ގާސިމް ބޭސްފަރުވާގެ ކަންކަމުގައި ސަރުކާރުން ދެއްކީ ދަޅަ: ހުސައިން މުހައްމަދު

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދިއުމުގެ ފުރުސަތު ވަރަށް އަވަހަށް ފަހިކޮށްދޭން މަސައްކަތްކުރާކަމަށް ބުނެ ސަރުކާރުން ދެއްކީ ހުސްދަޅަކަމަށާ ގާސިމަށް ބޭސްފަރުވާއަށް ފުރުމުގެ ފުރުސަތު ލިބުނުލެއް ވަރަށް ބޮޑަށް ލަސްކަމަށް ޖުމްހޫރީ ޕާޓީގެ މަތިވެރި ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ވިދާޅުވެއްޖެއެވެ.
ވީޓީވީގައި ވާހަކަދައްކަވަމުން ހުސައިން މުހައްމަދު ވިދާޅުވީ ގާސިމް އިބްރާހިމް ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދިއުމުގެ ފުރުސަތު ދިނީ ސަރުކާރުގެ ހެޔޮފުޅުކަމުންކަމުގައި ދައްކަން ވަރަށް ގިނަ މަސައްކަތް ކުރި މަންޒަރު ފެނުނުކަމަށެވެ.
ގާސިމްގެ ބޭސްފަރުވާގެ ކަންކަމުގައި ސަރުކާރުގެ ނިޔަތް ރަނގަޅު ނޫންކަމަށާއި ހޯމް މިނިސްޓަރު އަދި ދައުލަތުގެ ބަންޑާރަ ނާއިބް އަމަލުކުރެއްވި ގޮތުން އެކަން ސާފުވާކަމަށް ހުސައިން މުހައްމަދު ވިދާޅުވިއެވެ.
އަދި މިއަދު ވަޒީރުންގެ ގޮތުގައި ތިބި ބައެއް ބޭފުޅުންނަކީ ނަފްސްގެ އަގެއް ނެތް، ވަކި މީހާކު އެންގިހާ ގޮތަކަށް ކަންކަން ކުރަން ތިބޭ ބައެއްކަން ކުރާ ކަންތައްތަކާއި ދައްކާވާހަކަތަކުން ހާމަވާކަމަށެވެ.
"ދެން މިގޮތަށްވެސް އެތަނަށްދޭ، މިތަނަށް އާދޭ، އެކަންކުރޭ، މިކަންކުރޭ މިގޮތަށް އަންގައިގެންވެސް ވަޒީރުންގެ ގޮތުގައި ތިބެން ބޭނުންވާ މީހުން ދެ ފަހަރު ދެގޮތަށް ވާހަކަދައްކައިގެން ކަންކަން ކުރާނެ. ހަމަ މުޅިންވެސް ދަޅަ ދެއްކުން މިފެންނަނީ." ހުސައިން މުހައްމަދު ވިދާޅުވިއެވެ.
ހުސައިން މުހައްމަދު ވިދާޅުވީ ގާސިމް ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ވަޑައިގެންނެވީ އެ ފުރުސަތު ތަނަވަސްކޮށްދިނުން ވަރަށް ބޮޑަށް ފަސްކުރައްވާފައިކަމަށެވެ.
ހުސައިން މުހައްމަދު ވިދާޅުވީ ގާސިމް އިބްރާހިމްގެ ގައިރު ހާޒިރުގައި ހުކުމްކޮށް އެ ހުކުމްުގައި ބޭސްފަރުވާގެ ކަންކަން ފުރިހަމަކޮށްދިނުމަށް ދައުލަތުގެ މައްޗަށް އަމުރުކޮށްފައިވާއިރު އެ އަމުރަށް ތަބާވާން ދެ ހަފްތާ ހޭދަވެގެން ދިއުމަކީ ކަންބޮޑުވާކަމެއްކަމަށެވެ.
އަދި މިހާރު ގާސިމަށް ސިންގަޕޫރުން ބޭސްފަރުވާގެ ފުރުސަތު ތަނަވަސްވެގެން ދިއުމަކީ އުފާކުރައްވާކަމެއްކަމަށާ ގާސިމަށް އަވަހަށް ޝިފާއަކަށް އެދިވަޑައިގަންނަވާކަމަށް ހުސައިން ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ