އިބްރާހީމް ސިޔާދު ގާސިމް ކޯޓަށް ހާޒިރުކޮށްފި

ވިލާ ގުރޫޕްގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ސިޔާދު ގާސިމަށް ކުރާ ރިޝްވަތު ދިނުމުގެ ދައުވާގެ ފުރަތަމަ އަޑުއެހުމަށް ސިޔާދު ކްރިމިނަލް ކޯޓަށް ހާޒިރުކޮށްފި އެވެ.
މާފުށި ޖަލުގައި ބަންދުކޮށްފައި ހުންނެވި ސިޔާދު ގާސިމް މާލެ ގެނެސް ކްރިމިނަލް ކޯޓަށް ހާޒިރުކުރީ މިއަދު މެންދުރުފަހު 3:00 ޖެހިއިރު އެވެ.
ސިޔާދު މިއަދު ކޯޓަށް ހާޒިރުކުރިއިރު އޭނާ ހުންނެވީ ވަރަށް ހަމަޖެހިލައިގެން ހިނިތުންވެފަ އެވެ.
ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން ކަމަށް ބުނެ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ސިޔާދު ހައްޔަރުކުރީ މިދިޔަ ފެބުރުއަރީ މަހުގެ ހަތްވަނަ ދުވަހު އެވެ. އަދި އޭގެފަހުން ސިޔާދުގެ މައްޗަށް ރިޝްވަތު ދިނުމުގެ ދައުވާ އުފުލުމަށްފަހު މިދިޔަ މާޗް މަހުގެ 21 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ވަނީ ޝަރީއަތް ނިމެންދެން ސިޔާދު ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފަ އެވެ.
މިއަމުރުކުރުމާއެކު މީގެ ކުރިން ދޫނިދޫ ޖަލުގައި ހުންނެވި ސިޔާދު މިހާރު ވަނީ މާފުށި ޖަލަށް ބަދަލުކޮށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.
ދުވަހަކުވެސް ސިޔާސީ ކަމެއްގައި ބައިވެރިވެވަޑައިގެންފައި ނުވާ އިބްރާހީމް ސިޔާދު ގާސިމް ހައްޔަރުކުރީ ސިޔާދުގެ ބައްޕަ އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ހައްޔަރުކުރެވޭނެ އެއްވެސް ގޮތެއް ސަރުކާރަށް ނުފެނުމުން އެކަމުގެ ބަދަލު ހިފުމެއްގެ ގޮތުގައި ކަމަށް އާންމު ރައްޔިތުންނާއި ސިޔާސީ ޕާޓީތަކުން ގެންދަނީ ބުނަމުންނެވެ.
ސިޔާދުގެ މައްޗަށް ކުރެވެނީ އެއްވެސް ހަގީގަތެއް ނެތް ތުހުމަތުތަކެއް ކަން ފާހަގަކޮށް ސިޔާދު މިނިވަންކުރުމަށް ވެސް އެތައް ބަޔަކު ގެންދަނީ ގޮވާލަމުންނެވެ.
ސިޔާދު ހައްޔަރުކުރުމާ ގުޅިގެން ގާސިމް އިބްރާހީމް ވިދާޅުވީ ލޯބިވާ ދަރިފުޅު އިބްރާހިމް ސިޔާދު ފުލުހުންގެ ބެލުމުގެ ދަށުގައި ޖަލުގެ ކުޑަ ގޮޅީގައި އޮތް ކަމުގައި ވިޔަސް ދައުލަތުގެ މުއައްސަސާތަކުން ދަރިފުޅާ މެދު އަދުލުވެރިކަމާއި އިހުސާންތެރިކަމާއެކު ހުރިހާ ކަމެއްވެސް ކޮށްދެއްވާނެކަން ޔަގީން ކުރައްވާ ކަމަށެވެ.
ގާސިމް އިބްރާހީމް އިތުރަށް ވިދާޅުވީ އަމިއްލަފުޅަށް ޖަލުގެ ކުޑަގޮޅީގައި އޮތުންވެސް ދަރިކަލުން އިބްރާހިމް ސިޔާދު ގާސިމް ޖަލުގައި ހުންނެވުމަށްވުރެ ހިތަށް ފަސޭހަ ކަމަށެވެ. ގާސިމް އިބްރާހީމް ވަނީ ސިޔާދަށް ކުރެވޭ ތުހުމަތުތައް ވެސް ދޮގުކުރައްވާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ