އެލާގެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅައިފި

ވިލާ ޝިޕިން އެންޑް ޓްރޭޑިންނާއެކު ދައުލަތުން، ތ އެލާގައި ރިސޯޓް ތަރައްގީ ކުރުމަށް ވެފައިވާ އެއްބަސްވުން ދައުލަތުން ބާތިލް ކުރި މައްސަލާގައި ސިވިލް ކޯޓުން ވިލާ ޝިޕިން އާއި އެއްކޮޅަށް ކޮށްފައިވާ ހުކުމް ހައިކޯޓުން ބާތިލް ކުރުމާއި ގުޅިގެން އެ ހުކުމް އިސްތިއުނާފް ކުރުމަށް ސްޕްރީމް ކޯޓަށް މިއަދު ހުށައަޅައިފިއެވެ.
އެ މައްސަލަ ބަލައިގަތުމާ މެދު ސްޕްރީމް ކޯޓުން ނިންމި ގޮތެއް އަދި ނޭނގެއެވެ.
ތ އެލާގައި ރިސޯޓު ތަރައްގީ ކުރުމަށް ވިލާ ޝިޕިން އާއެކު މިނިސްޓްރީ އިފް ޓޫރިޒަމު އިން ވެފައިވާ އެއްބަސްވުން ބާތިލް ކޮށްފައިވާ ވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގައެވެ.
ދައުލަތުން ވިލާޝިޕިން އަތުން ތ.އެލާ ނެގުމުގެ ސަބަބުން އެ މައްސަލަ ސިވިލް ކޯޓަށް ހުށައެޅުމުން އެކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ ސަރުކާރުން އެރަށް ވިލާ ޝިޕިންގެ އަތުން ނެގުމަކީ އެއްބަސްވުމާ ހިލާފް ނިންމުމެއް ކަމަށެވެ.
އެހެންނަމަވެސް މިދިޔަ އަންގާރަ ދުވަހު ހައިކޯޓުން ކުރި ހުކުމްގައި ބުނެފައި ވަނީ ސިވިލް ކޯޓުގެ އެ ހުކުމަކީ ގާނޫނީ އަދި ޝަރުއީ ހަމަތަކާ ހިލާފު ހުކުމެއް ކަމަށެވެ. އެހެންކަމުން އެ ހުކުމް ބާތިލްކުރާ ކަމަށެވެ.
މި ހުކުމާއެކު މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ވަނީ އެލާގެ ކުއްޔާއި ޖޫރިމަނާގެ ގޮތުގައި 18 މިލިއަން ޑޮލަރު ދެއްކުމަށް އަންގައި ވިލާ ޝިޕިންގް ގެ އެކައުންޓްތައް އިއްޔެ ފްރީޒްކޮށްފައެވެ.
އެލާގެ ކުއްޔާއި ޖޫރިމަނާ އާއި އިންޓަރެސްޓްގެ ގޮތުގައި 18 މިލިއަން ޑޮލަރު ދެއްކުމަށް މީރާ އިންވަނީ އަންގާފައެވެ. އެއީ ލޭންޑް ރެންޓުގެ ގޮތުގައި ދައްކަންޖެހޭ 3.7 މިލިއަން ޑޮލަރާއި ޖޫރިމަނާގެ ގޮތުގައި ދައްކަންޖެހޭ 14.6 މިލިއަން ޑޮލަރު އަދި އިންޓަރެސްޓަށް އަރާ 226،351 ޑޮލަރު ކަމަށް މީރާއިން ބުނެފައިވެއެވެ. އަދި އެކައުންޓްތައް ދޫކޮށްލާނެ މި ފައިސާތައް ދެއްކުމުން ކަމަށްވެސް މީރާ އިން ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ