ދިވެހި ފުލުހުންނަކީ ތަހުގީގް ކުރުމުގައި ގާބިލް ބައެއް ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
ހޯމް މިނިސްޓަރު މިހެން ވިދާޅުވެފައިވަނީ، މިދިޔަ ސެޕްޓެމްބަރު 28 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ރިޔާސީ ލޯންޗުކޮޅު "ފިނިފެންމާ" ގައި އެއްޗެއް ގޮއްވާލި ހާދިސާ އާއި ގުޅިގެން އެ ހާދިސާގެ ތަހުގީގު ކުރިއަށްދާ ގޮތް ހިއްސާ ކުރުމުގެ ގޮތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.
ނެޝަނަލް އިންކުއަރީ ކޮމިޝަނުގެ ފަރާތުން ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އުމަރު ވިދާޅުވީ ލޯންޗްކޮޅުގައި ހިނގި ހާދިސާ އާއި ގުޅިގެން ހިންގި ތަހުގީގުގައި ލަންކާގެ ފުލުހުންނާއި ދިވެހިން ފުލުހުންނަށް ލިބުނީ އެއް ނަތީޖާއެއް ކަމަށެވެ.
އުމަރު ވިދާޅުވީ މިހާދިސާ ހިނގުމާއެކު ފުލުހުން އެސަރަހައްދަށް ގޮސް އެމައްސަލަ ތަހްގީގް ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.
"ދިވެހި ފުލުހުން ކުރިއަށް ގެންދިޔަ ތަހުގީގުންވެސް އެނގިގެންދިޔަ މިއީ އެއާ ކޮންޑިޝަނުން ގޮވި ގޮވުމެއް ނޫންކަން. ލަންކާގެ ތަހުގީގު ޓީމަށްވެސް ތަހްގީގް ކުރެވުނީ މިއި އެއާ ކޮންޑިޝަނުން ގޮވި ގޮވުމެއް ނޫންކަން. ލަންކާގެ ތަހުގީގް ޓިމަކީ ތަޖުރިބާ ހުރި ޓީމެއް. 25 އަހަރު ތަހްގީގް ކުރުމުގައި ހޭދަކޮށްފައިވާ ޓީމެއް" އުމަރު ވިދާޅުވިއެވެ.
އުމަރު ނަސީރު ވިދާޅުވީ މިކަން ކުރި ބަޔަކަށް ހައްގު އަދަބު ލިބޭ ވަރަށް ދިވެހި ފުލުހުން މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި މިއީ ރައީސްއެއް އަވަހާރަކޮށްލަން ރާއްޖޭގައި ދިން ފުރަތަމަ ހަމަލާ ކަމަށާއި މިއީ ވަރަށް ހައްސާސީ މައްސަލައެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެސިސްޓެންޓް ކޮމިޝަނަ އޮފް ޕޮލިސް އަބްދުﷲ ނަވާޒް ވިދާޅުވީ މިހާދިސާ ތަހްގީގު ކުރުމަށްޓަކައި ދެފަހަރެއްގެ މަތިން ލޯންޗަށް ދިޔަ ކަމަށާއި ލޯންޗް މިހާރު އޮތީ ތަހުގީގް ޓީމްގެ ބެލުމުގެ ދަށުގައި ކަމަށެވެ.
ނަވާޒު ވިދާޅުވީ ރާއްޖޭގެ ފުލުހުންގެ ފޮރެންސިކް ޓީމަކީ ފުދޭވަރަކަށް ރަނގަޅު ޓީމެއް ކަމަށެވެ.
ނެޝަނަލް އިންކުއަރީ ކޮމިޝަނަކީ ރައީސްއަށް އަމާޒުކޮށްގެން ރައީސް ދަތުރުކުރެއްވި ރިޔާސީ ލޯންޗްކޮޅުގައި ދިން ހަމަލާ ތަހުގީގުކޮށް އެކަމުގައި ފިޔަވަޅުތައް އެޅުމަށް ލަފާ ދިނުމަށް ރައީސް އުފައްދަވާފައިވާ ކޮމިޝަނެކެވެ.
އެ ކޮމިޝަންގެ ޗެއާ އަކީ ރައީސް އަބްދުﷲ ޔާމިންއެވެ. އަދި ކޯޗެއާ އަކީ ހޯމް މިނިސްޓަރު އުމަރު ނަސީރެވެ. ކޮމިޝަންގެ ބެލުމުގެ ދަށުން މި ތަހުގީގު ދާއިރު، އެ ކޮމިޝަންގައި ދެން ހިމެނިވަޑައިގަންނަވާ މެންބަރުންނަކީ ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނެރަލް އަހުމަދު ޝާހިދާ ކާނަލް އަބްދުއްރައޫފް ކެޕްޓަން އަލީ އިހުސާން އެސިސްޓެންޓް ކޮމިޝަނާރ އޮފް ޕޮލިސް މުހައްމަދު ޖަމްްޝީދު އެސިސްޓެންޓް ކޮމިޝަނާރ އޮފް ޕޮލިސް އަބްދުﷲ ނަވާޒު ޗީފް ސްޓޭޝަން އިންސްޕެކްޓާ މުހައްމަދު ސާމިހުއެވެ.
ދިވެހި ފުލުހުންނަކީ ތަހުގީގް ކުރުމުގައި ގާބިލް ބައެއް - އުމަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ