ކަރަންޓުގެ ހިދުމަތް ރަނގަޅު ކުރަން އާ ކޭބަލްތަކާއި ޑިސްޓްރިބިއުޝަން ފޮށިތައް އަތޮޅުތަކަށް

އަތޮޅުތެރޭގެ ރަށްރަށުގެ ކަރަންޓް ފޯރުކޮށްދޭ ޑިސްޓްރިބިއުޝަން ނެޓްވޯކްތައް ރަނގަޅުކުރުމަށް ގެނައި ކޭބަލް އަދި ޑިސްޓްރިބިއުޝަން ފޮށިތައް އަތޮޅުތެރެއަށް ފޮނުވުމުގެ މަސައްކަތް ފެނަކައިން މިއަދު ފަށައިފި އެވެ.
އަތޮޅުތެރޭގެ ރަށްރަށުގައި 24 ގަޑިއިރު ކަރަންޓުގެ ހިދުމަތް ޔަގީން ކުރުމުގެ މަޝްރޫއުގެ ދަށުން އެތަކެތި ފޮނުވަން ފެށުމަށް މިއަދު ޓީޖެޓީގައި އޮތް ރަސްމިއްޔާތެއްގައި ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނިމާލް ވިދާޅުވީ ފުރަތަމަ އެތަކެތި ފޮނުވާނީ ހދ. ކުޅުދުއްފުށްޓަށާއި ގދ. ތިނަދޫއަށް ކަމަށެވެ. އަދި އެއަށްފަހު އެ ތަންތަނުން އެތަކެތި ރަށްރަށަށް ފޮނުވުމުގެ މަސައްކަތް ފަށާނެ ކަމަށް ނިމާލް ވިދާޅުވި އެވެ.'
ނިމާލް ވިދާޅުވީ މިދިޔަ މާޗް މަހުގެ ތެރޭގައި ސްރީލަންކާގެ ކެލާނީ ކޭބަލްސް އަށް އޯޑަރުކޮށްގެން މިހާރު ގެނެސްފައިވާ ކޭބަލްތަކަކީ ޑިސްޓްރިބިއުޝަން ނެޓްވޯކް ރަނގަޅުކުރުމަށް ގެނައި ކޭބަލްތަކެއް ކަމަށެވެ. އަދި ބައެއް ރަށްރަށުގެ އަލަށް އާބާދުވާ ހިސާބުތަކަށް ކަރަންޓް ފޯރުކޮއްދިނުމަށް އެ ކޭބަލްތައް ބޭނުން ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ އެ ކޭބަލްތަކާއި ޑިސްޓްރިބިއުޝަން ބޮކްސްތައް އަތޮޅުތަކަށް ފޮނުވަން ފަށާފައިވާއިރު މިއަދު ފޮނުވާ ކޭބަލްތަކުގެ އަގު 15 މިލިއަނަށް އަރާނެ ކަމަށެވެ.
ސައުވީސް ގަޑިއިރު ކަރަންޓް ފޯރުކޮށްދިނުމުގެ މަޝްރޫގެ ދަށުން ކަރަންޓްގެ ހާލަތު ވަރަށް ދަށްވެފައިވާ 78 ރަށަކަށް 116 ކިލޯވޯޓާއި ދެ މެގަވޯޓާ ދެމެދުގެ ޖަނަރޭޓަރުތައް ރަށްރަށަށް ހަވާލުކުރާނެ ކަމަށާއި 13 ރަށެއްގެ ކަރަންޓް ނެޓްވޯކް އަޕްޑޭޓް ކުރުމުގެ މަސައްކަތް ވެސް ކުރާނެ ކަމަށް ފެނަކައިން ބުންޏެވެ. އަދި މިހާރު ވެސް ފެނަކައިން ކަރަންޓްގެ ހިދުމަތް ދެމުން ގެންދާ 148 ރަށެއްގެ ކަރަނަންޓުގެ ހިދުމަތް 24 ގަޑި އިރު މެދުނުކެނޑި ލިބޭނެ ގޮތް ހަދާނެ ކަމަށް ވެސް ފެނަކައިން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ