ދައުލަތުގެ މަސައްކަތަށް ހުރަސް އެޅިކަމުގެ ދައުވާއަށް އަބްދުﷲ ސައީދު އިންކާރެއް ނުކުރި

ދައުލަތުގެ މަސައްކަތަށް ހުރަސް އެޅިކަމުގެ ދައުވާއަށް އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު އިންކާރެއް ނުކުރިއެވެ.
އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް ދައުލަތުން ކުރާ ދައުވާއެއްގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި މިއަދު ކުރިއަށް ގެންގޮސްފައިވާއިރު، އުއްތަމަ ފަނޑިޔާރުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުލަތުގެ މަސައްކަތަށް ހުރަސް އެޅުމުގެ ދައުވާއަށް އެމަނިކުފާނު އެއްގޮތަކަށްވެސް އިންކާރު ކުރައްވާފައިނުވާކަން ފާހަގަކޮށްލަން ޖެހެއެވެ.
މިދިޔަ ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރަށް ފަހު، ރައީސް އަބްދުﷲ ޔާމީން އިއުލާން ކުރެއްވި ކުއްލި ނުރައްކަލުގެ ހާލަތުގައި، ހައްޔަރުކުރި އުއްތަމަ ފަނޑިޔާރުގެ މައްޗަށް ހަތަރު ދައުވާއެއް ދައުލަތުން ކުރާއިރު، ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް ތިން ދައުވާއެއް ކުރެ އެވެ.
މި ދެ ފަނޑިޔާރުންގެ މައްޗަށް ޓެރަރިޒަމްގެ ދައުވާކޮށްފައިވާއިރު، ޖިނާއީ ބޮޑެތި ތުހުމަތުތަކެއް ވެސް ވަނީ ކުރެވިފައެވެ.
އަބްދުﷲ ސައީދަށް ކުރާ ދައުވާތަކުގެ ތެރޭގައި، ރިޝްވަތުގެ ގޮތުގައި ފައިސާ ހިފުމަށް ފަހު، ޝަރުއީ ހުކުމްތައް ވަކި ގޮތަކަށް ކުރުމާއި ގާނޫނީ ގޮތުން އުފެދިފައި އޮތް ސަރުކާރު، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ބަދަލުކުރަން މަސައްކަތް ކުރުމާއި ދައުލަތް ހިންގުމަށް ހުރަސް އެޅުމާއި ޖިނާއީ އަދުލުގެ ނިޒާމު ހިންގުމަށް ގަސްދުގައި ހުރަސް އެޅުމުގެ ދައުވާ ހިމެނެއެވެ.
ރާއްޖޭގައި އުފެދިފައިވާ ޤާނޫނީ ސަރުކާރު ވައްޓާލުމަށް ސުޕްރީމް ކޯޓު ތެރެއިން ކުރި މަސައްކަތުގައި ކޯޓުގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދަށް 2.4 މިލިއަން ޑޮލަރުގެ މަންފާއެއް ލިބިފައިވާކަމަށް ފުލުހުންގެ ތަޙުޤީޤުތަކަށް ދައްކާފައިވާކަމަށް ދިވެހި ފުލުހުންވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ