އެމްޑީޕީގެ އެތެރޭގެ އިންތިހާބު: އިބްރޭގެ ޓީމުން ނަމޫނާ ދައްކާ، އަހުމަދު އަބްދުﷲ އަށް ތާއީދުކޮށްފި

އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު މާލީގެ މަގާމު، އަހުމަދު އަބްދުﷲ ކާމިޔާބްކޮށްފިކަން ގަބޫލްކޮށް ވާދަވެރި ކެންޑިޑޭޓް އިބްރާހިމް ވަހީދު (އިބްރޭ)، އަހުމަދު އަބްދުﷲ އަށް މަރުޙަބާ ދަންނަވައިފިއެވެ.
ހުކުރު ދުވަހު ބޭއްވި އެމްޑީޕީގެ ޗެއާޕާސަންގެ ނައިބް މާލީގެ މަގާމަށް ތިން ބޭފުޅުން ކުރިމަތި ލައްވާފައިވާއިރު، އިބްހާރިމް ވަހީދު އަކީ އަހުމަދު އަބްދުﷲ އާއި ވާދަކުރި އެއް ކެންޑިޑޭޓެވެ. އެމްޑީޕީން މިހާތަނަން އިއުލާން ކުރި ވަގުތީ ނަތީޖާއިން އަހުމަދު އަބްދުﷲ ކުރި ހޯއްދަވާފައިވާއިރު، އިބްރާހިމް ވަހީދުގެ މުޅި ކެމްޕޭން ޓީމް ވަނީ އަހުމަދު އަބްދުﷲ އަށް މަރުޙަބާ ދަންނަވައި، އޭނާ އަށް ތާއީދުކޮށްފައެވެ.
ހުކުރު ދުވަހު މެންދަމު ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން އިބްރާހިމް ވަހީދު ވިދާޅުވީ ޕާޓީގެ އެތެރޭގެ އިންތިހާބެއްގައި ގިނަ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީ ވަރުގަދަ ވެގެންދާނެ ކަމެއް ކަމަށާއި، އަހުމަދު އަބްދުﷲ އިންތިހާބު ކާމިޔާބު ކުރިކަން ގަބޫލުކުރައްވާ ކަމަށެވެ.
"ޑިމޮކްރަސީގެ ހަމަތަކުގެ މަތިން އިންތިހާބުތައް ބާއްވަމުންދާއިރު، އިންތިހާބުގައި ގިނަ މީހުން ވާދަކުރުމަކީ ޕާޓީ ވަރުގަދަ ވެގެންދާނެ ކަމެއް. ގިނަ މީހުން ވާދަކުރުމަކީ އެންމެންނަން ކާމިޔާބުވާނެ ކަމެއް ނޫން. ކޮންމެވެސް އެކަކަށް އެންމެންގެ ތެރެއިން ކާމިޔާބު ލިބޭނީ. އަހުމަދު ވަނީ އިންތިހާބު ކާމިޔާބުކޮށްފައި" އިންތިހާބުގައި ވާދަކުރި އިބްރާހިމް ވަހީދު ވިދާޅުވި އެވެ.
އިބްރާހިމް ވަހީދުގެ ކެމްޕެއިން މެނޭޖަރު، ރައްޔިތުންގެ މަޖިލީހުގެ ގަމު ދާއިރާގެ މެމްބަރު ފައްޔާޒު ވިދާޅުވީ، އެމްޑީޕީން އަބަދުވެސް މަސައްކަތް ކުރަނީ މި ގައުމުގައި ޑިމޮކްރަސީ ވަރުގަދަކޮށް، އެޕާޓީން ބޭނުންވާ ވިސްނުމަށް ގައުމު ގެންދަން ކަމަށެވެ. އެޕާޓީގެ އެތެރޭގެ އިންތިހާބުން އެ ނަމޫނާ ދެއްކުމަށް ފަހު، ދެން މަސައްކަތް ކުރާނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބު އެޕާޓީން ކާމިޔާބުކުރަން ކަމަށް ފައްޔާޒު ވިދާޅުވިއެވެ.
އައްޑޫ މީދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ރޮޒެއިނާ އާދަމް ވިދާޅުވީ، ވާދަވެރި ކެމްޕެއިން ހަރަކާތްތަކަށްފަހު އިންތިހާބު ނިމިގެން ދިޔައީ ނަމޫނާ އިންތިހާބެއްގެ ގޮތުގައި ކަމަށެވެ. އަދި އިންތިހާބުގެ ނަތީޖާ ގަބޫލުކޮށް ކުރިއަށް އޮތް ތަނުގައި އެކުގައި މަސައްކަތް ކުރާނެ ކަމަށް ވެސް ރޮޒެއިނާ ވިދާޅުވިއެވެ.
އަހުމަދު އަބްދުﷲ އަށް މަރުޙަބާ ދެންނެވުމަށް ފަހު މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު ފަލާހް ވިދާޅުވީ، މި ދައްކައިދިނީ ސިޔާސީ ޕާޓީއެއް ޑިމޮކްރަޓިކް ނިޒާމެއްގެ ތެރެއިން މަސައްކަތް ކުރާނެ ގޮތުގެ ފުރިހަމަ ނަމޫނާއެއް ކަމަށެވެ.
އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު މާލީގެ މަގާމަށް ތިން ބޭފުޅަކު ކުރިމަތިލާފައިވާއިރު ވާދަވެރި ކެމްޕެއިންތަކެއް ވަނީ ކުރިއަށް ގެންގޮސްފައެވެ. އެ މަގާމަށް ކުރިމަތިލައްވާފައިވަނީ ހުސެއިން ޝަހީމް (އަނދުން ހުސެއިން) އާއި އިބްރާހިމް ވަހީދު (އެންސްޕާ އިބްރޭ) އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އަހްމަދު އަބްދުﷲ އެވެ.
 
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ