ނަރުދޫ ހުރިހާ ގެއެއްގެ ކަރަންޓު ބިލް މެމްބަރު އަލީ ރިޒާ ދައްކަވައިފި

ށ. ނަރުދޫ ހުރިހާ ގެއެއްގެ ކަރަންޓު ބިލް، ރައްޔިތުންގެ މަޖިލިހުގެ މިލަންދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަލީ ރިޒާ ދައްކަވައިފިއެވެ.
ނަރުދޫ ހުރިހާ ގެއެއްގެ ކަރަންޓު ބިލް ރިޒާާ ދެއްކެވި އިރު، އެ ރަށަކީ ގިނަ އަދަދަކަށް މީހުން ކޮވިޑް-19 އަށް ފައްސިވި ރަށެކެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އެންމެ ފަހުން އާންމުކޮށްފައިވާ މައުލޫމާތުން އެނގޭ ގޮތުގައި އެ ރަށުން 11 މީހަކު ކޮވިޑް-19 އަށް ފައްސިވިއެވެ.
ނަރުދޫ ކައުންސިލުން ވިދާޅުވީ ރިޒާ، އެ ރަށުގެ 87 ގެއެއްގެ ކަރަންޓު ބިލް ދައްކަވާފައިވާ ކަމަށެވެ. ނަރުދޫ ހުރިހާ ގެއެއްގެ ކަރަންޓު ބިލާ ރިޒާ ހަވާލުވެވަޑައިގެންފައި ވަނީ ރޭގެ ވަގުތެއްގައި ކަމަށް ވެސް ކައުންސިލުން ވިދާޅުވިއެވެ.
ނަރުދު އަށް މާލެއިން ދަތުރު ކުރި ބޯޓެއްގެ ކައްޕިއެއް ކޮވިޑް-19 އަށް ފައްސިވުމާ އެކު ބޯޓުން ދަތުރު ކުރި މީހުންގެ ތެރެއިން އެ ރަށުގައި ދިރިއުޅޭ ގިނަ ބައެއްގެ ސުންކު ނެގިއެވެ. ނަމަވެސް 11 މީހުން ފިޔަވައި އެންމެން ވެސް ވަނީ ބައްޔަށް ނައްސިވެފައެވެ.
ނަރުދޫ އަދިވެސް އޮތީ މޮނިޓަރިންގެ ހާލަތުގައެވެ.
ނަރުދޫ މޮނިޓަރިންގެ ހާލަތުގައި އޮތުމުން، އެ ރަށް ކައިރީގައި އޮންނަ ފުނަދޫ އާއި ގޮއިދޫ އާއި އެހެން ބައެއް ރަށްރަށުންނާއި ކުންފުނިތަކުންނާއި ޖަމިއްޔާތަކުން ވެސް ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.
މީގެ އިތުރުން ވެލާ ރިސޯޓުން ވެސް ވަނީ އެ ރަށަށް ބޮޑެތި އެހީތަކެއް ފޯރުކޮށްދީފައެވެ.ވެލާ ރިސޯޓުގު ފަރާތުން އެ ރަށަށް ހަދިޔާ ކުރި ތަކެތީގެ ތެރޭގައި 3000 މާސްކާއި 3000 އަންގި އާއި 110 ޕީޕީއީ ސެޓް އަދި 2500 ޕެނެޑޯލް ކާޑު ހިމެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ