މެމްބަރު މުހައްމަދު ރަޝީދު ފުލުސް އޮފީހަށް ހާޒިރުކޮށްފި

ފަނޑިޔާރުންނާއި އެބޭފުޅުންގެ އާއިލާއަށް ބިރުދެއްކި ކަމުގެ ތުހުމަތުގައި ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޯޅި ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ފުލުސް އޮފީހަށް ހާޒިރުކޮށްފި އެވެ.
ސަން އަށް މައުލޫމާތު ދެއްވަމުން މުހައްމަދު ރަޝީދު ވިދާޅުވީ އޭނާ ފުލުސް އޮފީހަށް ހާޒިރުކުރީ ރޭ 8:00 ގައި ކަމަށެވެ.
އޭނާ ވިދާޅުވީ ދާދިފަހުން ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަދައްކަވަމުން ފަނޑިޔާރުންނާއި އެބޭފުޅުންގެ އާއިލާއަށް އިންޒާރުދެއްވާފައިވާ ކަމަށް ބުނެ އެކަމާ ގުޅޭގޮތުން ފުލުހުން އޭނާއާ ސުވާލުކުރެއްވި ކަމަށެވެ. ނަމަވެސް އެއްވެސް ސުވާލަކަށް ޖަވާބުނުދެއްވައި ގާނޫނު އަސާސީން ލިބިދޭ ހަނުހުރުމުގެ ހައްގުގެ ބޭނުން ކުރައްވާފައިވާ ކަމަށް ވެސް މުހައްމަދު ރަޝީދު ވިދާޅުވި އެވެ.
"ގާނޫނު އަސާސީން ލިބިދޭ ހަނުހުރުމުގެ ހައްގެ ބޭނުން އަޅުގަނޑު ކުރީ،" މުހައްމަދު ރަޝީދު ވިދާޅުވި އެވެ.
ފުލުހުން ކުރާ ތުހުމަތަކީ ތެދެއްތޯ ނުވަތަ ނޫންތޯ ދެންނެވުމުން މުހައްމަދު ރަޝީދު ވިދާޅުވީ ފުލުހުން އެ ސުވާލު ކުރުމުން އޭނާ ހުންނެވީ ހަނު ކަމަށެވެ. އެހެންކަމުން މީޑިއާއިން އެ ސުވާލު ކުރިއަސް ހުންނަނަވާނީ ހަނު ކަމަށް އޭނާ ވިދާޅުވި އެވެ.
"ފުލުހުން ސުވާލު ކުރުމުން އަޅުގަނޑު ހުރީ ހަނު. އެހެންވީމަ މީޑިއާއިން ސުވާލު ކުރިއަސް ހުންނާނީ ހަނު،" މުހައްމަދު ރަޝީދު ވިދާޅުވި އެވެ.
މުހައްމަދު ރަޝީދުގެ އިތުރުން ފޭދޫ ދާއިރާގެ މެމްބަރު އަލްހާން ފަހުމީވެސް ވަނީ އެ މައްސަލައާ ގުޅިގެން ފުލުސް އޮފީހަށް ހާޒިރު ކުރައްވާފަ އެވެ.
ހަނު ހުންނެވުމުގެ ބަދަލުގައި ފުލުހުންގެ ސުވާލުތަކަށް ޖަވާބުދެއްވަމުން އަލްހާން ވިދާޅުވެފައި ވަނީ ފަނޑިޔާރުންނާއި އެބޭފުޅުންގެ އާއިލާއަށް އިންޒާރު ދިނުމުގެ ގޮތުން އެއްވެސް ވާހަކައެއް އޭނާ ދައްކާފައި ނުވާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ