އައްޑޫ ކަރަންޓުގެ އަގު އެއްގޮތަކަށް ވެސް ބޮޑެއް ނުވޭ: ފެނަކަ

އައްޑޫ ސިޓީގެ ކަރަންޓުގެ އަގު އެއްގޮތަކަށް ވެސް ބޮޑު ނުވާ ކަމަށް ފެނަކަ ކޯޕަރޭޝަނުން މިއަދު ބުނެފި އެވެ. އައްޑޫ ސިޓީގެ ކަރަންޓުގެ މައްސަލައާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ސަރުކާރު މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމެޓީގެ މެމްބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނިމާލު ވިދާޅުވީ، އައްޑޫ ސިޓީގެ ކަރަންޓުގެ އަގަށް ބަދަލެއް ނާންނަ ކަމަށެވެ. އޭނާ ވިދާޅުވީ ފެނަކަ ކޯޕަރޭޝަނުން އަމަލު ކުރަމުން މިހާރު ވެސް ދަނީ އޭރުގެ ޔުޓިލިޓީޒް އިން 2009 ވަނަ އަހަރު ފާސްކުރި ގޮތަށް ކަމަށެވެ. "އެހެނެއް ނޫން އެވްރެޖުކޮށް ރާއްޖޭގައި މާޗު އޭޕުރީލް ހިސާބުގައި ކަރަންޓު ބިލުތަކަށް ބަދަލުތަކެއް އާދޭ. މާލޭގައި ވެސް އަދި އަތޮޅު ތެރޭގައި ވެސް. އެއީ ރާއްޖެ މި އޮންނަ ސަރަހައްދުގެ ގޮތުން އީކުއޭޓަރ ހޫނު ގަދަކަން ފާހަގަކުރެވޭ. އެހެންވެ ކަރަންޓު ބޭނުން ކުރެވޭ މިންވަރު ތަފާސް ހިސާބުތަކަށް ބަލާއިރު އެބަ އިތުރުވެގެންދޭ. އެހެންވެ ކަރަންޓު ބިލަށް ފަހަރެއްގައި ވިއްސަކަށް ތިރީހަކަށް ރުފިޔާ އިތުރުވެފައި އޮވެދާނެ. އެކަމަކު ކަރަންޓު ރޭޓަކަށް ބަދަލެއް ނާދޭ،" ނިމާލު ވިދާޅުވި އެވެ. މިއަދު އޮތް ސަރުކާރު މަސްއޫލިއްތު ކޮމެޓީގައި ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނިމާލު (ކ) އެ ކޯޕަރޭޝަންގެ ޗެއާމަން މުހައްމަދު ނަދީމު: ސަން ފޮޓޯ/ އަލީ ނަސީރު އައްޑޫ ސިޓީގައި ހުރި ދެ ޖަނެރޭޓަރު މާލެ ގެނެސްފައިވާތީ އެ ސިޓީއަށް ދެން ޖަނަރޭޓަރު ލިބޭނީ ކޮން ދުވަހަކުންތޯ އައްޑުއަށް ނިސްބަތްވާ މެމްބަރުން ވަނީ ފެނަކަ ކޯޕަރޭޝަންގެ އިސްވެރިން ގާތު ސުވާލު ކުރައްވައިފައެވެ. ނިމާލު ވިދާޅުވީ، ކުރިއަށް އޮތް ދެތިން މަހެއްގެ ތެރޭގައި އައްޑޫ ސިޓީއަށް ދެ ޖަނެރޭޓަރު ގެންދާނެ ކަމަށެވެ. އެހެންނަމަވެސް ޖަނެރޭޓަރު ގެންދިޔަ ކަމުގައި ވިއަސް ކަރަންޓުގެ މައްސަލައަށް ހައްލެއް ނާންނާނެ ކަމަށެވެ. އޭނާ ވިދާޅުވީ، ޖަނެރޭޓަރާއި އެކީގައި ޑިސްޓުރިބިއުޝަން ނެޓުވޯކުގެ އެހެން ކަންތައްތައް ވެސް ރަނގަޅު ކުރަން ޖެހޭނެ ކަމަށެވެ. "އަޅުގަނޑުމެން ކުންފުނީގެ ފަރާތުން ގާތްގަނޑަކަށް މީގެ ތިން ހަފްތާ ކުރިން ރަށްރަށަށް ބޭނުންވާ ޓުރާންސްފޯމަރު ގެންނަން ވަނީ ސޮއިކޮށްފައި. އެއީ ގާތްގަނޑަކަށް 32 ޓުރާންސްފޯމަރު އެބަ ގެންނަން. އޭގެތެރޭގައި ވެސް އެންމެ ގިނަ ޓުރާންސްފޯމަރު މި ގެންދަނީ އައްޑޫ ސިޓީ އަށް. އެހެންވީމަ ޖަނެރޭޓަރާއި އެކީގައި އެބަހުރި ވަރަށް ގިނަ ކަންތައްތަކެއް ރައްޔިތުންނަށް ހިދުމަތް ފޯރުކޮށްދިނުމަށްޓަކައި ކަރަންޓު އަޕްގުރޭޑު ކުރުމަށްޓަކައި،" ނިމާލު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ