އެމްޑީއޭގެ ކައުންސިލް މެމްބަރު ސިނާން އައިލެންޑް އޭވިއޭޝަން ބޯޑުން ވަކިކޮށްފި

ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމްޑީއޭގެ އާއި ޕީޕީއެމާ ދެމެދު އޮތް ގުޅުން ގޯސްވެފައި ވަނިކޮށް، އެމްޑީއޭގެ ކައުންސިލް މެމްބަރު ސިނާން އަލީ އައިލެންޑް އޭވިއޭޝަންގެ ބޯޑުން ވަކިކޮށްފިއެވެ.
ގައުމީ އެއާލައިން ހިންގާ، އައިލެންޑް އޭވިއޭޝަންގެ ބޯޑަށް މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އައްޔަން ކުރި ސިނާން އެ ބޯޑުން ވަކިކުރެއްވިކަން ޕްރައިވަޓައިޒޭޝަން ބޯޑުގެ ރައީސް މުހައްމަދު ނިޒާރު ވަނީ މީޑިއާތަކަށް ކަށަވަރު ކޮށްދެއްވާފައެވެ. ނަމަވެސް އޭނާ މަގާމުން ވަކިކުރެއްވި ސަބަބެއް ބުނެފައެއް ނުވެއެވެ.
ސިނާނަކީ އެމްޑީއޭގެ ކައުންސިލްގެ މެމްބަރެއްގެ އިތުރުން، އޭނާ ގެންދަވަނީ އެ ޕާޓީގެ މީޑިއާ ކޯޑިނޭޓަރުކަން ވެސް ކުރައްވަމުންނެވެ. އައިލެންޑް އޭވިއޭޝަންގެ ބޯޑަށް ސިނާން އައްޔަން ކުރެއްވުމުގެ ކުރިން އޭނާ ހުންނެވީ ސްޓެލްކޯގެ ޗެއާމަންގެ މަގާމުގައެވެ. އެ މަގާމަށް އޭނާ ބަދަލު ކުރެއްވުމުގެ ކުރިން ހުންނެވީ އެމްޓީސީސީ ބޯޑުގައެވެ.
އައިލެންޑް އޭވިއޭޝަންގެ ބޯޑުން ސިނާން ވަކިކުރައްވާފައި ވަނީ އެމްޑީއޭ އާއި ޕީޕީއެމާ ދެމެދު އޮތް ގުޅުން ގޯސްވެ، ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީންގެ ކެމްޕެއިން ހަރަކާތްތަކުން ސިޔާމް ދުރަށް ޖެހިވަޑައިގެންފައިވަނިކޮށެވެ. ރައީސް ޔާމީންގެ ޒަމާންވީ އެކުވެރިޔާ ސިޔާމް ވަނީ އެމްޑީއޭ ހިންގުން ވެސް ދުރަށް ޖެހިވަޑައިގެން، އެ ޕާޓީގެ ހިންގުން ޕާޓީގެ ނައިބު ލީޑަރު އަލީ މައުރޫފާ ހަވާލު ކުރައްވާފައެވެ.
ރިޔާސީ އިންތިހާބުގައި ތާއިދު ކުރާނެ ކެންޑިޑޭޓަކު އެމްޑީއޭއިން ކަނޑައަޅާފައި ނުވާއިރު، އެމްޑީއޭގެ ބައެއް މެމްބަރުން ފާޅުގައި ގެންދަވަނީ ގުޅިފައިވާ ޕާޓީތަކާއެކު މަސައްކަތް ކުރަމުންނެވެ.
ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ