12- 11- 10 ގައި ކައިވެނިކޮށްދޭ ގޮތަށް ފެމިލީ ކޯޓުން ހަމަޖައްސައިފި

މި އަހަރުގެ ހޮނިހިރު ދުވަސްތަކުގައި ކައިވެނިކޮށް ނުދޭ ގޮތަށް ފެމިލީ ކޯޓުން ހަމަޖައްސާފައި އޮތް ނަމަވެސް އަންނަ މަހުގެ 10 ވާ ހޮނިހިރު ދުވަހު ކައިވެނިކޮށްދޭ ގޮތަށް އެ ކޯޓުން ހަމަޖައްސައިފި އެވެ.
މި އަހަރު އަންނަ އެންމެ ރީތި އެއް ތާރީހު ކަމަށްވާ 12- 11- 10 ގައި ކައިވެނިކުރަން ބޭނުންވާ މީހުން ތިބި ނަމަވެސް ކުރިން ހަމަޖެހިފައި އޮތް އުސޫލުން އެ ދުވަހު އޮތީ ފެމިލީ ކޯޓުން ކައިވެނި ނުކޮށްދޭ ގޮތަށެވެ.
މި އަހަރު އަންނަ ރީތި ތާރީހެއް ކަމަށްވާ ޑިސެމްބަރު 12 ނުވަތަ 12- 12- 12 ގައި ކައިވެނިކުރުމަށް ވެސް ވަރަށް ގިނަ ފަރާތްތަކުން މިހާރުވެސް ހުށަހަޅަމުން ގެންދާ ކަމަށް ކޯޓުން ކުރި އިއުލާނެއްގައި ބުނެފައިވެ އެވެ. ކޯޓުން ބުނީ އެ ދުވަހު ކައިވެނިކުރަން ބޭނުންވާ ފަރާތްތަކުން ވީހާވެސް އަވަހަކަށް ކޯޓަށް ފޯމު ހުށަހަޅަން އެދޭ ކަމަށެވެ. ކައިވެނި ކުރުމަށް އެދޭ ގަޑި ހަމަޖެއްސުމުގައި، ފޯމު ހުށަހަޅާ ތަރުތީބަށް އިސްކަން ދޭނެ ކަމަށް ވެސް ކޯޓުން ބުންޏެވެ.
މި އަހަރުގެ އެންމެ ރީތި ދެ ތާރީހު ކަމަށްވާ 12- 11- 10 އާއި 12- 12- 12 ގައި ދުނިޔޭގެ އެކި ގައުމުތަކުގައި ދަނީ ކައިވެނީގެ ބޮޑެތި ރަސްމިއްޔާތުތައް ބާއްވަން ތައްޔާރުވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ