ވަކި ގޮތަކަށް ވިޕު ނެރެން އަދީބާއެކު އެއްބަސްވެފައި ނޯންނާނެ ކަމަށް ގާސިމް ވިދާޅުވެއްޖެ

ސުޕްރީމު ކޯޓުގެ ދެ ފަނޑިޔާރުން ކަމުގައިވާ ކުރީގެ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒު ހުސައިންއާއި ފަނޑިޔާރު މުއުތަސިމް އަދުނާން މަގާމުން ވަކި ކުރަން ރައްޔިތުންގެ މަޖިލީހުގައި މިދިޔަ އާދީއްތަ ދުވަހު ނެގި ވޯޓުގައި ޖުމްހޫރީ ޕާޓީގެ ވިޕްލައިން ވަކި ގޮތަކަށް ނެރުމަށް ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބާއި އެކު ވަކި ގޮތަކަށް އެއްބަސްވެފައި ނުވާނެ ކަމަށް މާމިގިލީ ދާއިރާގެ މެންބަރު އަދި ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ގާސިމް މިހެން ވިދާޅުވެފައިވަނީ މިކަމާ ގުޅިގެން އެމނިކުފާނުގެ ރަސްމީ ޓްވިޓަރ އެކައުންޓުން ރޭ ކުރެއްވި ދެ ޓްވީޓެއްގައެވެ.
ފުރަތަމަ ޓްވީޓުގައި ވަނީ ވޯޓު ދިނުމަށް ވިޕްލައިން ވަކި ގޮތަކަށް ނެރުމަށް މިނިސްޓަރ އަދީބު ނުވަތަ ޕީޕީއެމް އާއއެކުވެސް ޖުމްހޫރީ ޕާޓީން ނުވަތަ ގާސިމްވެސް އެއްބަސްވެފައި ނުވާނެ ކަމަށެވެ. އަދި ވިޕްލައިނަކީ ހަމައެކަނި ޖޭޕީ ގްރޫޕުގެ ނިންމުމެއްކަމަށް ވަނީ ވިދާޅުވެފައެވެ. ދެވަނަ ޓްވީޓުގައިވެސް އެއީ ޖޭޕީ ގްރޫޕުގެ ނިންމުމެއް ކަމަށް ވަނީ ތަކުރާރުކޮށް ވިދާޅުވެފައެވެ.
ނަމަވެސް މިނިސްޓަރ އަދީބު ވަނީ އެއްބަސްވެވުނު ގޮތަށް ވިޕްލައިން ނެރުނު ކަމަށް ވިދާޅުވެ ގާސިމަށް ޝުކުރު އަދާ ކުރައްވާ ޓްވީޓެއް ކުރައްވާފައެވެ.
ދެ ފަނޑިޔާރުން ވަކި ކުރުމަށް ޖޭޕީން ފްރީ ވިޕެއް ނެރުނު އިރު، ގާސިމް ވޯޓު ދެއްވީ ދެ ފަނޑިޔާރުން ވަކި ކުރަން ނުފެންނަ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ