ޔާމީން ގެއަށް، ޔުމްނާ އާކުރެއްވީ އެ ސަރުކާރުން ބައްޕާފުޅާ ދޭތެރޭ ކަންކުރެއްވި ގޮތް

ކުރީގެ ރައީސް އަދި އިދިކޮޅު މައި ލީޑަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިރޭ ގެއަށް ބަދަލު ކުރެއްވުމުން އާވަނީ އެމަނިކުފާނުގެ ވެރިކަމުގައި ބައްޕާފުޅު ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްއާ ދޭތެރޭ ކަންތައް ކުރެއްވި ގޮތް ކަމަށް ރައީސް މައުމޫންގެ ދަރިކަނބަލުން ޔުމްނާ މައުމޫން ވިދާޅުވެއްޖެއެވެ.
މަނީ ލޯންޑާ ކުރެއްވިކަމުގެ ކުށް ސާބިތުވެ ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ރައީސް ޔާމީން ގޭ ބަންދަށް ބަދަލުކުރީ މިރޭގެ ވަގުތެއްގައެވެ. އެއީ ޖަލުގައި ކޮވިޑު ފެތުރެމުންދާތީ ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބުނެއެވެ.
މި ރޯދަ މަހާ ދިމާކޮށް ޔާމީން ޖަލުން ގެ އަށް ބަދަލުކޮށްދީފައިވާ އިރު، ޔާމީންގެ ވެރިކަމުގައި، އެ މަނިކުފާނުގެ އެއްބަފާ ބޭބޭފުޅު ކުރީގެ ރައީސް މައުމޫންވެސް 2018 ގެ ރޯދަ މަހު ހުރީ ޖަލުގަ އެވެ. އަދި މައުމޫން ގެ އަށް ބަދަލުކޮށްދިނުމަށް އެ މަނިކުފާނުގެ އާއިލާ އިން އެދުމުން އޭރު އިޖާބައެއް ނުދިނެވެ.
ޔުމްނާ މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ރޯދަމަހެއްގެ ތެރޭގައި ރައީސް މައުމޫން ޖަލު ބަންދުގައި ހުންނަވަނިކޮށް އާލާސްކަންފުޅާ އުޅުއްވާތީވެ ގެއަށް ބަދަލުކޮށްދޭން އާއިލާގެ ފަރާތުން އެތައް ފަހަރެއްގެ މަތިން އެދެމުންދިޔަ ހަނދާން މިއަދު އާ ވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ