ސްޓޯކް ސިޓީ ޖެހިލި މެޗެވެ. މިމެޗު ސްޓޯކުން ކާމިޔާބުކުރީ 1-0 ލަނޑުންނެވެ. ލީގުގެ ކުރީގައި ސްޓޯކް އޮތީ ލިވަޕޫލަށް ވުރެ އިތުރަށް އެއް ޕޮއިންޓް ލިބުމުނެންވެ. މިމެޗުގައި ސްޓޯކަށް ކާމިޔާބުކޮށްދިން ހަމައެކަނި ލަނޑު ޖަހައިދިނީ ލިބުނު ޕެނަލްޓީއަކުން ޖޮނަތާން ވޯލްޓާސް އެވެ.
ސަންޑަލޭންޑާ ބައްދަލުކޮށް 2-1 ލަނޑުން މޮޅުވުމުން ތިން ޕޮއިންޓު ހޯދުމުން ޗެލްސީ ވަނީ ލީގުގެ ތިންވަނަ އަށް ޖެހިލާފައެވެ. މެޗުގެ 18 ވަނަ މިނެޓުގައި ޗެލްސީގެ ފުރަތަމަ ލަނޑު ކެޕްޓަން ޖޯން ޓެރީ ކާށްދިންއިރު ދެވަނަ ލަނޑު މެޗުގެ 50 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޓޮރޭސްގެ ބަދަލުގައި ފުރަތަމަ އެގާރައިން ޖާގަ ދިން ޑެނިއަލް ސްޓަރިޖް އެވެ. ސަންޑަލޭންޑުން ޖެހި ހަމައެކަނި ލަނޑު މެޗުގެ އިތުރު ވަގުތު ކޮޅު ތެރޭ ކާމިޔާބުކޮށްދިނީ ޑޮންގް ވޮން ޖީ އެވެ.
ޓޮޓެންހަމް ވޮލްވްސްއާ ދެކޮޅަށް ކުޅުނު މެޗު 2-0 ލަނޑުން ކާމިޔާބު ކުރުމަށް ފަހު ވަނީ ލީގުގެ ފުރަތަމަ ކާމިޔާބީ ހޯދާފައެވެ. ލީގުގައި ޓޮޓެންހަމް ކުރިން ކުޅުނު ދެމެޗުން ވެސް ވަނީ ބޮޑު ތަފާތަކުން ބަލިވެފައެވެ. ޓޮޓެންހަމްއަށް ލޯނުގެ ދަށުން ގެނައި އަޑެބަޔޯ ފުރަތަމަ ލަނޑު ކާމިޔާބުކުރިތާ 13 މިނެޓްފަހުން ޑެފޯ ވަނީ ދެވަނަ ލަނޑު ކާމިޔާބު ކޮށްދީފައެވެ.
އެވަޓަން އާއި އެސްޓަން ވިލާ ބައްދަލު ކުރި މެޗު ނިމުނީ 2-2 ލަނޑުން ދެޓީމު އެއްވަރު ވެގެންނެވެ. މިމެޗުގައި އެވަޓަންގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ލިއޯން އޮސްމާން އާއި ލެއިޓަން ބޭއިންސްއެވެ. އެސްޓަން ވިލާގެ ލަނޑުތައް ފެނުނީ ސްޓީލިޔާން ޕެޓްރޯވް އަދި ގެބްރިއަލް އަގްބޮންލަހަރްގެ ފަރާތުންނެވެ.
ޕްރެމިއާ ލީގު 2011-12: ރޫނީ އާއި ހެނާންޑޭޒްގެ ލަނޑުތަކުން މެންޔޫ އެއްވަނާގައި ހަމަޖެހިލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ