މެމްބަރަކު ސޮއިނުކުރައްވާކަމަށް ވިދާޅުވީ އެހެންގޮތެއް ނެތިގެން: ރައީސް މައުމޫނު

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލާގައި ސޮއިކުރެއްވި މެމްބަރަކު ފަހުން ސޮއި ނުކުރައްވާކަމަށް ވިދާޅުވީ އެހެންގޮތެއް ނެތިގެންކަމަށް ކުރީގެ ރައީސް މައުމޫނު އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލާގައި މަޖިލީހަށް މިއަދު އިދިކޮޅު ފަރާތްތަކުން ވެއްދި މައްސަލާގައި އިސްދޫ ދާއިރާގެ މެމްބަރު ގާރީ އަހުމަދު ރަޝީދު ސޮއިކުރެއްވިކަމަށް ބުނިނަމަވެސް ގާރީވަނީ ސޮއި ނުކުރައްވާކަމަށް ވިދާޅުވެފައެވެ.
ރައީސް މައުމޫނު ވިދާޅުވީ މެމްބަރަކު ސޮއިނުކުރައްވާކަމަށް ވިދާޅުވީ އެބޭފުޅާގެ ނަފްސަށާއި އާއިލާއަށް އަދި ކުރައްވާ ވިޔަފާރިއަކަށްވެސް އޮތް ނުރައްކަލެއްގެ ބޮޑުކަމުން އެހެން ގޮތެއް ނެތިގެންކަމުގައެވެ. ނަމަވެސް އެއީ ކޮން މެމްބަރެއްކަމެއް ރައީސް މައުމޫނު ވިދާޅެއް ނުވެއެވެ.
ރައީސް މައުމޫނު މިހެން ވިދާޅުވިއިރު ގާރީ ރަޝީދު މިއަދު ވިދާޅުވީ މަޖިލީހަށް ހުށައެޅި މައްސަލާގައި ގާރީގެ ސޮއިވަނީ ފޯޖްކޮށްފައި ކަމުގައެވެ. އަދި އެމައްސަލަ ބަލައިދިނުމަށް ގާރީވަނީ ހުށައަޅުއްވާފައެވެ.
އެ މައްސަލަ ބަލައި ފިޔަވަޅު އަޅައި ދިނުމަށް މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އަރިހުން އެދިވަޑައިގެންފައިވަނީ އަހުމަދު ރަޝީދު އަމިއްލައަށެވެ. އަހުމަދު ރަޝީދުވަނީ އެ މައްސަލަ ބަލައި އެކަން ކޮށްފައިވާ ފަރާތްތަކާ މެދު ގާނޫނާ ގަވައިދުގައިވާ ގޮތުގެ މަތިން ފިޔަވަޅު އަޅައި ދިނުމަށް އެދިވަޑައިގެންފައެވެ.
މަސީހުގެ މައްސަލާގައި ސޮއި ކުރައްވާފައި ނުވާނެ ކަމަށް ރަޝީދު ވިދާޅުވާ އިރު އެ މައްސަލާގައި ރަޝީދު ސޮއި ކުރައްވާ މަންޒަރު ފެންނަ ފޮޓޯއެއް އިދިކޮޅު ފަރާތްތަކުން މިހާރުވަނީ އާއްމުކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ