މަޖިލީހުގައި ފިތުނަ ފަސާދަ އުފައްދުމުގައި އިސްކޮށް ހުންނަވަނީ މަޑުއްވަރީ ދާއިރާގެ މެމްބަރު: މެމްބަރު އާޒިމް

ރައްޔިތުންގެ މަޖިލީހުގައި ފިތުނަ ފަސާދަ އުފައްދުމުގައި އިސްކޮށް ހުންނަވަނީ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ޢުމަރު ކަމުގައި، މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.
މެމްބަރު އާޒިމް މިހެން ވިދާޅުވީ، މިއަދުގެ މަޖިލިސް ޖަލްސާގައި މެމްބަރު އާދަމް ޝަރީފް ހުށައެޅުއްވި ބިލަށް ބަހުސް ކުރައްވަމުންނެވެ.
މި ބިލް ހުށައަޅުއްވަމުން މެމްބަރު އާދަމް ޝަރީފް ވިދާޅުވީ، މި ބިލަކީ ދިވެހިރާއްޖޭގެ ގައުމީ ސަލާމަތް ދިފާއުކޮށް ރައްކާތެރިކުރުމަށް ބޭނުންވާނެ ސިޔާސަތުތައް ކަނޑައެޅުމަށް ރާއްޖޭގެ ގައުމީ ސަލަމަތާއި ބެހޭ ކައުންސިލެއް އުފެއްދުމުގެ ބޭނުމުގައި ހުށައެޅުއްވި ބިލެއްކަމަށެވެ. އަދި މީގެއިތުރުން ނޭޝަނަލް އިންޓެލިޖެންސް ކޮމިޓީއެއް އުފައްދައި، ސެކްރެޓޭރިއަޓާއި އެކީގައި ރާއްޖޭގެ ގައުމީ ސަލާމަތް ރައްކާތެރިކަމާއެކު ރާއްޖޭގެ ގައުމީ ސަލާމަތް ކުރިޔަށްގެންދެވޭނެ ނިޒާމެއް ގާއިމްކުރުމަށްޓަކައި ގާނޫނެއް އެކުލަވާލުންކަމަށެވެ. މި ގާނޫނަށް ކިޔާފައި ވަނީ "ދިވެހިރާއްޖޭގެ ގައުމީ ސަލާމަތާއި ބެހޭ ގާނޫނު" އެވެ.
އާދަމް ޝަރީފް ވިދާޅުވީ ރާއްޖޭގައި މިވަގުތު ހިނގަމުންދާ ކަންކަމަށް ބަލައި، މިއީ ވަރަށް މުހިންމު އަދި ކޮންމެހެންވެސް ފާސްކުރަންޖެހޭނެ ބިލެއްކަމަށެވެ. ބިލް ހުށައަޅުއްވަމުން އާދަމް ޝަރީފް ވަނީ، މަޖިލީހުގައި އިދިކޮޅަށް ބަސް ބުނުމުގެ ފުރުސަތު ނުދޭ ކަމަށްވެސް ވިދާޅުވެފައެވެ.
މި ބިލަށް ބަހުސް ކުރުމަށް ލިބުނު ފުރުސަތުގައި ވާހަކަދައްކަަވަމުން މެމްބަރު އާޒިމް ވިދާޅުވީ، މި ބިލަކީ މިވަގުތަށް ބޭނުންތެރި ބިލެއްކަމަށެވެ. އެހެންނަމަވެސް، މަޖިލީހުގައި ބަސް ބުނުމުގެ ފުރުސަތު އިދިކޮޅަށް ނުދޭކަމަށް ވިދާޅުވުމުން އާޒިމް ވަނީ، މެމްބަރު އާދަމް ޝަރީފް ޑިފެންސް މިނިސްޓަރުގެ މަގާމުގައި ހުންނެވިއިރު، ކަންކުރިގޮތް ހަނދާންހުރިނަމަ އެކަހަލަވާހަައެއް ދައްކަވާނެތޯ ސުވާލުކުރައްވާފައެވެ. ސަބަބަކީ، އޭރު ނާތަހުޒީބު އަމަލެއް ހިންގަވާފައި މިއަދު މަޖިލީހުގައި ކޮޅަށް ތެދުވެ ހުންނަވައިގެން ޑިމޮކްރެސީގެ ވާހަކައާއި، މަޖިލީހުގައި އިދިކޮޅަށް ބަސް ބުނުމުގެ ފުރުސަތު ނުދޭ ވާހަކަދައްކަވަން ކެރުނީމަ ލަދުގެ ކަންފުޅެއްވެސް ނެތްކަން ހާމަވާކަމަށެވެ.
އާޒިމް ވިދާޅުވީ، މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް މަޖިލީހަށް ހުށައަޅުއްވާ ކޮންމެ ގަރާރަކީ، އަދި ކޮންމެ ބިލަކީ ފިތުނަ ފަސާދައުފެއްދުމުގެ ބޭނުމުގައި އަދި ދޭތެރެޖެއްސުމުގެ ބޭނުމުގައި، ޕާޓީތަކައް ރަނަގަޅަށް ހިނގާފާނެކަމުގެ ބިރުގައި ނޫނީ، ރާއްޖެ ރަނގަޅު ދިމާލަކަށް ދިއުން ހުއްޓުވުމުގެ ވިސްނުމުގައި ހުށައަޅާ ބިލެއްކަމަށެވެ.
އާޒިމް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގައި ފިތުނަ ފަސާދަ އުފައްދުމުގައި އިސްކޮށް ހުންނަވަނީ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ޢުމަރުކަމަށެވެ.
ބިލް ހުށައަޅުއްވަމުން އާދަމް ޝަރީފް ވިދާޅުވީ، މި ބިލުގައި ރާއްޖޭގެ ގައުމީ ސަލާމަތަކީ މާތްވެގެންވާ އިސްލާމްދީނާއި، ދިވެހިރާއްޖޭގެ މިނިވަންކަމާއި، ސިޔާދަތާއި، އިސްތިގްލާލާއި، ރާއްޖޭގެ ގާނޫނުއަސާސީއާއި، އަދުލުއިސްސާފާއި، ގައުމުގެ ސުލްހަމަސަލަސްކަމާއި، ރާއްޖޭގެ ދަތުރުފަތުރާއި، މުވާސަލާތީ ހިދުމަތްތަކާއި، ރައްޔިތުންގެ ފުރާނަޔާއި މުދަލާއި، ކާޑާއި، ފެނާއި، ދައުލަތުގެ ސިއްރުތަކާއި ރާއްޖޭގެ އިގްތސާދީ ސަރަހަށްދާއި، ވައިގެ ސަރަހަށްދާއި، ސިޔާސީ ސަރަހަށްދާއި، ރާއްޖޭގެ ތިމާވެއްޓާއި، ދިވެހި ގައުމިއްޔަތުގެ ބަހާތަކާއި، އެކަންކަމަށް އެންމެ އަސަރުކުރާ ކަންކަންކަމުގައި ބަޔާންކޮށްފައިވާނެކަމަށެވެ. އަދި ގައުމީ ސަލާމަތް ރައްކާތެރިކުރުމަކީ މި މާއްދާގެ (ހ)ގައި ބަޔަންކޮށްފައިވާކަންކަން ހިމާޔަތްކޮށް، ރައްކާތެރިކޮށްދިނުންކަމަށްވެސް ބަޔާންކޮށްފައިވާނެކަމަށެވެ.
މީގެއިތުރުންވެސް ނޭޝަނަލް އިންޓެލިޖެންސް ކޮމިޓީއެއް އެކުލަވަލައި، އެ ކޮމިޓީގައި ތިބެންވާނެ ފަރާތްތަކާއި، މި ފަދަ ކުށެއް ކޮށްފައިވާނަމަ އެކުށުގެ އަދަބުވެސް ބިލުގައި ހުށައަޅާފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ