އިސްރާއީލުގެ އުދުވާނީ ބާރުތަކުން ރެއާއި މިއަދުވެސް ޣައްޒާގެ އެކި ތަންތަނަށް ބޮންއެޅުމުގެ ސަބަބުން 4 މީހުން ޝަހީދުވެ، އެތައްބަޔަކު ޒަޚަމްވެފައިވާ ކަމަށް ޣައްޒާގެ ހެލްތު މިނިސްޓްރީން ބުނެފިއެވެ.
ރޭގެ ހަމަލާތަކުގައި ޝަހީދުވި މީހުންގެ ތެރޭގައި ފަލަސްތީނުގެ ނޫސްވެރިއެއް ކަމަށްވާ ޔޫސުފް އަބޫ ހުސައިންވެސް ހިމެނެއެވެ. އޭނާ ޝަހީދުވީ ޝައިޚް ރައުދާން އަވަށުގައި ހުންނަ އޭނާގެ ގެއަށް އިސްރާއީލުގެ އުދުވާނީ ބާރުކުން ރޭގައި ބޮން އެޅުމުގެ ސަބަބުންނެވެ.
އިސްރާއީލުގެ އުދުވާނީ ސިފައިން މިއަދުވެސް ޣައްޒާގެ ބައެއް ތަންތަނަށް ބޮންއަޚާފައި ވެއެވެ. އެގޮތުން، ޣައްޒާގެ ދެކުނަށާއި، އުތުރުގެ ބައެއް އަވަށްތަކަށް ބޮންއަޅާގައި ވެއެވެ. ރަފަހްގައި ޣައްޒާގެ މިސްރުގެ އިމާ ގާތުގައި ހުރި ގެއަކަށްވެސް މިއަދު ބޮން އަޅާފައި ވެއެވެ.
ރެއާއި މިއަދު ދިން ހަމަލާތަކުގައިވެސް އެތައް އިމާރާތަކާއި، ގެއެއް ބިމާ ހަމަވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.
ޣައްޒާގެ ހެލްތު މިނިސްޓްރީން ބުނެފައިވަނީ، އިސްރާއީލުގެ އުދުވާނުގައި ޣައްޒާއިން ޝަހީދުވި މީހުންގެ ޖުމްލަ އަދަދު މިއަދު 219 އަށް އަރާފައިވާ ކަމަށެވެ. ޝަހީދުވި މީހުންގެ ތެރޭގައި 63 ކުޑަކުދިންނާއި، 36 އަންހެނުންނާއި، އުމުރުން ދުވަސްވީ 16 މީހުން ހިމެނޭ ކަމަށްވެސް ބުނެފައި ވެއެވެ.
އަދި ޒަޚަމްވި މީހުންގެ އަދަދު 1،530 އަށް އަރާފައިވާ ކަމަށްވެސް ޣައްޒާގެ ހެލްތު މިނިސްޓްރީން ބުނެއެވެ. އަދި ގެދޮރު ސުންނާފަތި ވުމުގެ ސަބަބުން މަގުމަތިވެފައިވާ މީހުންގެ އަދަދުވަނީ 72،000 އަށް އަރާފައެވެ.
އިސްރާއީލުގެ ހަމަލާތަކުގެ ރައްދުގައި ހަމާސްއާއި، ފަލަސްތީނުގެ ޖަމާއަތްތަކުންވެސްވަނީ، އިސްރާއީލަށް މިސައިލާއި ރޮކެޓްގެ ވަރުގަދަ ހަމަލާތަކެއް ދީފައެވެ.
އެގޮތުން، އިސްރާއީލުގެ ދެކުނުގެ އަޝްދޯދުއާއި އަޝްކެލޮންއަށް ވަރުގަދަ ހަމަލާތަކެއް ދީފައި ވެއެވެ. މި ހަމަލާތަކުގައި ލިބުނު ގެއްލުންތަކުގެ ތަފްސީލެއް އިސްރާއީލުން ހާމައެއް ނުކުރެއެވެ.
އެ އަވަށްތަކުން ނުރައްކާ އަންނަކަމުގެ ރަނގަބީލުގެ އަޑު މިއަދު ނުކެނޑޭ ކަމަށް މީޑިއާއިން ބުނެއެވެ.
މުޖާހިދުންގެ ހަމަލާތަކުގައި އިސްރާއީލުން މިހާތަނަށް 12 މީހުން މަރުވެފައި ވާއިރު، ޒަޚަމްވި މީހުންގެ އަދަދު 333 އަށް އަރާފައި ވެއެވެ.
އިސްރާއީލުން ޣައްޒާއަށް ބޮން އެޅުން ހުއްޓާނުލާ ކުރިއަށް ގެންދާއިރު، ފަލަސްތީނުގެ ހުޅަނގު އައްސޭރީގައާއި، އިރުމަތީ ގުދުސްގައި ފަލަސްތީނުގެ ޒުވާނުންނާއި އިސްރާއީލުގެ ސަލާމަތީ ބާރުތަކާ ދެމެދު މިއަދުވެސް ވަރުގަދަ ކުރިމަތިލުންތަކެއް ހިނގަމުން އެބަދެއެވެ.
މިއަދުގެ ކުރިމަތިލުންތަކުގައި އިސްރާއީލު ސިފައިން ބަޑިޖަހައި ފަލަސްތީނުގެ 4 ޒުވާނުން ޝަހީދުކޮށްލާފައިވާއިރު، އެތައްބަޔަކު ޒަޚަމްވެފައި ވެއެވެ.
އިސްރާއީލުގެ އުދުވާނު ހުއްޓުވުމަށް އދއާއި، ބައިނަލްއަގްވާމީ މުޖުތަމައު ނުކުޅެދިފައިވާއިރު، އިސްރާއީލު ކުށްވެރިކޮށް އދގެ ސަލާމަތީ މަޖިލީހުން ގުޅިފައިވާ ބަޔާނެއް ނެރެންވެސް އެމެރިކާއިންވަނީ ހުރަސްއަޅާފައެވެ.
ބުރާސްފަތި ދުވަހުގެ ހެނދުނުން ފެށިގެން ހަމަލާތައް ހުއްޓާލުމުގެ ހުށަހެޅުމެއް މިސްރުން ހުށަހަޅާފައިވާ ކަމަށާއި، އެ ހުށަހެޅުމަށް ހަމާސްއިންވެސް އެއްބަސްވެފައިވާ ކަމަށް އިސްރާއީލުގެ މީޑިއާއިން އިއްޔެ ރިޕޯޓް ކޮށްފައި ވެއެވެ. ނަމަވެސް، މިސްރުގެ ހުށަހެޅުމަށް އިސްރާއީލު އެއްބަސްވި ކަމެއް ބުނެފައެއް ނުވެއެވެ.
219 މީހުން ޝަހީދު: ފަލަސްތީނު މީހުންގެ ހިތްވަރަކަށް ބަދަލެއް ނާދޭ!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ