ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް މިމަހުގެ ތެރޭގައި ދެވަނަ ފަހަރަށް ހައްޔަރުކޮށް އެމަނިކުފާނުގެ ބަންދަށް ކްރިމިނަލް ކޯޓުން 15 ދުވަސް ޖަހާފައިވާ މައްސަލައިގެ އިސްތިއުނާފް އަޑުއެހުމަށް ގާސިމް އިބްރާހީމް ހައިކޯޓަށް ހާޒިރުކޮށްފި އެވެ.
ގާސިމް އިބްރާހީމް މިމަހުގެ ތެރޭގައި ދެވަނަ ފަހަރަށް ހައްޔަރުކޮށް އެމަނިކުފާނުގެ ބަންދަށް މުއްދަތު ޖެހި މައްސަލައިގެ އިސްތިއުނާފް އަޑުއެހުން ފެށުމަށް ހަމަޖެހިފައިވަނީ މިއަދު 1:45 ހާއިރު އެވެ.
ގާސިމް އިބްރާހީމްގެ ގާނޫނީ ޓީމުގައި އެންމެ އިސްކޮށް ހުންނެވި ހިސާން ހުސައިން މިއަދު ވިދާޅުވީ މިމަހުގެ ތެރޭގައި ގާސިމު ހައްޔަރުކުރެވުނު ފުރަތަމަ ފަހަރު އެކަން ކޮށްފައިވަނީ ގޯސްކޮށް ކަމަށް ހައިކޯޓުން ކަނޑައަޅާފައިވާއިރު އެމަނިކުފާނު ދެވަނަ ފަހަރަށް ހައްޔަރުކުރީ ވެސް ގޯސްކޮށް ކަމަށް ގާނޫނީ ޓީމުން ގަބޫލުކުރައްވާ ކަމަށެވެ.
ގާސިމް އިބްރާހީމްގެ މައްޗަށް ފުލުހުން ކުރާ ތުހުމަތާ ގުޅިގެން މިމަހުގެ ތެރޭގައި އެމަނިކުފާނު ދެވަނަ ފަހަރަށް ހައްޔަރުކުރީ މިމަހުގެ 20 ވަނަ ދުވަހުގެ ރޭ މެންދަމު 12:00 ޖަހާއެހާއިރު އެމަނިކުފާނުގެ ގެކޮޅު، މާފަންނުވިލާގައި ހުންނަވަނިކޮށް ވަރަށް ކުއްލި ގޮތަކަށެވެ.
ކޯޓް އަމުރެއްގެ ދަށުން ގާސިމް ބަންދުކޮށްގެން ގެންދިއުމަށްފަހު އެމަނިކުފާނުގެ ބަންދަށް ކްރިމިނަލް ކޯޓުން 15 ދުވަސް ޖަހައިދީފައިވަނީ މިމަހުގެ 21 ވަނަ ދުވަހު އެވެ.
ގާސިމް އިބްރާހީމް މިމަހުގެ ތެރޭގައި ދެވަނަ ފަހަރަށް ކުއްލި ގޮތަކަށް ހައްޔަރުކުރީ މިމަހުގެ ތެރޭގައި އެމަނިކުފާނު ފުރަތަމަ ފަހަރަށް ހައްޔަރުކުރި މައްސަލާގައި ކުރަމުންދާ ތުހުމަތުތަކަށް ބިނާކޮށް އުފުލާފައިވާ ތިން ދައުވާއެއްގެ ޝަރީއަތް މިމަހުގެ 13 ވަނަ ދުވަހު ކްރިމިނަލް ކޯޓުގައި ފަށާފައިވަނިކޮށެވެ.
ގާސިމް އިބްރާހީމް މިމަހުގެ ހަވަނަ ދުވަހު ހައްޔަރުކުރެވުނު ފުރަތަމަ ފަހަރު ކްރިމިނަލް ކޯޓުން އެމަނިކުފާނުގެ ބަންދަށް އެފަހަރު ހަ ދުވަސް ޖެހުމުން އެމައްސަލަ ވެސް ހައިކޯޓުގައި އިސްތިއުނާފް ކުރި އެވެ. އަދި އެފަހަރު ހައިކޯޓުން ނެރުނު އަމުރުގައި ބުނެފައިވަނީ ގާސިމް ބަންދުކުރަން ކްރިމިނަލް ކޯޓުން ނެރެފައިވާ އަމުރަކީ ގާނޫނާ ހިލާފު ބާތިލް އަމުރެއް ކަމަށެވެ. އެހެންކަމުން ގާސިމް ވަގުތުން މިނިވަންކުރުމަށްވެސް ހައިކޯޓުން ވަނީ އަމުރުކޮށްފަ އެވެ.
"އިސްތިއުނާފް މި ކުރެވޭ ކޯޓު އަމުރުގެ ދަށުން ގާސިމް އިބްރާހިމްގެ ބަންދުގެ މުއްދަތު ކްރިމިނަލް ކޯޓުން އިތުރު ކުރައްވާފައިވަނީ ގާނޫނު ނަމްބަރު 5/2013 (ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނު) ގެ 13 ވަނަ މާއްދާގެ ހ. އާ ޚިލާފަށް ނެރުއްވާފައިވާ އަމުރެއްގެ ދަށުން ގާސިމް އިބްރާހިމް ބަންދު ކުރެވިފައި ވަނިކޮށް އެ އަމުރުގެ މައްޗަށް ބިނާ ކުރައްވައިގެންކަން އެނގެން އޮންނަ ކަމާއި، ބާތިލްކަމެއްގެ މައްޗަށް ތަރުތީބުވެގެން އަންނަ ކޮންމެ ކަމަކީ ބާތިލު ކަމަކަށް ވާނެތީ ކްރިމިނަލް ކޯޓުގެ ނަމްބަރު [އަމުރު ނަމްބަރު] ކޯޓު އަމުރަކީ ގާނޫނާ ޚިލާފް ބާތިލް އަމުރެއް،" މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި އެ އަމުރުގައިވެ އެވެ.
ގާސިމް އިބްރާހީމް މިހާރު ހުންނެވީ މިމަހުގެ ހަވަނަ ދުވަހުގެ ރޭ ވެސް އެމަނިކުފާނު ހައްޔަރުކޮށްފައި ބެހެއްޓި ތަން ކަމުގައިވާ ދޫނިދޫގަ އެވެ.
އިސްތިއުނާފް އަޑުއެހުމަށް ގާސިމް ކޯޓަށް ހާޒިރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ