ނަޝީދުގެ ފަރާތުން ސޮއި ނުކުރި ކަމަށް ބުނެ ކްރިމިނަލް ކޯޓުން ދެއްކި ވާހަކަ ވަކީލުން ދޮގުކޮށްފި

ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް، މުޙައްމަދު ނަޝީދުގެ މައްޗަށް ދައުލަތުން ކުޅަ ޓެރަރިޒަމްގެ ކުށުގެ ދަޢުވާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓް ދޫކުރުން ލަސްވީ ރައީސް ނަޝީދާއި، އެމަނިކުފާނުގެ ވަކީލުންގެ ފަރާތުން ލިބެންވާ އެއްބާރުލުން އެކަށީގެންވާ ގޮތެއްގައި ނުލިބުމުން ކަމަށް ކްރިމިނަލް ކޯޓުން ބުނި ބުނުން އެމަނިކުފާނުގެ ފަރާތުން ދޮގުކުރައްވައިފިއެވެ.
ކްރިމިނަލް ކޯޓުން ބުނެފައި ވަނީ ނަޝީދުގެ މައްޗަށް ދައުލަތުން އުފުލި ޓެރަރިޒަމްގެ ކުށުގެ ދަޢުވާ ކޯޓުގައި އުފުލި ދުވަހުން ފެށިގެން، ރައީސް ނަޝީދު ޝަރީޢަތުގެ މަޖިލީހުގައި ދީފައިވާ ބަޔާންތަކުގައި ސޮއިކުރުމަށް އިންކާރުކޮށް ބަޔާންތަކުގައި ސޮއި ނުކުރާނެކަމަށް ބުނެ ރައީސް ނަޝީދު އެމަނިކުފާނުގެ ބަޔާންތަކުގައި ސޮއިކޮށްފައި ނުވާކަމަށާއި،ރައީސް ނަޝީދުގެ ދިފާޢީ ވަކީލުންނަށް ބަޔާންތަކުގައި ސޮއިކުރުމަށް ކޯޓަށް ޙާޟިރުވުމަށް ތަކުރާރުކޮށް ފޯނުން ގުޅާ އެންގުމުންވެސް ބަޔާންތަކުގައި ސޮއިކުރުމަށް ކޯޓަށް ޙާޟިރުވެފައި ނުވާ ކަމަށެވެ.
މިއަދު މޫކައި ހޮޓެލްގައި ނޫސްވެރިންނާ ބައްދަލު ކުރައްވައި ރައީސް ނަޝީދުގެ ޤާނޫނީ ޓީމުން ވިދާޅުވީ ރައީސް ނަޝީދުވެސް އަދި އެމަނިކުފާނުގެ ވަކީލުންވެސް ބަޔާންތަކުގައި ސޮއި ކުރަން އިންކާރުކޮށްފައި ނުވާނެ ކަމަށެވެ.
އެހެން ނަމަވެސް ރައީސް ނަޝީދު ޝަރީޢަތުގައި ދެއްކެވި ވަރަށް ގިނަ ވާހަކަ ރިޕޯޓުގައި ހިމަނާފައި ނުވުމުން، އެވާހަކަތައް ހިމަނާ ދިނުމަށް އެދިފައި ވާނެ ކަމަށް ވަކީލުން ވިދާޅުވިއެވެ.
"ރައީސް ނަޝީދުގެ މައްސަލައިގައި ޝަރީއަތް ހިންގަމުން ދިޔަ އިރު އެއް ދުވަހެއްގައި ރައީސް ނަޝީދު ސޮއި ކުރައްވަން ބަޔާނެއް ގެންނެވި. ގެންނެވި އިރު ރައީސް ނަޝީދު އެދުވަހު ޝަރީޢަތުގައި ދެއްކެވި ވަރަށް ބައިވަރު ވާހަކަތައް އޭގެން އެތައް ވާހަކައެއް ހުރީ އުނިކޮށްފައި. އެހެންވެ ރައީސް އެދުވަހު ދެންނެވި އެދުވަހު ޝަރީޢަތުގައި ދެއްކެވި ހުރިހާ ވާހަކައެއް ހިމަނައިގެން ގެންނާށޭ،" ޤާނޫނީ ވަކީލް ޝައިރު ވިދާޅުވިއެވެ.
ޝާއިރު އިތުރަށް ވިދާޅުވީ ކޯޓުން އަމަލު ކުރަމުން އަންނަ އުސޫލަށް ބަލާއިރު ކޮންމެ ވާހަކައެއް ޝަރީޢަތުގައި ދެއްކި ނަމަވެސް އެވާހަކައެއް ބަޔާނުގައި ލިޔެވިފައި ހުންނަން ޖެހޭނެ ކަމަށެވެ.
"އެދުވަހު ބަޔާނުގައި ސޮއި ކުރަން އިންކާރު ކުރީކީ ނޫން. އިންކާރު ކުރުމާއި ބަޔާނުގައި ވަކި އެއްޗެއް ހިމަނަން ބުނުމާ އެއީ މުޅިން ތަފާތު ދެކަމެއް،" ޝާއިރު ވިދާޅުވިއެވެ.
ޝާއިރު ވިދާޅުވީ ރައީސް ނަޝީދު ބަޔާންތަކުގައި ސޮއި ނުކުރެއްވި ކަމަށް ކޯޓުން ވިދާޅުވުމުން، އެކަމާ ކޯޓާ ވާހަކަ ދައްކާފައި ވާނެ ކަމަށެވެ. އަދި ފުލުހުން ރައީސް ނަޝީދު ކޯޓަށް ހާޒިރުކޮށް ދިނުމަށް އުޒުރުވެރިވި ކަމަށް ކޯޓުން ބުނި ކަމަށާއި، އެހެން ނަމަވެސް ރައީސް ނަޝީދު ހާޒިރުކޮށް ދިނުމަށް ކޯޓުން އެދިފައި ނުވާކަމަށް ފުލުހުން މައުލޫމާތު ދިން ކަމަށް ޝާއިރު ވިދާޅުވިއެވެ.
"ރައީސް ނަޝީދު ބަޔާނުގަިއ ސޮއި ނުކޮށްގެން ނުވަތަ ޤާނޫނީ ވަކީލުން ބަޔާނުގައި ސޮއި ނުކޮށްގެން ރިޕޯޓު ނުދީ އޮތް ކަމަށް ކްރިމިނަލް ކޯޓުން ދައްކާ ވާހަކަ ތަކަކީ ހަޤީޤަތާ ޚިލާފު ވާހަކަ ތަކެއް،" ޝާއިރު ވިދާޅުވިއެވެ.
އަދި މައްސަލަ ނިމުނު ގޮތުގެ ރިޕޯޓު އެކުލަވާލި އިރު ވަކީލުން ޝަރީޢަތުގައި ދެއްކެވި ވާހަކަތައް ތަފާތުކޮށް ގެނެސްދީފައި ވާކަމަށާއި، ޝަރީއަތުގެ މަޖިލީހުގައި ދެކެވުނު ވާހަކަތައް ބަދަލުވެފައި ހުރި ކަމަށް ވަކީލުން ވިދާޅުވިއެވެ. އަދި ކޯޓުގެ އޮފިޝަލުންނަށް އެ ޔަޤީންކަން ލިބުމުން، ބަޔާން އިސްލާހު ކޮށްދެއްވާނެ ކަމަށް ވިދާޅުވި ކަމަށްވެސް ވަކީލުން ވިދާޅުވިއެވެ.
ރައީސް ނަޝީދުގެ ވަކީލުން ބަޔާންތަކުގައި ސޮއިކުރުމަށްޓަކައި ކޯޓަށް ޙާޟިރުކުރެވުނީވެސް ކޯޓު އަމުރު ފޮނުވައިގެންކަންވެސް ކޯޓުގެ ބަޔާނުގައި ވަނީ ފާހަގަ ކޮށްފައެވެ.
ވަކީލުން ކޯޓަށް ހާޒިރުވެ ބަޔާންތަކުގައި ސޮއިކޮށް ނިންމާފައިވަނީ 18 މާރޗް 2015 ވީ ބުދަ ދުވަހު ކަމަށާއި، ޖެހިގެން އައި ދުވަހު މިމައްސަލާގެ ޚުލާޞާ ރިޕޯޓު ދޫކޮށްފައި ވާކަމަށް ކްރިމިނަލް ކޯޓުން ބުނެއެވެ.
ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ރައީސް ނަޝީދުގެ ޤާނޫނީ ވަކީލް ހިސާން ހުސައިން ވިދާޅުވީ ކޯޓުން ޗިޓް ފޮނުވީ ކޯޓަށް ހާޒިރުވާނެ ކަމަށް ވަކީލުން ބުނެފައި ވަނިކޮށް ކަމަށޭވެ. އަދި ވަކީލުންގެ ޓީމުން ކޯޓަށް ދޭން ޖެހޭ ފުރިހަމަ އެއްބާރުލުން ދީފައި ވާނެ ކަމަށެވެ.
އެގޮތުން 16 ވަނަ ދުވަހާއި 17 ވަނަ ދުވަހު ދެ ފަހަރު ކޯޓަށް ގޮސްފައި ވާނެ ކަމަށް ހިސާން ވިދާޅުވިއެވެ.
"އެބޭފުޅުންނަށް އިސްލާހުކޮށްފަ އަޅުގަނޑުމެންނަށް ބަޔާންތައް ދެވުނީ 17 ވަނަ ދުވަހުގެ މެންދުރު ފަހު. ދެއްވީމަ ހުރިހާ ވަކީލުންވެސް ބަޔާންތަކުގައި ސޮއިކޮށްފަ ވާނީ. ކްރިމިނަލް ކޯޓުން ވިދާޅުވީ އަޅުގަނޑުމެން ބަޔާންތަކުގައި ސޮއިކޮށްފަ ވަނީ ބުދަ ދުވަހު ކަމަށް. އެއީ ހަޤީޤަތާ ޚިލާފު ވާހަކައެއް. އަޅުގަނޑުމެން އަންގާރަ ދުވަހު ސޮއިކޮށް ނިމުނީ. ސޮއިކޮށްފަ ސޮއި ކުރި ތަނުގައި ސޮއި ކުރި ތާރީޚު ޖަހާފައި އޮންނާނީ. އެހެންވީމަ އެއީ އޮޅޭނެ ކަމެއް ނޫން ކޮން ދުވަހަކު ކަން ވަކީލުން ބަޔާންތަކުގައި ސޮއި ކުރެއްވީ،" ހިސާން ވިދާޅުވިއެވެ.
ރައީސް ނަޝީދުގެ ވަކީލުން ވަނީ މައްސަލަ ނިމުނު ގޮތުގެ ރިޕޯޓު ދޫކޮށްފައި ނުވާތީ މައްސަލަ އިސްތިއުނާފު ކުރުމަށް ހުރަސް އެޅޭ ކަމަށް ވިދާޅުވެފައެވެ. އަދި މިހާރު ވަނީ މައްސަލަ އިސްތިއުނާފު ނުކުރަން ނިންމާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ