ހަތަރު ޖަމާއަތެއްގެ ބިޑް އިވެލުއޭޓްކުރަން ދަށު ކޯޓުން ކުރި ހުކުމް ބާތިލްކޮށްފި

މިއަހަރު ހައްޖަށް މީހުން ގެންދަން ހަތަރު ޖަމާއަތަކުން ހުށަހެޅި ބިޑްތައް އަލުން އިވެލުއޭޓްކުރަން ސިވިލް ކޯޓުން ކޮށްފައިވާ ހުކުމް ބާތިލްކޮށް ހައި ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.އަލްމަނާސިކް ހައްޖު އެންޑް ގްރޫޕާއި ކްލެސިކް ހައްޖު ގްރޫޕާއި އަލް ފަތުހު ހައްޖު ގްރޫޕްގެ އިތުރުން އަލްސަފާ ހައްޖު ގްރޫޕްގެ ބިޑްތައް އަލުން އިވެލުއޭޓް ކުރުމަށް ސިވިލް ކޯޓުން ހުކުމްކުރީ އެ ބިޑްތައް މިނިސްޓްރީން އިވެލުއޭޓް ނުކުރުމުންނެވެ.އެ ހަތަރު ޖަމާއަތުގެ ބިޑްތައް މިނިސްޓްރީން އިވެލުއޭޓް ނުކުރީ އެ ބިޑް ޕްރޮޕޯޒަލްތައް ހިފައިގެން އައީ އެ ޖަމާއަތުގެ މީހެއްކަން އަންގައިދޭ ލިޔުމެއް ނެތި ކަމަށްވާތީ އެވެ. ނަމަވެސް އޮޅުމަކުން އެ މިނިސްޓްރީން ފުރަތަމަ އެ ބިޑްތައް ބަލައިގަތެވެ. އެ ބިޑްތައް އިވެލުއޭޓް ނުކުރަން ނިންމިކަން އެންގީ އޭގެފަހުންނެވެ.އެ މައްސަލަ ނިންމުމުގައި ހައި ކޯޓުގެ ފަނޑިޔާރުންގެ މެދުގައި ވަނީ ރައުޔު ތަފާތުވެފަ އެވެ. އެ މައްސަލައިގައި ރައުޔު ތަފާތުވެފައިވަނީ ރިޔާސަތުގައި އިންނެވި ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދެވެ. ދެން ތިބި ދެ ފަނޑިޔާރުން ކަމަށްވާ އަބްދުﷲ ހަމީދާއި ޝުއައިބު ހުސައިން ޒަކަރިއްޔާގެ ރައުޔަކީ ދަށު ކޯޓުގެ އެ ހުކުމް ބާތިލް ކަމަށެވެ.ފަނޑިޔާރު ހަމީދާއި ޝުއައިބުގެ ރައުޔުގައި ވަނީ ވަކި ގޮތަކަށް އަމަލުކުރުމަށް އުސޫލުތަކެއް ކަނޑައަޅާފައި ވަނިކޮށް އެއާ ޚިލާފަށް ކަންކަން ކުރުމުގެ ފުރުސަތު ދެވޭނަމަ އެއީ ކޮރަޕްޝަނަށް މަގުފަހިވެގެންދާނެ ކަމެއް ކަމަށެވެ.އެ މައްސަލަ ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފްކުރުމާ އެކު އެ މައްސަލައިގެ ތެރެއަށް ޒަމްޒަމް އެޗް އެންޑް ޔޫ ޓްރެވަލް ގްރޫޕާއި އެސްބީޓީ ގްރޫޕްގެ އިތުރުން މިނާ ހައްޖު ގްރޫޕާއި ހަމަލަތުލް އިޚްލާސް ލިލް ހައްޖި ވަލް އުމްރާ ގްރޫޕުން ވަނީ ވަދެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ