އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިހާބުގައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް ލިބިވަޑައިގެންނެވި ވޯޓަށް ވުރެ ގިނައިން މި އަހަރުގެ ރިޔާސީ އިންތިހާބުގައި ޕީޕީއެމްގެ ކެންޑިޑޭޓް އަބްދުﷲ ޔާމީނަށް ލިބިވަޑައިގަންނަވާނެ ކަމަށް މައުމޫން ރޭ ވިދާޅުވެއްޖެ އެވެ.
އުތުރުގެ ހަތަރު އަތޮޅަކަށް ކުރެއްވި ކެމްޕެއިން ދަތުރުފުޅަށް ފަހު މާލެ ވަޑައިގެން އެއާޕޯޓުގައި ނޫސްވެރިންނާ ބައްދަލުކުރައްވާ މައުމޫން ވިދާޅުވީ 2008ގެ އިންތިހާބުގެ ދެވަނަ ބުރުގައި އެމަނިކުފާނަށް ލިބިވަޑައިގެންނެވި 46 ޕަސެންޓް ވޯޓަށް ވުރެ އިތުރަށް މި އަހަރުގެ އިންތިހާބުގައި ޔާމީނަށް ވޯޓް ލިބިވަޑައިގަންނަވާނެ ކަމަށެވެ. އަދި އެކަން ހާސިލުވާނީ އެމަނިކުފާނާއި ޕާޓީގެ އެހެން މެމްބަރުން ގުޅިގެން ކުރަމުންދާ މަސައްކަތްތަކުގެ ނަތީޖާއިން ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ.
އާބާދީ ބޮޑެތި އަތޮޅުތައް ކަމަށްވާ ހއ، ހދ، ށ އަދި ރ އަށް ޔާމީނާއި އޭނާގެ ރަނިން މޭޓް ޑރ. މުހައްމަދު ޖަމީލް އަހުމަދާ އެކު ވަޑައިގެންނެވި ޕީޕީއެމްގެ ރައީސް މައުމޫން ވިދާޅުވީ ހުރިހާ ރަށަކުން ވެސް ވަރަށް ރަނގަޅު ތަރުހީބެއް ލިބިވަޑައިގެންނެވި ކަމަށެވެ. އަދި އިތުރު އަތޮޅުތަކަށް ވެސް ދަތުރު ކުރައްވައި، ޔާމީނަށާއި ޖަމީލަށް ތާއީދު ހޯއްދަވަން މަސައްކަތް ކުރައްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
މައުމޫން ވިދާޅުވި ގޮތުގައި އެއްވެސް ޕާޓީއަކުން ދެވަނަ ބުރަށް ދާކަށް ބޭނުމެއް ނުވާނެ އެވެ. އަދި އުތުރުގެ އަތޮޅުތަކަށް ކުރެއްވި ދަތުރުފުޅުން އިންތިހާބު ފުރަތަމަ ބުރުން ކާމިޔާބު ކުރުމުގެ އުއްމީދު ވަރަށް ބޮޑަށް އާލާވި ކަމަށް ވެސް ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް ވަރަށް ބޮޑު ޔަގީން ކަމެއް ލިބިގެން ހިނގައްޖެ އިރާދަކުރެއްވިއްޔާ ހަތެއް ސެޕްޓެމްބަރުގައި މި ބާއްވާ ވޯޓު ކާމިޔާބު ކުރެވޭނެ ކަމަށް. ވަރަށް ބޮޑަށް އުއްމީދު ކުރެވޭ،" މައުމޫން ވިދާޅުވި އެވެ.
2008ގެ އިންތިހާބުގައި ލިބުނު ވަރަށް ވުރެ ގިނަ ވޯޓް ޔާމީނަށް ލިބޭނެ: މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ