"ހައްލަކީ އުމަރު" ކަމަށް ވިދާޅުވެ ފަހަރަކު ޕާޓީއެއް ތަޖުރިބާ ކުރައްވަމުން ވަޑައިންނަވާ އުމަރު ނަސީރަށް މިފަހަރު ފެނިވަޑައިގަތީ ޖުމްހޫރީ ޕާޓީއެވެ. މިއީ އުމަރު ޖުމްހޫރި ޕާޓީއާއި ގުޅުނު ދެވަނަ ފަހަރެވެ. މިދިޔަ ރިޔާސީ އިންތިޚާބުގައި ޕީޕީއެމްގެ ޕްރައިމަރީގައި ރައީސް އަބްދުﷲ ޔާމީން އާއި ވާދަކުރައްވައި އުމަރަށް ނާކާމިޔާބު ވުމުން ވަނީ އެ ވޯޓުގެ ނަތީޖާ ޤަބޫލު ނުކޮށްފައެވެ. މިކަމުގެ ސަބަބުން އުމަރު އެޕާޓީން ވަކިކޮށްފައި ވީނަމަވެސް އުމަރަކީ މި ސަރުކާރުގެ ފުރަތަމަ ހޯމް މިނިސްޓަރެވެ. އޭރު ޖުމްހޫރީ ޕާރޓީގައި ހުންނެވި އުމަރު އެ ޕާޓީން ވަކިވެފައިވަނީ 2015 ވަނަ އަހަރެވެ. އެއީ ޖުމްހޫރީ ޕާރޓީން ރައީސް ޔާމީންގެ ސަރުކާރާށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ދަނިކޮށެވެ.
ވެރިކަމުގެ އުފަލާއި ލައްޒަތަށް، އަބަދުވެސް ލޯބިކުރައްވާ އުމަރު އަނެއްކާވެސް އުނބަށް ޖެއްސެވީތީ ހައިރާނެއް ނުވެއެވެ. ނަމަވެސް ސިޔާސީ ދާއިރާގައި އުޅުއްވާ މީހެއްގެ ހައިސިއްޔަތުން ނަމަވެސް އުމަރަށް ޤާނޫނު ނޭނގުނީތީ ހައިރާން ވަމެވެ. އެ ޕާރޓީއަށް ސޮއި ކުރެއްވުމުގެ ހަޤީގީ މަޤްސަދަކީ ބޯމަތިވަމުން މިއަންނަ ރިޔާސީ އިންތިޚާބުކަން ކަށަވަރުވެއެވެ. ޖުމްހޫރީ ޕާރޓީއަށް ސޮއި ކުރެއްވުމަށްފަހު އުމަރު ވިދާޅުވީ ޖުމްހޫރީ ޕާރޓީގެ ފަހުލަވާނުންނާއި އެކު ފަލިޖަހާފައި 2018 އާއި ދިމާޔަށް ދަތުރު ކުރަން ޖެހޭ ކަމަށެވެ. ފަލިޖަހާފައިވިޔަސް، އިންޖީނުއަޅައިން ވިޔަސް، ރޮކެޓު ސްޕީޑުގައި ނަމަވެސް ޖުމްހޫރީ ޕާރޓީން 2018 ވަނަ އަހަރުގެ އިންތިޚާބަށް ތައްޔާރުވާން ހަރުދަނާ ލީޑަރޝިޕެއް ބޭނުންވާނެއެވެ.
2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް ޤާސިމު ގެންނަވަން ކުރާންޖެހޭ ހުރިހާ މަސައްކަތްތަކެއް ކުރައްވާނެ ކަމަށް އުމަރު ވިދާޅުވާއިރު އެ ޕާރޓީގެ މާލިމީ ކަމުގައި ހުންނެވި ޤާސިމް އިބްރާހިމް ހުރީ ތިން އަހަރާއި ދެ މަހުގެ ޖަލު ހުކުމެއްގައެވެ. އަނެއްކޮޅުން ޤާނޫން ބުނާގޮތުން ވެރިކަމަށް ކުރިމަތިލާ މީހަކީ އުމުރުން ތިރީސް ފަސް އަހަރާއި ފަސްދޮޅަސް ފަސް އަހަރާއި ދެމެދުގެ މީހަކަށް ވާންޖެހެއެވެ. ޤާސިމް އަކީ އުމުރުން ފަސްދޮޅަސް ފަސް އަހަރުން މަތީގެ ބޭފުޅަކަށްވާއިރު ޤާސިމް ވެރިކަމަށް ގެންނާން އުމަރު މިކިޔާ ލަވަޔަކީ މަލާމާތެއް ނޫންހެއްޔެވެ؟
ހަމައެޔާއެކު ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ މީހަކަށް ވެރިކަމަށް އާދެވޭނީ ކޮން ޤާނޫނީ ހަމަޔަކުންކަން އުމަރަށް ނޭނގުން މިއީ އާދައިގެ ކަމެއް ނޫނެވެ. އެޅި ބަތަކަށް ރިހަ ކިޔަމުން މީގެ ކުރީންވެސް ވެރިކަމަށް ކުރިމަތިލާފައިވާ ޤާސިމްއަށްވެސް އުމަރަށްވެސް ރައްޔިތުން ވަނީ ނޫނެކޭ ބުނެފައެވެ. މީގެ އިތުރުން 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް ޤާސިމް އިބްރާހީމް ގެނައުމަށް އުމަރު ގޮވާލާފައިވާއިރު ޤާނޫނު އަސާސީގެ 109 ވަނަ މާއްދާގެ (ބ) ގައި ރައީސުލްޖުމްހޫރިއްޔާ ކަމަށް ކުރިމަތިލާ މީހެއްގެ ކިބައިގައި ހުންނާންޖެހޭ ޝަރުތުތަކުގެ ތެރޭގައި އަދާކުރަންޖެހޭ ސާބިތު ދަރަންޏެއް އޮތް މީހަކު ނަމަ، އެ ދަރަނި ޚަލާސްނުކޮށް ހުރި މީހަކު ކަމުގައި ނުވުން ހިމެނެއެވެ. ކަންމިހެން ހުރުމާއެކު ޤާސިމް އިބްރާހީމްއަށް ވެރިކަމަށް އާދެވޭނެ ޤާނުނީ އެއްވެސް ހަމައެއް ފަހިވެފައި ނެތްއިރު، އުމަރު ނަސީރު އިދިކޮޅު އެހެން ޕާޓީ ތަކަށްވެސް، ޤާސިމް ވެރިކަމަށް ގެންނެވުމާމެދު ވިސްނާން ގޮވާލުމަކީ އެންމެންނަށް އިނގޭ ބޮޑު ސިއްރަށް މަގު ފަހިކުރުމަށް އުމަރު ކުރަމުންދާ މަސައްކަތްކަން ޔަޤީންވެއެވެ.
ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާސިމް އިބްރާހީމް ބޭސް ފަރުވާޔަކަށް ކަމަށް ވިދާޅުވެ ބޭރަށް ވަޑައިގެން، ފިއްލަވައިން އުޅުއްވަމުންދާ މި ދަނޑިވަޅުގައި އުމަރު މި މަސައްކަތް ކުރައްވަނީ އަންނަ ރިޔާސީ އިންތިޚާބުގައި ޖުމްހޫރީ ޕާރޓީގެ ޓިކެޓަށްކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ. ޖުމްހޫރީ ޕާޓީން އަބަދުވެސް މަސައްކަތް ކޮށްފައިވަނީ އެހެން ޕާޓީތައް ވެރިކަމަށް ގެނައުމަށްކަމަށް އުމަރު ވެދާޅުވެފައިވާއިރު ޤާސިމް އިބްރާހީމް އަކީ 2008 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައިވެސް، އަދި 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައިވެސް ރައްޔިތުން ނޫނެކޭ ބުނެފައިވާ ފަރާތެއްކަން ފާހަގަ ކޮށްލަން ޖެހެއެވެ. ވެރިކަމުގެ ދަހިވެތި ކަމުގައި އުމަރަށް ދެއްކޭ ވާހަކަ ރަނގަޅަށް ނަގައި ނުގަނެވިގެން އުޅޭއިރު އިދިކޮޅު އެހެން ޕާޓީތަކުންވެސް ޤާސިމް ވެރިމަށް ގެންނާން ވިސްނާން އުމުރު މިވަނީ ގޮވާލާފައެވެ.
އުމަރު މިހެން ގޮވާލައްވާފައިވާއިރު ވެރިކަން ކުރަން ނޭނގިގެން ޤައުމު ދޫކޮށް ފިލި ގައިދީއަކު އަދިވެސް އަންނަނީ ވެރިކަމުގެ ދަހިވެތިކަމުގައި މަރުފަލި ޖަހަމުންނެވެ. ވެރިކަމަށް އާދެވޭނެ ގޮތްތައް ހޯދާ ބަލަމުން ދިރާސާކުރަމުން އަންނަ ކުރީގެ ރައީސް ނަޝީދުއަށް އަދި މިހާތަނަށް ހޯދުނު ސައިންޓިފިކް ވިސްނުން މިދަނީ ފެއިލް ވަމުންނެވެ. އިދިކޮޅު ޕާރޓީތަކުން އެއްވެ އިންތިޤާލީ ކެނޑިޑޭޓެއް ނެރުމުގެ ވިސްނުން ނަޝީދު ފާޅުކޮށްފާވާއިރު އިދިކޮޅު އިއްތިހާދުން ނެރެން ގަސްތުކޮށްފައިވަނީ ޕާޓީގެ ކެނޑިޑޭޓެކެވެ. ނަމަވެސް ޖުމްހޫރީ ޕާރޓީންނާއި އަދާލަތުންވެސް 2018 ގައި ކެނޑިޑޭޓެއް ނެރޭނެ ކަމުގެ ސިގްނަލް މިވަނީ ދީފައެވެ.
2018ގެ އިންތިޚާބަށް ވެރިކަމާއިގެން ކޯޅޭ މީހުންގެ އަމަލުތައް މިހެން ހުރިއިރު، ޤައުމާމެދު ވިސްނާ ފިކުރު ހިންގާ މީހުން ތިބީ ހެވިފައެވެ. ރައީސް ޔާމީން އާއި އެކު މިދަނީ ޤައުމީ ނައު ކުރިޔަށެވެ. "ފިތުނަވެރިން ކަޅިއަޅައިފި، މިތުރުން ހިނިތުން ވެލައިފި" އެވެ. ނަމަވެސް އެ ފިތުނައިގެ ޖެހޭކަށް ދެން ނެތީމެވެ. ވެރިކަމާއިގެން ފެންބޮވައިގެންފައިތިބި މީހުން ތަހުތައް ވެރިވެގަންނާނެ ގޮތްތައް ހޯދާ ބަލަމުންދާއިރު، ރައްޔިތުން މިތިބީ ރައީސް ޔާމީން ގެންނަވާ ތަރައްޤީގެ ފޮނި މީރުކަން ހާސިލް ކުރުމުގައެވެ. އެމަނިކުފާނުގެ ދުރުވިސްނޭ ސިޔާސަތުތަކާއިއެކު ރާއްޖެ ދެކެމުންމިދާ ތަރައްޤީއަކީ އެހެން އެއްވެސް ވެރިޔަކަށް ހޯދައިދެވޭނެ ތަރައްޤީއެއް ނޫންކަން މި ހަތަރު އަހަރުތެރޭގައިވެސް، ރައީސް ޔާމީންގެ ސަރުކާރުން ރައްޔިތުންނަށް މިވަނީ ސާބިތުކޮށްދީފައެވެ.
ހައްލަކީ އުމަރު - އެޅި އަތަކަށް މަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ