ޝަރުއީ ދާއިރާގެ ފަރާތުން މަޢުލޫމާތު ދިނުމުގެ ޓްރޭނިންގ ޕްރޮގްރާމެއް ބާއްވައިފި

އދ.ޖުޑީޝަލް ދާއިރާގެ މެޖިސްޓްރޭޓް ކޯޓުތަކުގެ މެޖިސްޓްރޭޓުންނަށާއި މުވައްޒަފުންނަށް ޝަރުޢީ ދާއިރާއާ ގުޅޭ މުހިންމު މަޢުލޫމާތާއި، މުވައްޒަފުންނަށް ވަޒީފާއާގުޅޭގޮތުން ބޭނުންވާ މުހިއްމު މަޢުލޫމާތާއި ޓްރޭނިންގ ދިނުމަށާއި، ސަރުކާރު މުއައްސަސާތަކުގެ މުވައްޒަފުންނާއި ސްކޫލު ކުދިންނަށް، ޝަރުޢީ ދާއިރާގެ ފަރާތުން މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ބާއްވައިފިއެވެ.
06 މެއިވީ ބުދަދުވަހު ފެށިގެން 09 މެއިގެ ނިޔަލަށް ކުރިޔަށްދިޔަ މި ޕްރޮގްރާމުގެ ސެޝަންތައް ބާއްވާފައިވަނީ އދ.މަހިބަދޫ އާއި އދ.މަންދޫގައެވެ.
ތިން ދުވަހުގެ މުއްދަތަށް ކުރިޔަށްދިޔަ މި ޕްރޮގްރާމުގައި ފުރަތަމަ އޮތީ ދިވެހިރާއްޖޭގެ ޤާނޫނީ ނިޒާމާއި ޝަރުޢީ ދާއިރާއަށް ހޭލުންތެރިކުރުމަށް އަދ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ގްރޭޑް 9، 10 އަދި 11 ދަރިވަރުންނަށް އަމަޒުކޮށްގެން ބޭއްވި ސެޝަންއެވެ. އދ. މަހިބަދޫގައި ކުރިޔަށް ދިޔަ މި ސެޝަންގައި އެ އަތޮޅު ތަޢުލީމީ މަރުކަޒުގެ ގްރޭޑް 9، 10 އަދި 11 ގައި ތަޢުލީމު ޙާޞިލުކުރާ 70 ދަރިވަރުން ބައިވެރިވިއެވެ.
އެއަށް ފަހު، ދިވެހިރާއްޖޭގެ ޝަރުޢީ ދާއިރާއާ މެދު އދ. މަހިބަދޫގައި ހުންނަ ސަރުކާރު މުއައްސަސާތަކުގެ މުވައްޒަފުން ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން 2 ސެޝަން އަކާއި، އދ. މަންދޫގައި ހުންނަ ސަރުކާރު މުއައްސަސާތަކުގެ މުވައްޒަފުން ނަށް މަޢުލޫމާތު ދިނުމުގެ ސެޝަންއެއް ކުރިޔަށް ގެންދިޔައެވެ. އދ. މަހިބަދޫ އާއި އދ. މަންދޫގައި ވަކިވަކިން ބޭއްވި މި ސެޝަންތަކުގައި ދިވެހިރާއްޖޭގެ ޤާނޫނީ، ދުސްތޫރީ ނިޒާމާއި ޢަދުލު އިންސާފު ޤާއިމުކުރުމުގެ ކަންތައް ހަމަޖެހިފައި އޮތް ގޮތުގެ ތާރީޚާ ގުޅޭ މުހިންމު މަޢުލޫމާތު ބައިވެރިންނަށް ދީފައިވެއެވެ.
އަދި މިހާރު ދިވެހިރާއްޖޭގައި ޝަރީޢަތް ކުރުމުގެ އިންތިޒާމް ހަމަޖެހިފައިވާ ގޮތާއި، ކޯޓުތަކާއި ގުޅޭ މަޢުލޫމާތާއި ކޯޓުތަކުގެ އިޚްތިޞާޞް ކަނޑައެޅިފައިވާ ގޮތުގެ މަޢުލޫމާތު ބައިވެރިންނާ ހިއްސާ ކޮށްފައިވެއެވެ.  އދ. މަހިބަދޫގައި ހުންނަ ސަރުކާރު މުއައްސަސާތަކުގެ މުވައްޒަފުންނަށް އަމާޒުކޮށްގެން ބޭއްވި ބައްދަލުވުންތަކުގައި ޖުމްލަ 30 މުވައްޒަފުން ބައިވެރިވެފައިވާއިރު، އދ. މަންދޫގެ ސަރުކާރު މުއައްސަސާތަކުގެ މުވައްޒަފުންނަށް ބޭއްވި ބައްދަލުވުމުގައި 15 މުވައްޒަފުން ބައިވެރިވެފައިވެއެވެ.
އދ.ޖުޑީޝަލް ދާއިރާގެ މެޖިސްޓްރޭޓް ކޯޓުތަކުގެ މުވައްޒަފުންނަށް ޝަރުޢީ ދާއިރާއާ ގުޅޭ މުހިންމު މަޢުލޫމާތާއި، ވަޒީފާއާ ގުޅޭގޮތުން ބޭނުންވާ މުހިއްމު މަޢުލޫމާތާއި ޓްރޭނިންގ ދިނުމަށްޓަކައި ބޭއްވުނު ބައްދަލުވުންތައް ކުރިޔަށް ގެންގޮސްފައިވަނީ 5 ސެޝަންއަކަށް ބަހާލައިގެންނެވެ. އދ.ޖުޑީޝަލް ދާއިރާގެ މުވައްޒަފުންގެ ބައްދަލުވުން 2015 ގެ ނަމުގައި އދ.މަންދޫގައި ކުރިޔަށް ދިޔަ މި ސެޝަންތަކުގައި، މިއަހަރުގެ ތެރޭގައި ޝަރުޢީ ދާއިރާއަށް އައި ބަދަލުތަކުގެ ތެރޭގައި ހިމެނޭ، އިސްތިއުނާފު ކުރުމުގެ ނިޒާމަށާއި މަދަނީ ޙުކުމްތައް ތަންފީޛު ކުރުމުގެ ނިޒާމަށް އައި ބަދަލުތަކާ ގުޅޭ މަޢުލޫމާތާއި، ސިވިލް ކޯޓުގެ އިދާރީ ހިންގުމުގެ ނިޒާމަށް ގެނެވުނު ބަދަލުތަކާއި ފެމިލީ ކޯޓުގެ އިޙްތިޞާޞްއަށް އައި ބަދަލުތަކާއި އަދި އެނޫންވެސް ޝަރުޢީ ދާއިރާއަށް އައި އިތުރު ބަދަލުތަކާ ގުޅޭ މަޢުލޫމާތު ބައިވެރިންނާ ޙިއްޞާކޮށް، ބައިވެރިންގެ ސުވާލުތަކަށް ޖަވާބު ދީފައިވެއެވެ.
އަދި ޝަރުޢީ ދާއިރާގެ މުވައްޒަފުންގެ ޤަވާޢިދަށް އަހުލުވެރިކުރުވުމުގެ ގޮތުން ކުރިޔަށް ގެންދިޔަ ސެޝަންއަކާއި، ޝަރުޢީ ދާއިރާގެ މުވައްޒަފުންގެ އިދާރީ ކަންކަން ބެލެހެއްޓުމުގައި ކަންކުރަންވީ ގޮތުގެ އިރުޝާދު ކޯޓުތަކުގެ މުވައްޒަފުންނަށް ދިނުމަށް ބޭއްވި ސެޝަންއަކާއި، ކޯޓުތަކުގެ ޚިދުމަތް ހޯދާ ފަރާތްތަކާ މުޢާމަލާތުކުރުމާއި ގުޅުން ބާއްވަންވީ ގޮތުގެ މަޢުލޫމާތު ދިނުމަށްޓަކައި "ކަސްޓަމަރ ރިލޭޝަންސް" އަދި "ކޮމިއުނިކޭޝަންސް ސްކިލްސް" ގެ ނަމުގައި ސެޝަންތަކެއް ކުރިޔަށް ގެންގޮސްފައިވެއެވެ. އެއަތޮޅުގައި މިހާރު ހުރި 10 މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓުންނާއި ކޯޓުތަކުގެ މުވައްޒަފުން ހިމެނޭ ގޮތުން ޖުމްލަ 41 ފަރާތުން މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތެވެ.
ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުގެ ޓްރޭނިންގ ސެކްޝަނާއި މީޑިއާ ސެކްޝަނުން އިންތިޒާމު ކޮށްގެން ކުރިޔަށްދިޔަ މިޕްރޮގްރާމުގައި، ބައިވެރީންނަށް މަޢުލޫމާތާއި އިރުޝާދު ދެއްވާފައިވަނީ ޑިޕާޓްމަންޓްގެ ކަމާގުޅޭ ސެކްޝަންތަކުގެ ބޭފުޅުންނާއި ހައިކޯޓުގެ ބޭފުޅުންނެވެ. ކާމިޔާބު ކަމާއެކު ކުރިޔަށް ދިޔަ ޕްރޮގްރާމުގައި އދ.ޖުޑީޝަލް ދާއިރާގެ މެޖިސްޓްރޭޓް ކޯޓުތަކުގެ މުވައްޒަފުންނާއި ސަރުކާރު މުއައްސަސާތަކުގެ މުވައްޒަފުންނާއި ސްކޫލު ކުދިން ހިމެނޭގޮތުން ޖުމްލަ 135 ބޭފުޅުން ބައިވެރިވެވަޑައިގަތެވެ.
މި ޕްރޮގްރާމް ނިންމާލުމުގެ ގޮތުން ބައިވެރިންނަށް ހަނދާނީ ލިޔުން ދިނުމަށް ޚާއްޞަ ރަސްމިއްޔާތެއް 9 މެއި ވީ ހޮނިހިރު ދުވަހު މަންދޫގައި ވަނީ ބާއްވާފައެވެ. މި ރަސްމިއްޔާތު ނިންމާލުމުގެ ގޮތުން އދ.ޖުޑީޝަލް ދާއިރާގެ މުވައްޒަފުންގެ މެދުގައި އެކުވެރިކަން ބަދަހި ކުރުމުގެ މަޤުޞަދުގައި ގިނަ ހަރަކާތްތަކެއް ވަނީ ކުރިޔަށް ގެންގޮސްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ