އޭދަފުށިން އިތުރު 25 މީހުން ޕޮޒިޓިވްވެ ހާލަތު ގޯހުން ގޯހަށް!

އޭދަފުށން އިތުރު 25 މީހުން ކޮވިޑް-19 އށް ޕޮޒިޓިވްވެ އަދަދުތައް ތިރިނުވެ މައްޗަށް ދާން ފަށައިފިއެވެ. އެގޮތުން އިއްޔެ އެކަނި 25 މީހުން ބައްޔަށް ވަނީ ޕޮޒިޓިވްވެފައެވެ. އެއާ އެކު މިހާތަނަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ ޖުމްލަ 37އަށް އަރާފައެވެ.
އޭދަފުށިން އެންމެ ފުރަތަމަ ކޮވިޑް ޖެހިފައިވާ މީހަކު ފެނިފައިވަނީ ވަނީ ފްލޫ ކްލިނިކަށް ޑޮކްޓަރަށް ދައްކަން ދިޔަ އަންހެނެކެވެ. އޭނާއާ ޑައިރެކްޓް ކޮންޓެކްޓް ވި އެންމެން މިހާރު ވަނީ އެކަހެރި ކުރެވިފައެވެ.
އަތޮޅު ހޮސްޕިޓަލުން ދީފައިވާ އެންމެ ފަހުގެ މައުލޫމާތު ތަކަށް ބަލާއިރު މިހާތަނަށް ނަގާފައިވާ 452 ސާމްޕަލްގެ ތެރެއިން 429 މީހުން ނެގެޓީވް ވެފައިވާއިރު ނަތީޖާ ނުލިބި އަދި 23 ސާމްޕަލް ވެއެވެ.
ކޮވިޑް މި ހާލަތުގައި ރައްކާތެރިކަމުގެ ގިނަ ފިޔަވަޅުތައް އަޅައިފައިވާއިރު ކޮންމެހެން ބޭރަށް ނިކުންނަން ޖެހިއްޖެ ހާލަތެއްގައިނޫނީ ގެއިން ބޭރަށް ނުނިކުތުމަށާއި މިފަދަ ބޭނުމަކަށް ބޭރަށް ދިޔަނަމަވެސް އެކަކަށްވުރެ ގިނަ މީހުން ނުދިއުމަށް ރަށު ކައުންސިލުން ވަނީ އިލްތިމާސް ކޮށްފަ އެވެ. އަދި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމާއެކު ގައިދުރުކަން އިސްކަން ދިނުމަށްވެސް ކައުންސިލުން އެދެއެެވެ.
އިތުރަށް އަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި ރަށުގައިހިންގާ ބޯކޮށާ ތަންތަން ބަންދު ކުރުމަށާއި އަދި ސައިހޮޓާ ކެފޭފަދަ ތަންތަނުން ވެސް ޑެލިވަރީ ޚިދުމަތް ފިޔަވައި ތަނުގެ ތެރޭގައި ޚިދުމަތް ދިނުމާއި އާއްމު ތަންތަނުގައި ހުންނަ ޖޯލިފަތި ތަކުގަ އާއި މައިޒާން ތަކުގައި ގިނަބަޔަކު އެއްވެ އުޅުން ވެސް ވަނީ މަނާކޮށްފައެވެ.
ރޯގާގެ އަލާމާތެއް ފެންނަ ނަމަ ލަސްނުކުރައްވާ ބ. އަތޮޅު ހޮސްޕިޓަލުގެ ހޮޓްލައިން 6608309 އާ ގުޅައި އެތަނުގެ ފްލޫ ކްލިނިކުގެ އިރުޝާދާ އެއްގޮތަށް އަމަލުކުރަމުން ގެންދިއުމަށާ ކުއްލި ހާލަތުގައި 7740374 ނުވަތަ 9998110 ނަންބަރު ފޯނާ ގުޅައި މައުލޫމާތު ހިއްސާ ކުރުމަށްވެސް ކައުންސިލުން އެދެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ