ގާނޫނީ ދާއިރާގެ ރިސޯސް ސެންޓަރެއް އޭޖީ އޮފީހުގައި ގާއިމުކޮށްފި

ގާނޫނީ ނިޒާމުގައި ހުރި އިސްލާހު ކުރަންޖެހޭ ކަންކަން ދެނެގަތުމަށާއި އާ ގާނޫނުތަކަށް އަހުލުވެރިކުރުމަށް ލީގަލް ސެކްޓަ ރިސޯސް ސެންޓަރުގެ ނަމުގައި އެޓާނީ ޖެނެރަލްގެ (އޭޖީ) އޮފީހުގައި ސެންޓަރެއް ގާއިމުކޮށްފި އެވެ. މިއަދު ނެރުނު ލީގަލް ސެކްޓަ ރިސޯސް ސެންޓަރުގެ ފުރަތަމަ ރިޕޯޓްގައި ބުނެފައިވާ ގޮތުގައި އެ ސެންޓަރުގެ ފުރަތަމަ މަސައްކަތެއްގެ ގޮތުން މިހާރު ކުރަމުން އަންނަނީ އާ ގާނޫނުލް އުގޫބާތަށް، ގާނޫނު ތަންފީޒުކުރާ ފަރާތްތައް އަހުލުވެރިކުރުމެވެ. އާ ގާނޫނުލް އުގޫބާތަށް އަމަލުކުރަން ފަށާނީ އަންނަ އަހަރުގެ އޭޕްރީލް 13 ގަ އެވެ. މި ސެންޓަރުގައި ދިވެހި ކޮންސަލްޓެންޓަކާއި ބޭރުގެ ކޮންސަލްޓެންޓެއް މަަސައްކަތް ކުރަމުން އަންނަ ކަމަށާއި ދިވެހި ކޮންސަލްޓަންޓުގެ މަސްއޫލިއްޔަތަކީ ގާނޫނުލް އުގޫބާތަށް އަމަލުކުރަން ފެށުމަށްޓަކައި، ގާނޫނު ތަންފީޒުކުރާ އިދާރާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމާއި އާންމުން ހޭލުންތެރިކުރުމަށް ޕްރޮގްރާމްތައް ހިންގުން ކަމަށް ރިޕޯޓްގައިވެ އެވެ. އަދި ގާނޫނުލް އުގޫބާތުގެ ޝަރަހައެއް ނުވަތަ ކޮމެންޓްރީއެއް ޝާއިއުކުރަން ކޮންސަލްޓެންޓުން ކަނޑައަޅާފައިވާ ކަމަށް ވެސް އެ ރިޕޯޓްގައިވެ އެވެ. "މި ކޮމެންޓްރީގައި ގާނޫނުލް އުގޫބާތު ތަންފީޒުކުރުމުގައި ދިމާވެދާނެ ދަތިތަކުގެ މައްޗަށް ބަލައި އެ ދަތިތައް ހައްލުކުރެވޭނެ ގޮތްތަކަށް އަލިއަޅުވާލެވިފައި އޮންނާނެ އެވެ،" ރިޕޯޓްގައިވެ އެވެ.  ލީގަލް ސެކްޓަ ރިސޯސް ސެންޓަރުން ކުރާ މަސައްކަތަށް އެހީތެރިވުމަށް ޕްރޮސިކިއުޓަ ޖެނެރަލްގެ (ޕީޖީ) އޮފީހުގެ ތިން ޕްރޮސިކިއުޓަރުންނާއި އޭޖީ އޮފީހުގެ ތިން އެޓާނީން މަސައްކަތް ކުރެ އެވެ. އަދި ވަރަށް އަވަހަށް ދެ ޕޮލިހަކު މި ސެންޓަރުގައި މަސައްކަތް ކުރަން ފަށާނެ ކަމަށް ވެސް އެ ސެންޓަރުން ނެރުނު ބަޔާނުގައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ