ރާއްޖޭގައި މިހާރު ތަފާތު އެކި އޮއިވަރުތައް ފެތުރެމުން އަންނަ ކަމަށާއި އޭގެތެރޭގައި "ލާދީނީ ފިކުރު" ހިމެނޭ ކަމަށް ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
ޕީޕީއެމްގެ ބައެއް ގޮފިތަކަށް ފައިސާ ދޫކުރާ ލިޔުން ހަވާލުކުރުމަށް މިރޭ ޝީ ބިލްޑިންގްގައި ބޭއްވި ހަފްލާގައި ވާހަކަފުޅުދައްކަވަމުން ރައީސް މައުމޫން ވިދާޅުވީ، އެހެންދީންތަކަށް ރާއްޖޭގައި ޖާގަދިނުމުގެ ކަންތައްތަކުގެ އިތުރުން ދީނާއި ސަގާފަތުގެ ތެރެއަށް އެހެންކަންތައްތަކެއް ފެތުރުވުމަށް ބަޔަކު މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެހެންކަމުން "އަޅުގަނޑުމެންގެ ވާޖިބަކަށް ވާންޖެހޭނީ ގައުމު ރައްކާތެރިކޮށް އިސްލާމްދީނުގެ ހަމަތަކާ އުސޫލުތައް ދެމެހެއްޓުން" ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"އެނގިވަޑައިގަންނަވާނެ ފަދައިން މިވަގުތު ރާއްޖޭގައި ތަފާތު އޮއިވަރުތައް ފެތުރެމުން އެބަދޭ. އޭގެތެރޭގައި ލާދީނީ އޮއިވަރު، ލާދީނީ ފިކުރު އަދި ޚާއްސަކޮށް އެހެން ދީންތަކަށް ރާއްޖޭގެ ބިމުން ޖާގަ ދިނުމުގެ ފިކުރު ވެސް ރާއްޖޭގައި އެބައުޅޭ. ހަމައެހެންމެ އަޅުގަނޑުމެންގެ ދީނާއި ސަގާފަތާ ނުގުޅޭ ތަފާތު އެހެން ކަންތައްތައް ފެތުރުމަށް ބަޔަކު މަސައްކަތް ކުރަމުން އެބަދޭ،" މައުމޫން ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ވާޖިބަކަށް ވާންޖެހޭނީ އަޅުގަނޑުމެންގެ ގައުމު ރައްކާތެރިކުރުން. އަޅުގަނޑުމެންގެ މާތްވެގެންވާ އިސްލާމްދީނުގެ ހަމަތަކާ އުސޫލުތައް ރާއްޖޭގައި ދެމެހެއްޓުން. އެއާ ތައާރަޒުވާ، ޚިލާފުވާ އެއްވެސް އުސޫލަކަށް ރާއްޖޭގައި ތަން ނުދިނުން. އަދި ދީނާ ޚިލާފުވާ ގޮތްގޮތަށް ދިރިއުޅުމުގެ ކަންތައް ވެގެން ނުދިޔުން،"
ޕާޓީން ހާސިލްކޮށްފައިވާ ކުރިއެރުންތަކުގެ މައްޗަށް އަލިއަޅުވާލައްވައި ވާހަކަފުޅު ދައްކަވަމުން މައުމޫން ވިދާޅުވީ ޕީޕީއެމް އުފެދުނުތާ ދެ އަހަރު ނުވަނީސް ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމް އެ ޕާޓީގެ ބޭފުޅަކު ކަމިޔާބު ކުރެއްވުމަކީ ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށެވެ. އަދި މިހާތަނަށް އެ ޕާޓީން ވާދަކުރި 24 އިންތިޚާބުގެ ތެރެއިން 21 އިންތިޚާބު ކާމިޔާބު ކޮށްފައިވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
"އަޅުގަނޑުމެން ވާދަކުރި 24 އިންތިޚާބަކުން 21 އިންތިޚާބު އަޅުގަނޑުމެން ވަނީ މާތްﷲ ގެ ވާގިފުޅާ އެކު ކާމިޔާބުކޮށްފައި. ހަމައެހެންމެ ޕާޓީ އުފެދުނުތާ ދެ އަހަރު ވެސް ނުވަނީސް އަޅުގަނޑުމެން މިވަނީ އަޅުގަނޑުމެންގެ ޕާޓީގެ މެމްބަރަކު ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމަށް އިންތިޚާބުކޮށްފައި. އެއީވެސް އެހެން އެއްވެސް ޕާޓީއަކަށް ކުރެވުނު ކަމެއް ނޫން. ހަމައެއާ އެކު ޕީޕީއެމް އަކީ ރައްޔިތުންގެ މަޖިލީހުގެ ސާފު އަޣުލަބިއްޔަތު މިހާތަނަށް ހޯދި ހަމައެކަނި ޕާޓީ،" މައުމޫން ވިދާޅުވި އެވެ.
ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީނަށް ތާއީދުކުރައްވައި އެމަނިކުފާނު ވެރިކަމަށް އިންތިޚާބު ކުރެއްވީ ރައްޔިތުން އެ ޕާޓީގެ މެނިފެސްޓޯގައިވާ ސިޔާސަތުތަކަށް ތާއީދު ކުރާތީ ކަމަށް ވެސް މިރޭގެ ރަސްމިއްޔާތުގައި މައުމޫން ވިދާޅުވި އެވެ.
ރާއްޖޭގައި ލާދީނީ ފިކުރު ފެތުރެމުން އެބަދޭ: މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ