ގުޅިފައިވާ އިއްތިހާދުގެ ކެންޑިޑޭޓުގެ ގޮތުގައި ރިޔާސީ އިންތިޚާބަށް ނިކުތުމަށް އިސްލާހީ ހަރަކާތަށް ލޯބިކުރާ ވަރަށް ގިނަ ބައެއްގެ ފުރަތަމަ ޗޮއިސްއަކީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ކަމަށް އެޕާޓީގެ ނާއިބު ލީޑަރު އަމީން އިބްރާހީމް ވިދާޅުވެއްޖެއެވެ.
އަމީން މިހެން ވިދާޅުވީ އިނގިރޭސިވިލާތުގައި ހުންނަވައިގެން ވީޓީވީގެ ފަސްމަންޒަރު ޕްރޮގްރާމުގައި މިރޭ ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ.
އަމީން ވިދާޅުވީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ މެމްބަރުންނާއި އަދި ރާއްޖޭގެ އިސްލާހީ ހަރަކާތަށް ތާއީދުކުރާ މީހުންގެ ލޯބި ލިބިވަޑައިގެންފައިވާ ލީޑަރުންނާ ނުލައި ރިޔާސީ އިންތިޚާބަށް ގޮސްފިނަމަ އެންމެ އެދެވޭ ނަތިޖާ ނުފެނިދާނެ ކަަމަށެވެ. އެފަދަ ހާލަތެއްގައި ވެސް އިންތިޚާބުގައި ވާދަކުރައްވާނެ ކެންޑިޑޭޓުން ކަނޑައަޅަންވާނީ މި ހަތަރު ބޭފުޅުން ކަމަށާއި ރަގަޅު ނަތީޖާ ލިބޭނީ އޭރުން ކަމަށެވެ. އިންތިޚާބުގައި ވާދަކުރާނެ ގޮތަކާމެދު ޕާޓީތަކުން މިހާރު ނިންމަމުންދާ ނިންމުންތަކާ ގުޅޭގޮތުން އަމީން ވިދާޅުވީ އެއީ އިދިކޮޅު ލީޑަރުންނަށް މިނިވަންކަމާއެކު ސިޔާސީ ހަރަކާތްތަކަށް ނިކުމެވަޑައިގެން ޕާޓީތަކުގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށާއި ރައީސް ޔާމީންގެ ކިބައިން ސަލާމަތްވެ ގައުމު ހަމަމަގަށް އެޅުވުމަށް ލިބޭ ފުރުސަތެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.
އަމީން ވިދާޅުވީ ކޮންމެ ލީޑަރަކުވެސް އެބޭފުޅެއްގެ ޕާޓީގެ ތެރެއިން ނޮމިނޭޓުވެގެން ގުޅިފައިވާ ޕާޓީތަކުގެ "ކޮމަން ކެންޑިޑޭޓަށް" ވާން މަސައްކަތް ކުރެއްވުމަކީ އިދިކޮޅު އިއްތިހާދުގެ ވަރުގަދަކަމާއި ބަދަހިކަމާއި ހަރުދަނާކަން ސާބިތުކޮށްދޭ ކަމެއް ކަމަށެވެ. އޭގެ ތެރެއިން ޕާޓީތަކުން ނެރޭނެ ކެންޑިޑޭޓަކު ކަނޑައެޅެން ވާނީ އެންމެނަށް އެއްބަސްވެވޭ ހަރުދަނާ އުސޫލުތަކެއްގެ ތެރެއިން ކަމަށެވެ. އެމްޑީޕީގެ ކޮމަން ކެންޑިޑޭޓަކީ ކުރީގެ ރައީސް ނަޝީދު ކަމަށް އެޕާޓީގެ ގިނަ މެމްބަރުން ގަބޫލުކުރުމަކީ އަދި އެމަނިކުފާނު ކެންޑިޑޭޓަށް ވުމަށް މަސައްކަތް ކުރެއްވުމަކީ މައްސަލައެއް ނޫން ކަމަށް ވެސް ވިދާޅުވިއެވެ.
"މިތިބީ ހަމަ ހުސް ފޯވާޑުން. ފުޓުބޯޅަ ދަނޑަކަށް ބަލާއިރު ދުނިޔޭގެ އެންމެ މަޝްހޫރު ފޯވާޑުން. ނޭމާއާއި ރޮނާލްޑޯއާއި މެސީއާއި ސްވަރޭޒް ފަދަ ފޯވާޑުން މިސާލަކަށް. މިހަތަރު ކުޅުންތެރިން އެއްޓީމަކަށް ލައިގެން ކުޅެމުންދާއިރުވެސް އިދިކޮޅު ޓީމު ބަލިކުރުން އެއީ ޕްރައިމަރީ އޮބްޖެކްޓިވްއަކީ. މިއިން ކޮންމެ ބޭފުޅަކީވެސް ވަރަށް ހުނަރުވެރި ކުޅުންތެރިއެއް. އެހެންވީމަ އެބޭފުޅުންގެ އިންޑިވިޖުއަލް ޓެލެންޓްތައް ހާމަކުރާނެ. ކޯޗު ކިތަންމެ ބާރަށް ޖެހިގެންހުރި ކުޅުންތެރިޔާއަށް ބޯޅަދޭށޭ ބުންޏަސް، އޭނަގެ އެހުރި ހުނަރު ދައްކާނެ، އެހެން މީހުން ކައިރިން ބޯޅަ ނައްޓާލާފައި ގޮސް އަމިއްލައަށް ގޯލް ޖަހަން ފުރުސަތު ލިބޭތޯ މަސައްކަތް ކުރާނެ. އެއީ ބައެއް ފަހަރު ޓީމަށް ފައިދާހުރި ކަމެއް. އަނެއްބައި ފަހަރު ޓީމަށް ގެއްލުންހުރި ކަމެއް" އަމީން އިބްރާހީމް ވިދާޅުވިއެވެ.
އަމީން ވިދާޅުވީ ގުޅިފައިވާ އިއްތިހާދުގެ ކެންޑިޑޭޓެއްގެ ގޮތުގައި ގާސިމް އިބްރާހީމް ނިކުމެވަޑައިގަތުމަކީ ޕާޓީގެ މެމްބަރުންނާއި ޕާޓީއަށް ތާއީދުކުރާ މީހުން އެންމެ ބޮޑަށް ބޭނުންވާނެ ގޮތް ކަމަށެވެ. އަދި އިސްލާހީ ހަރަކާތަށް ލޯބިކުރާ މީހުންނާއި އެކަންކަން ގާތުން ބައްލަވާ ވަރަށް ގިނަ ބޭފުޅުންގެ "އެންމެ ފުރަތަމަ ޗޮއިސްއަކީ" ގާސިމް އިބްރާހީމް ކަމަށް ވެސް ޖޭޕީގެ ނާއިބު ލީޑަރު ވިދާޅުވިއެވެ. އިންތިޚާބުގައި ވާދަކުރެއްވުމަށް އެމަނިކުފާނަށް މިވަގުތު ގާނޫނީ ހުރަސްތަކެއް އޮތް ނަމަވެސް އެމަނިކުފާނަށް ވާދަކުރެއްވޭނެ މަގަށް ކަންކަން ފަހިކުރުމަށް މަސައްކަތް ކުރުމަކީ ޖޭޕީން ވެސް ކުރަންޖެހޭ ކަމެއް ކަމަށާއި އަދި އެމަސައްކަތް ކުރާނެ ކަމަށް އަމީން ވިދާޅުވިއެވެ.
"ޖުމްހޫރީ ޕާޓީގެ ފަރާތުން ޕާޓީގެ މެމްބަރުންނާއި ޕާޓީއަށް ތާއީދުކުރާ މީހުންނާއި އަދި ރާއްޖޭގެ އިސްލާހީ ހަރަކާތަށް ތާއީދުކުރާ ވަރަށް ގިނަ ބަޔަކު އެބަބޭނުންވޭ އޮނަރަބަލް ގާސިމް އިބްރާހީމް އެއީ ކޮމަން ކެންޑިޑޭޓަށް ވުމަށް. ޖުމްހޫރީ ޕާޓީގެ އުސޫލުތައް ހަމަޖެހިފައި އޮތްގޮތުން ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓަކީ ގާސިމް އިބްރާހީމް. ޕާޓީގެ އަސާސީ ގަވާއިދު ބުނާގޮތުން ޕާޓީގެ ލީޑަރު އެބަޖެހޭ ރިޔާސީ އިންތިޚާބަށް ޕާޓީގެ ފަރާތުން ކުރިމަތިލައްވަން. އެމަނިކުފާނުގެ ޒިންމާއެއް މަސްއޫލިއްޔަތެއް އެއީ. އެކަމުން ރެކިވަޑައެއްނުގެންނެވޭނެ. އެމަނިކުފާނަށް ޚާއްސަ ހާލަތެއް ދިމާވުމުން އަޅުގަނޑުމެން އެހެން ގޮތަކަށް ދިއުމަކީ މުޅިން އެހެން ކަމެއް" އަމީން ވިދާޅުވިއެވެ.
އަމީން ވިދާޅުވީ ރައްޔިތުން އެންމެ ބޭނުންވާ ގޮތަކީ އިދިކޮޅު ލީޑަރުންނަށް މިނިވަންކަމާއެކު ގޮތެއް ނިންމެވުމުގެ ފުރުސަތު ލިބިވަޑައިގެން އެބޭފުޅުން ގޮތް ނިންމެވުން ކަމަށެވެ. ގައުމަށްޓަކައި އިޚުލާސްތެރިކަމާއެކު އެބޭފުޅުންނަށް ގޮތް ނިންމެވޭނީ މިނިވަންކަންވެސް ލިބިގެން ކަމަށާއި އެހެންކަމުން އެމަގުން ގުޅިފައިވާ ޕާޓީތަކުން މަސައްކަތް ކުރާނެ ކަމަށް ވިދާޅުވިއެވެ. ރައީސް ޔާމީން ބަލިކުރުމަށް ނެރޭނެ ކެންޑިޑޭޓަކާ ބެހޭގޮތުން އަމީން ވިދާޅުވީ އެބޭފުޅަކީ ދަތިއުނދަގޫ ދަނޑިވަޅުތަކުގައި އަންނަ ޕްރެޝަރާ ކުރިމަތިލައްވަން ކެރޭ އަދި އެގާބިލްކަން ހުރި ބޭފުޅަކަށް ވާންޖެހޭނެ ކަމަށެވެ. އަދި އެންމެނާވެސް ގުޅިގެން މަސައްކަތް ކުރެވޭ، ނަތީޖާ ނެރެވޭނެ ބޭފުޅަކަށް ވާންޖެހޭ ކަމަށެވެ.
"އެންމެ ވަރުގަދަ މެޗުތަކުގައި ވަގުތު ހަމަވެގެން ދެންޖަހަނީ ޕެނަލްޓީ. ޕެނަލްޓީ ޖަހާ ދަނޑިވަޅަކީ އަޅުގަނޑުމެން ހީކުރާހާ ފަސޭހަ ދަނޑިވަޅަކަށް ނުވޭ. ކޯޗަށްވެސް ޓީމަށްވެސް ސަޕޯޓަރުންނަށް ވެސް ޚާއްސަ ދަނޑިވަޅެއް އެއީ. ކޯޗު ބަލަނީ އެންމެ މޮޅަށް ކޮއްޓާ މީހެއް ނޫން. އެންމެ ރަގަޅަށް ބޯޅަ ޖަހާ މީހެއް ނޫން. އަދި އެމީހެއްގެ ފަހަތުގައި އެންމެ ގިނަ ފޮލޯވަރުން، ޓުވީޓަރުން ނުވަތަ ސޯޝަލް މީޑިއާގެ ފޮލޯވަރުން ގިނަ މީހެއްވެސް ނޫން. ނުވަތަ އެންމެ ތާއީދު ބޮޑު މީހެއްވެސް ނޫން. އޭގެ ބަދަލުގައި ފުރަތަމަ ކަމަކަށް ބަލަނީ އެޕްރެޝަރު ހެންޑްލް ކުރެވެނީ ކާކަށްތޯ. އެނާޒުކު ދަނޑިވަޅުގައި އެންމެ ރަގަޅަށް ޕްރެޝަރު މެނޭޖް ކުރެވެނީ ކޮން ކުޅުންތެރިއަކަށްތޯ" ފުޓުބޯޅައިން މިސާލު ޖައްސަވަމުން އަމީން ވިދާޅުވިއެވެ.
އަމީން ވިދާޅުވީ އެންމެ މޮޅު ކުޅުންތެރިން ކަމަށް ހީވާ ބައެއް ކުޅުންތެރިންނަށް ބޮޑެތި މެޗުތަކުގައި ޕެނަލްޓީ ޖެހުމުގެ ފުރުސަތު ނުލިބިވެސް ދާ ކަމަށެވެ. އަދި ފުރުސަތު ލިބި ޕެނަލްޓީ ނުޖެހިވެސް ދާ ކަމަށެވެ. ޕެނަލްޓީ ޖަހަން ކޯޗު ފުރުސަތުދެނީ އެހާލަތުގައި އެންމެ ފިޓު މީހާއަށް ކަމަށް އަމީން ވިދާޅުވިއެވެ. އަމީން ވިދާޅުވީ 2018 އާ ހިސާބުން ނުނިމޭ ކަމަށާއި އިންތިޚާބަށްފަހު ވެރިކަން ދަމަހައްޓައި ރައްޔިތުންގެ އެދުންތައް ފުއްދައިދިނުމަށް ވެސް ވިސްނަންޖެހޭ ކަމަށެވެ. އެމުއްދަތުގައި އެކަންވެސް ކުރެވޭނީ އަންނަ ޕްރެޝަރު މެނޭޖްކުރަން އެގޭވަރު މީހަކަށް ކަމަށާއި އެކަން އެންމެ ރަގަޅަށް ކުރެވޭނީ ކޮން ލީޑަރަކަށްތޯ ބަލަންޖެހޭ ކަމަށެވެ. އަދި ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ކެންޑިޑޭޓަކަށް ވާންވާނީ އެފަދަ ބޭފުޅެއް ކަމަށް ތަކުރާރުކޮށް އަމީން ވިދާޅުވިއެވެ.
އަމީން ވިދާޅުވީ ގުޅިފައިވާ ޕާޓީތަކުން ބާއްވާ ޖަލްސާތަކުގައި ރިޔާސީ ކެންޑިޑޭޓުގެ ގޮތުގައި ޖޭޕީގެ ލީޑަރު ޕްރޮމޯޓުކޮށް ވާކަހަނުދައްކަނީ އެއީ ޖޭޕީގެ އަމިއްލަ ޖަލްސާތަކަކަށް ނުވާތީއާއި އެއީ އެންމެ މަސްލަހަތު ހުރިގޮތް ކަމަށް ގަބޫލުނުކުރެވޭތީ ކަމަށެވެ. ނަމަވެސް ޖޭޕީގެ އަސާސީ ގަވާއިދު ބުނާގޮތުން ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކީ ލީޑަރު ގާސިމް ކަމަށާއި އަދި ޕާޓީގެ މެމްބަރުންގެ ފުރަތަމަ ޗޮއިސްއަކީ އެއީ ކަމާމެދު ޝައްކެއް ނެތް ކަމަށެވެ. އެމަނިކުފާނަށް ވާދަކުރައްވަން ދަތިފުޅުވެއްޖެ ހާލަތެއްގައި ޖޭޕީން އެހެން ބޭފުޅަކު ނެރުމަށް ފަހަތަށްނުޖެހޭނެ ކަަމަށާއި ޖޭޕީގައި ލީޑަރުން އެބަތިއްބެވި ކަމަށެވެ. އަދި ޕާޓީގެ ސިޔާސަތުތައް ގަބޫލުކުރާ ހަރުދަނާ ޝަޚުސިއްޔަތުތައް ވަރަށް ގިނަ ކަމަށާއި އެފަދަ ބޭބޭފުޅުން ކުރިއަށް އޮތް ތަނުގައިވެސް ޖޭޕީއާ ގުޅިވަޑައިގަންނަވާނެ ކަމަށް އަމީން ވިދާޅުވިއެވެ.
ޖޭޕީގެ ނާއިބު ލީޑަރު އަމީން އިބްރާހީމް ވިދާޅުވީ ކޮންމެ ޕާޓީއަކީ ވެސް ވަކި ސިޔާސީ ފިކުރެއް ކަމަށާއި ކޮންމެ ޕާޓީއެއްގައި ވެސް ރައްޔިތުންގެ ލޯތްބާއި ތާއީދު ލިބިފައިވާ ލީޑަރުންތަކެއް ވެސް އެބަތިއްބެވި ކަމަށެވެ. ނަމަވެސް މީގެ ތެރެއިން އެއްވެސް ލީޑަރަަކަށް ރިޔާސީ އިންތިޚާބަށް ކުރިމަތިލެއްވުމުގެ ފުރުސަތު މިވަގުތު ނެތްކަން ވިސްނަންޖެހޭ ކަމަށެވެ. ރައީސް ނަޝީދާއި، ގާސިމް އިބްރާހީމާއި، ޝައިޚް އިމްރާން ޖަލުހުކުމެއްގައި ތިއްބެވިއިރު، ރައީސް މައުމޫންގެ މައްޗަށް ޖަލުހުކުމެއް ނެތް ނަމަވެސް އެމަނިކުފާނުގެ ދަރިކަލުން ހުންނެވީ ޖަލުގައިކަން އަމީން ފާހަގަކުރެއްވިއެވެ. އަދި 65 އަހަރުން މަތީ މީހުންނަށް ރައީސްކަމަށް ކުރިމަތިނުލެވޭ ގޮތަށް ގާނޫނުއަސާސީއަށް ގެނެސްފައިވާ ބަދަލަކީ ވެސް ރައީސް މައުމޫނާއި ގާސިމް އިބްރާހީމަށް އޮތް ހުރަހެއް ކަމަށް ވިދާޅުވިއެވެ.
"އިދިކޮޅު ހުރިހާ ލީޑަރުން މިތިއްބެވީ ޖަލުގައި ނުވަތަ ހައްޔަރުކޮށްފައި. ރައްޔިތުންނާ ކައިރުނުވެވޭ ގޮތަށް ނުވަތަ އެއްވެސް ގޮތަކަށް ރައްޔިތުންނާ ގުޅިގެން މަސައްކަތެއް ނުކުރެވޭ ހާލަތަށް ވައްޓާލާފައި. މިހާލަތުގައި އަޅުގަނޑުމެން އެންމެ ލޯބިވާ ގަދަރުކުރާ ލީޑަރުންނަށް އިންތިޚާބުގައި ވާދަކުރެވޭނެ މަންޒަރެއް ނުފެނޭ މިހާރު މިއޮތްގޮތުން. އެހެންނަމަވެސް 2018 ގެ އިންތިޚާބު ބޭއްވެންވާނީ މިތިއްބެވި ލީޑަރުންނަށް އެބޭބޭފުޅުންގެ އަމިއްލަ ނިންމެވުމުގައި އިންތިޚާބުގައި ވާދަކުރައްވަން ބޭނުންފުޅުނަމަ ވާދަކުރެއްވޭ ގޮތަށް އަދި ވާދަކުރައްވަން ބޭނުންފުޅު ނުވާނަމަ އެބޭބޭފުޅުންގެ ފަރާތުން އެހެން ބޭބޭފުޅުންނަށް ވާދަކުރެއްވޭ ގޮތަށް" އަމީން ވިދާޅުވިއެވެ.
އަމީން ވިދާޅުވީ ރިޔާސީ އިންތިޚާބުގައި ވާދަކުރާނެ ގޮތަކާމެދު ޖުމްހޫރީ ޕާޓީގެ ނިންމުން ޕާޓީން ރަސްމީކޮށް އިއުލާންކުރާނެ ކަމަށާއި ގުޅިފައިވާ ސިޔާސީ ޕާޓީތަކުން އެއްރޫހެއްގައި މަސައްކަތްކޮށް އެކުގައި ތިބުމަކީ ކާމިޔާބަށް ވާސިލްވުމަށް އޮތް މަގު ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށެވެ. އަމީން ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާއި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއި، ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި، އަދާލަތު ޕާޓީގެ ރައީސް ޝައިޚް އިމްރާން އަބްދުﷲ އެކުގައި މަސައްކަތް ފެއްޓެވީ ރާއްޖެ މިއަދު އޮތް ހާލަތުން އަރައިގަނެ، ރައްޔިތުންގެ ގައުމު ރައްޔިތުންނަށް ހޯއްދަވައިދެއްވުމަށް ކަމަށެވެ. އަދި ރައްޔިތުންނަށް ސަރުކާރުގެ ފަރާތުން ލިބެމުންދާ އަނިޔާއާއި ގެއްލުންތަކުން ސަލާމަތްކޮށް، ޚާއްސަކޮށް އިދިކޮޅު ލީޑަރުންނަށް ސަރުކާރުން ކުރިމަތިކުރަމުންދާ ގޯނާތަކާއި ބިރުވެރިކަމުން ސަލާމަތްކޮށް ހުރިހާ ޕާޓީތަކަކަށް ވެސް ވާދަކުރެވޭ އިންތިޚާބެއް 2018 ގައި ބޭއްވުމަށް ކަމަށެވެ. އެހެންކަމުން ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވެސް އަދި 2019 ގައި ބާއްވާ އާންމު އިންތިޚާބުގައި ވެސް އެއްރޫހެއްގައި ތިބުމަކީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ މަސައްކަތަށް ލިބޭ ކުރިއެރުމަކަށް ވާނެ ކަމަށް އަމީން ވިދާޅުވިއެވެ.
"އިދިކޮޅު ކެންޑިޑޭޓަކަށް ފުރަތަމަ ޗޮއިސްއަކީ ގާސިމް އިބްރާހީމް"
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ