ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލިހުގެ މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް މިނިވަންކުރުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ހުށައެޅުމަށްޓަކައި މާމިގިލީ ރައްޔިތުން އިސްވެ ތައްޔާރުކުރާ ޕެޓިޝަންގައި ސޮއިކުރަން ފަށައިފިއެވެ.
މާމިގިލީ ރައްޔިތުން އިސްވެ ތައްޔާރުކުރާ ޕެޓިޝަނާއި ގުޅޭގޮތުން ވީނިއުސްއަށް މައުލޫމާތު ދެއްވަމުން ފްރީ ގާސިމް އިވެންޓްގެ ކޯޑިނޭޓަރު ޝިހާމް މުހައްމަދު ވިދާޅުވީ މިޕެޓިޝަންގައި ސޮއިކުުރުމުގެ ހަރަކާތްތައް މިއަދު ހަވީރު، މާމިގިލީ ޖުމުހޫރީ ޕާޓީ ޖަގަހަައިގައި ފަށާފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ މިޕެޓިޝަންގައި ސޮއިކުރުމުގެ ފުރުސަތު އާއްމުކޮށް އެންމެންނަށްވެސް ހުޅުވާލެވިފައިވާ ކަމަށާއި، މިއީ މާމިގިލީ ރައްޔިތުން އިސްވެ ތައްޔާރު ކުރާ ޕެޓިޝަނެއް ކަމުގައެވެ.
މި ޕެޓިޝަންގައި މިއަދު ހަވީރު އެކަނިވެސް މާމިގިލިން 700 އަސްވުރެ ގިނަ މީހުން ސޮއިކޮށްފައިވާ ކަމަށާ، މިރޭވެސް ޕެޓިޝަންގައި ސޮއިކުރުމުގެ ހަރަކާތް މާމިގިލީގައި ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށް ޝިހާމް ވިދާޅުވިއެވެ.
ޝިހާމް ވިދާޅުވީ މިރޭ ސަން އައިލެންޑާ، ހޮލިޑޭ އައިލެންޑާއި، އދ.ފެންފުށީގައި ވެސް ޕެޓިޝަންގައި ސޮއިކުރުމުގެ ހަރަކާތް ކުރިއަށް ގެންދާނެ ކަމަށެވެ.
އަދި މާދަމާ ދިގު ރަށުގައި މި ހަރަކާތް ފެށުމަށް ނިންމާފައިވާއިރު، ވަރަށް އަވަހަށް ދަނގެތީގައިވެސް ޕެޓިޝަންގައި ސޮއިކުރުން ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށް ޝިހާމް ވިދާޅުވިއެވެ.
އޭނަ ވިދާޅުވީ މިޕެޓިޝަން ރައްޔިތުންގެ މަޖިލީހުގެ ޕެޓިޝަން ކޮމިޓީއަށްވެސް ހުށައަޅާނެ ކަމަށާއި، އޭގެ އިތުރަށް ސަރުކާރުގެ ކަމާއިގުޅޭ މުއައްސަސާތަކަށް ވެސް ހުށައަޅާނެ ކަމުގައެވެ.
ގާސިމް މިނިވަންކުރުމަށް ގޮވާލާ ޕެޓިޝަންގައި ސޮއިކުރަން ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ