ހާޒިރީ "ނިކަމެތި" މެމްބަރުން މަޖިލީހަށް ހޮވާތީ ނަޝީދު ފާޑުވިދާޅުވެއްޖެ

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކަށް ވަޑައިނުގެން ތިއްބަވާ މެމްބަރުންނަށާއި އެ މެމްބަރުން ތަކުރާރުކޮށް ހޮވާ ރައްޔިތުންނަށް ވެސް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ފާޑުވިދާޅުވެއްޖެ އެވެެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ނަޝީދު ވިދާޅުވީ މެމްބަރުން މަޖިލީހަށް ވަޑައިނުގެން މުސާރަ ނަންގަވާތީ ރައްޔިތުންގެ ޝަކުވާ އެ މަނިކުފާނަށް ވަރަށް ގިނައިން ލިބިވަޑައިގަންނަވާ ކަމަށެވެ. ނަޝީދު ވިދާޅުވީ އެހެން ހާޒިރީ ދަށްކޮށް އުޅުއްވާ މެމްބަރުންނަކީ އެ ބޭފުޅުންގެ ބަރުލަމާނީ މުޅި ހަޔާތުގައި ވެސް ހާޒިރީ ދަށް މެމްބަރުން ކަމަށެވެ. ނަމަވެސް އެ މެމްބަރުން ތަމްސީލުކުރައްވާ ދާއިރާތަކުގެ ރައްޔިތުން ތަކުރާރުކޮށް އެ ބޭފުޅުން އިންތިހާބުކުރާ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.
"އެހެންވީމާ އެބޭފުޅުންގެ ރައްޔިތުން އެ ބޭފުޅުންނަށް ތަކުރާރުކޮށް އެބަ ވޯޓް ދޭ މިތަނަށް ވަޑައިނުގަންނަވާން. [ވަޑައި]ނުގެންނެވުމަށް ވޯޓުދެއްވާ ކަމަށް މި ފެންނަނީ. އެއީ އެއްފަހަރު ހާޒިރީގެ އެންމެ ފަހަތުގައި ވަނިކޮށް ވެސް، އަނެއްކާ ވެސް އިންތިހާބުވީމާ، އަޅުގަނޑު މިި ހިތަށް އަރަނީ އެއީ އެ ބޭފުޅުންގެ ރައްޔިތުން، އެ އިއްޒަތްތެރި މެމްބަރުން މިތަނަށް އިންތިހާބުކޮށްފައި އެ ވަނީ މިތަނަށް ވަޑައިނުގަތުމަށޭ،" ނަޝީދު ވިދާޅުވި އެވެ.
މަޖިލީހުގެ ބައެއް މެމްބަރުން ޖަލްސާތަކަށް ވަޑައިނުގަންނަވާތީ މީގެ ކުރިން ވެސް އެކި ފަހަރު މަތިން ނަޝީދު ވަނީ ވާހަކަ ދައްކަވައިފަ އެވެ. އެގޮތަށް ތިއްބެވުމުން މުސާރައިން ކެނޑޭގޮތަށް ހަދަން މަޖިލީހުގެ އާއްމު ކޮމިޓީއަށް ވެސް މީގެ ކުރިން ހުށަހެޅުއްވި އެވެ.
Gasim slaamugai hunnavaathaa ahareh
The most trusted news source in the Maldives
Mihaaru
މަޖިލީހުގެ ހާޒިރީ ދަށް ބައެއް މެމްބަރުންގެ ވާހަކަ މިދިޔަ އަންގާރަ ދުވަހު ވެސް ނަޝީދު ދެއްކެވި އެވެ. އެ ދުވަހު ވިދާޅުވީ ކޮމަންޑޫ ދާއިރާގެ މެމްބަރު ހުސައިން ވަހީދު އާލާސްކަންފުޅަކަށް ފަރުވާ ހޯއްދަވަމުން ގެންދަވާ ކަމަށާއި މާމިނގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމް މަޖިލީހަށް ވަޑައިނުގެން ސަލާމުގައި ހުންނަވާތާ އަހެއްހާ ދުވަސް ވެެއްޖެ ކަމަށެވެ. މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދު ވެސް ސަލާމުގައި ހުންނަވާތާ ގިނަ ދުވަސްތަކެއް ވެއްޖެ ކަމަށް ވިދާޅުވި އެވެ. ނަމަވެސް އޭނާ ވަޑައިނުގަންނަވާތާ ވީ ކިހާ ދުވަހެއް ކަމެއް ވިދާޅެއް ނުވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ