ވެރިކަމުން ރައީސް ސޯލިހު ނުބޭލޭނެ: ގާސިމް

ކުރިއަށް އޮތް ދެ އަހަރު ވެސް ވެރިކަމުގައި ހުންނަވާނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކަމަށާއި ވެރިކަމުން އެމަނިކުފާނު ނުބޭލޭނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނުގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ މުހައްމަދު ރާޝިދަށް ކެމްޕޭނު ކުރެއްވުމަށް މިއަދު ށ.ފޯކައިދޫގައި ބޭއްވި ޖަލްސާގައި ގާސިމް ވިދާޅުވީ ރިޔާސީ އިންތިހާބުގައި ބޭނުން މީހަކަށް ވޯޓުލާންވީ ކަމަށާއި ނަމަވެސް ދާއިރާގެ ކުރިއެރުމަށްޓަކާ މި އިންތިހާބުގައި ރާޝިދަށް ވޯޓުދޭންޖެހޭ ކަމަށެވެ. އަދި މި ގޮނޑި ނުލިބުނަސް ވެރިކަމުގައި ރައީސް ހުންނަވާނެ ކަމަށް ގާސިމް ވިދާޅުވި އެވެ.
"ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މާތްﷲ ގެ ވާގިފުޅާއެކު އެ މަގާމުގައި ދެމި އިންނަވާނެ. ނުބޭލޭނެ އެއްވެސް މީހަކަށް އައިސް އިރާދަކުރެއްވިއްޔާ" ގާސިމް ވިދާޅުވި އެވެ.
ގާސިމް ވިދާޅުވީ ސަރުކާރުން ހަމައެކަނި ކޮމަންޑޫ ދާއިރާ އަށް ކަންކަން ކޮށްދޭނެ ކަމަށް ބުނެލަނީ ނޫން ކަމަށާއި މިހާރުވެސް ކުރިމަތިން ކަންކަން ކޮށްދެމުންދާތަން ފެންނަމުންދާ ކަމަށެވެ. އެގޮތުން ކޮމަންޑޫ ހިއްކައި ދެ ކޮމަންޑު ގުޅުވާލުން ފަދަ ކަންކަން ކުރިއަށްދާކަން ގާސިމް ފާހަގަކުރެއްވި އެވެ. އަދި މިފަދަ ޕްރޮޖެކްޓުތައް މި ދާއިރާ އަށް ދެން ކުރިމަތިލާފައި ތިބި ކެންޑިޑޭޓުންނަށް ކުރިއަށް ނުގެންދެވޭނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނުގައި އެމްޑީޕީގެ އިތުރުން ޕީޕީއެމް އަދި މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) ގެ ފަރާތުން ކެންޑިޑޭޓުން ވާދަކުރެ އެވެ. އެ ތިން ޕާޓީން ވެސް އަންނަނީ ކޮމަންޑޫ ދާއިރާގައި ފޯރިއާއެކު ކެމްޕޭނުގެ ހަރަކާތްތައް ބާއްވަމުންނެވެ.
ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ހޮނިހިރު ދުވަހު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ