މާލޭގެ ގިނަ ސްކޫލްތަކެއްގެ ބޭންޑްތައް ބައިވެރިވާ ގޮތަށް "ސްކޫލް ބޭންޑް ފެސްޓިވަލް" އެއް ބާއްވަން އެސްޓީއޯ އިން ނިންމައިފި އެވެ.
އަންނަ ހުކުރު ދުވަހު ހަވީރު އާޓިފިޝަލް ބީޗުގައި ބާއްވަން ހަމަޖެހިފައިވާ ފެސްޓިވަލްގައި މާލޭގެ ގިނަ ސްކޫލްތަކެއްގެ ބޭންޑުތަކުން އެ ބޭންޑުތަކުގެ އައިޓަމްތައް ހުށަހަޅައިދޭނެ އެވެ.
އެޑިއުކޭޝަން މިނިސްޓްރީ އާއި ގައުމީ ކެޑޭޓް ކޯގެ އެއްބާރުލުމާ އެކު ބާއްވާ އެ ފެސްޓިވަލްގައި ބައިވެރިވެފައިވާ ސްކޫލްތަކުގެ ތެރޭގައި މާފަންނު މަދަރުސާ އާއި މަޖީދިއްޔާ ސްކޫލާއި ކަލާފާނު ސްކޫލާއި އިސްކަންދަރު ސްކޫލާއި ޖަމާލުއްދީން ސްކޫލާއި އަމީނިއްޔާ ސްކޫލުގެ އިތުރުން އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލް ހިމެނެ އެވެ.
އެސްޓީއޯގެ މީޑިއާ އޮފިޝަލް މިއަދު "ސަން" އަށް ވިދާޅުވީ، މީގެ ކުރިން ސްކޫލްތަކުން އެ ސްކޫލްތަކުގެ ބޭންޑުތަކުގެ ހުނަރު މަގުތަކުގައި ވެސް ދައްކަމުން އައި ނަމަވެސް މިހާރު އެކަން ކުޑަކޮށް "ހިނދެމުންދާ" ކަމަށެވެ. އެހެންކަމުން ސްކޫލްތަކުގެ ބޭންޑުތަކުގެ ހުށަހެޅުންތައް އެއްތަނަކުން ގެނެސްދިނުމުގެ ބޭނުމަކީ އެ ބޭންޑްތަކުގެ ހުނަރު އާންމުންނަށް ދައްކާލައި ކުރިއަށް ދިއުމަށް ހިތްވަރު ދިނުން ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
"މީގެ ކުރިން ވަރަށް ގިނައިން ކޮށްއުޅޭ ކަމެއް ސްކޫލްތަކުގެ ބޭންޑްތަކުގެ އައިޓަމްތައް ދައްކާލުމަކީ. އެކަމަކު މިހާރު އެކަން މަޑުމަޑުން ހިނދެމުން މިދަނީ. އެހެންވީމަ އެ ބޭންޑުތަކުގެ ހުނަރު އާންމުންނަށް ދައްކާލައި ކުރިއަށް ދިޔުމަށް ހިތްވަރު ދިނުން މި ފެސްޓިވަލްގެ ބޭނުމަކީ،"
އޮފިޝަލް ވިދާޅުވީ ކުރިއަށް އޮތް ތާނގައި ވެސް އެ ފެސްޓިވަލް މެދުނުކެނޑި ކުރިއަށް ގެންދަން އެސްޓީއޯ އިން ވިސްނާކަމަށެވެ.
ސްކޫލް ބޭންޑުތަކުގެ ހުނަރު ދައްކާލުމަށް ބޮޑު ފެސްޓިވަލެއް ބާއްވަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ