ޖުމްހޫރީ ޕާޓީގެ ލީޑަރ އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލި ދާއިރާގެ އިއްޒަތްތެރި މެންބަރު ގާސިމް އިބްރާޙިމް ފްރޭމްކޮށް، އެމަނިކުފާނުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ކުރުމަށް ބަޔަކު މީހުން ރާވަމުން ގެންދާ ކަންތައްތަކާމެދު ޖުމްހޫރީ ޕާޓީން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
ޖުމްހޫރީ ޕާޓީން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ އެ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ފްރޭމްކޮށް، އެމަނިކުފާނުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ކުރުމަށްޓަކައި، ބަޔަކުމީހުން ރާވައިގެން މަސައްކަތްތަކެއް ކުރެވެމުންދާކަމުގެ މަޢުލޫމާތު ލިބި، އެމަނިކުފާނުގެ ވަކީލުންވަނީ ކަންބޮޑުވުން ފާޅުކޮށް، ދައުލަތުގެ ސަލާމަތީ ޚިދުމަތްތަކަމަށްވާ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލަ ސެކިއުރިޓީ އަށާއި، މޯލްޑިވްސްޕޮލިސް ސާވިސް އަށް މައްސަލަ ލިއުމުން ހުށަހަޅާ އެކަން ސީރިއަސްކޮން ތަހްގީގުކޮށް ދިނުމަށް އެދިފައިކަމަށެވެ.
އަދި އެ މައްސަލަ ބައްލަވައި ދެއްވުމަށް އެދި ދައުލަތުގެ ޕްރޮސެކިއުޓަރ ޖެނެރަލް އަށް ވެސް ހުށަހަޅާފައިވާކަމަށް ވަނީ ބުނެފައެވެ.
ނަމަވެސް މިހާތަނަށް އެކަމާގުޅޭތުން އެއްވެސް ފަރާތަކުން ފިޔަވަޅެއް އަޅާފައި ނުވުމުން އެކަމަށް ކަންބޮޑުވާންޖެހެނީ މާޒީގައި ކަންކަން ހިނގާފައިވާ ގޮތްތަކުގެ ސަބަބުން އެފަދަ ހާލަތެއް ކުރިމަތިވިޔަ ނުދިނުމަށްޓަކައި، ކުރިޔާލާ އެކަންކަމަށް ސަމާލުވެ ހައްލެއް ހޯދުމަށް ބޭނުންވާތީކަމަށް ޖުމްހޫރީ ޕާޓީން ވަނީ ބުނެފައެވެ.
ޖުމްހޫރީ ޕާޓީގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ މިވަގުތުވެސް ގާސިމް އިބްރާހިމް ހުންނެވީ މޯލްޑިވްސް ޕޮލިސް ސާވިސްގެ ބެލުމުގެ ދަށުގައި ޖަލުބަންދެއްގައި ކަމަށްވެފައި، އަދި ޖަލުގެ ވެންޓިލޭޝަން ރަގަޅުކުރުމަށް ކުރިމިނަލް ކޯޓް އިން މޯލްޑިވްސް ޕޮލިސް ސާވިސް ގެ މައްޗަށް ޤާސިމް އިބްރާހިމް ފުރަތަމަ ހައްޔަރުކުރުމަށް ފަހު މުއްދަތު މަޖިލީހުގައި ފަނޑިޔާރު އަމުރުކުރީ ވެންޓިލޭޝަން ރަގަޅުކުރުމަށާއި، އަދި އެކަން ރަގަޅު ނުކުރެވޭނަމަ، ވެންޓިލޭޝަން ރަނގަޅު ތަނަކަށް ބަދަލުކުރުމަށް ކަމަށްވިއަސް އެކަން ރަނގަޅުކުރުމަކާ ނުލާ އަނެއްކާވެސް ހަމަ އެގޮޅީގައި ދޫނިދޫ ޖަލުގައި ހައްޔަރުކޮށްފައިވުމުން، އެ މަނިކުފާނާމެދު އަމަލުކުރައްވަމުން އެ ގެންދަވަނީ އެއްގޮތަކަށް ވެސް ގާނޫނީ ހުކޫމަތުގެ ތެރެއިން ކަމަށް ބެލުމުގެ ޖާގައެއް އޮތްކަމަކަށް އެޕާޓީން ނުދެކޭކަމަށެވެ.
ކޯޓުގެ އަމުރާ އެއްގޮތަށް އެކަންކަން ރަނގަޅު ނުކޮށްހުރިއިރު އަދި އެމަނިކުފާނު ފުރޭމްކުރުމަށް ބަޔަކު ރާވަމުންދާކަމުގެ މައުލޫމާތު ލިބިގެން އެކަން ކަމާބެހޭ ދައުލަތުގެ އިދާރާތަކަށް އަންގާ ތަހްގީގު ކޮށްދިނުމަށް އެދި އެމަނިކުފާނުގެ ފަރާތްޕުޅުން ގާނޫނީ ވަކީލުން އެދިފައި ވުމާއި، އަދި އެކަން އަމަލީ ގޮތެއްގައި ކުރަމުންދާކަން އެނގިފައި ނެތުމުން، ޖަލުގެ ހައްޔަރުގައި އެ މަނިކުފާނު ހުންނަ ހުރުމުގައި ފާއިތުވާ ކޮންމެ ވަގުތަކީ އެފަދަ ކަމެއްް ބަޔަކު ރާވައިގެން ނުހިންގާނެ ކަމުގެ އެއްވެސް ޔަގީން ކަމެއް ނެތް ވަގުތުތަކެއް ކަމުގެ ނުތަނަވަސްކަން އުފެދި އެކަމާ ނުހަނު ކަންބޮޑުވުން އޮތްކަމުގައި ދެކޭކަމަށްވެސް ޖުމްހޫރީ ޕާޓީގެ ނޫސްބަޔާނުގައި ވަނީ ބުނެފައެވެ.
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ ގެ 51 ވަނަ މާއްދާގެ (އ) ގައި " އެމީހަކު ކުށެއްކޮށްފިކަން، އެކަށީގެންވާ މިންވަރެއްގެ ޝައްކެއްނެތި، ޝަރީއަތުގައި ސާބިތުނުކުރެވޭ ނަމަ އެ މީހަކީ ކުށެއްނެތް މީހަކު ކަމުގައި ބެލުމުގެ ހައްގު ލިބިގެންވާކަމަށް އެބައޮތްކަމަށާ އެހެންކަމުން ގާސިމް އިބްރާހިމް މި ވަގުތު ޖަލުގެ ހައްޔަރުގައި ބަހައްޓާފައި ވަނީ އެމަނިކުފާނުގެ މައްޗަށް ސާބިތުވެފައިވާ ކުށެއްގެ ހުކުމް ތަންފީޒް ކުރުމަށް ކަމަށް ނުވާތީއާއި، އަދި މޯލްޑިވްސް ޕޮލިސް ސަރވިސް އިން އެދުނު ހުރިހާ ހާލަތެއްގައި ތަހްގީގަށް ފުރިހަމަ އެއްބާރުލުންދީފައި ވުމާއެކު، އެ މަނިކުފާނު ވަގުތުން މިނިވަން ކޮށްދިނުމަށް ރާއްޖޭގެ އެކިއެކި ކަންކޮޅުތަކުގައި ގޮވާލަމުންދާ ގޮވާލުންތަކަށް ސަރުކާރުން އަޅާނުލުމަކީ އިންތިހާއަށް ކަންބޮޑުވާކަމެއްކަމަށްވެސް ޖުމްހޫރީ ޕާޓީން ވަނީ ބުނެފައެވެ.
އަދި ގާސިމް އިބްރާހިމްގެ ރައްކާތެރިކަމާއި، އެމަނިކުފާނު ހުރި ޖަލުގޮޅީގެ ސަލާމަތީ ކަންކަން ކަށަވަރު ކުރުމާއި، ބަޔަކު ރާވައިގެން ފުރޭމްކުރުމަށް ކުރަމުންދާ މަސައްކަތަށް އެއްވެސް ޖާގައެއް ނުލިބޭނެ ކަމުގެ ޔަގީންކަން ކަށަވަރުކޮށްދިނުމަށް ކަމާބެހޭ ދައުލަތުގެ އެންމެހާ ފަރާތްތަކަށް ޖުމްހޫރީ ޕާޓީން ވަނީ އިލްތިމާސްކޮށްފައެވެ.
ގާސިމް ފްރޭމްކުރަން ރާވަމުންދާ މައްސަލާގައި ފިޔަވަޅު އަޅާފައިނުވާތީ ކަންބޮޑުވުން ފާޅުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ