ކުރިޔަށްއޮތް ލޯކަލްކައުންސިލް އިންތިޚާބުގައި، މާލޭސިޓީ ކައުންސިލްގެ ހުޅުހެންވޭރު ގޮނޑިއަށް ވާދަކުރައްވާ މުޙައްމަދު އިމްތިޔާޒަކީ ހުޅުހެންވޭރު އަދި ޚާއްޞަކޮށް ހުޅުމާލެ ރައްޔިތުންނަށް އިތުރު ތަޢާރަފަކަށް ބޭނުންވާނެ ޝަޚްޞިއްޔަތެއް ނޫނެވެ. "އިންތި"އޭ ބުނުމުން ހުޅުމާލޭގައި ދިރިއުޅޭ ގިނަމީހުންނަށް އެއީ ކާކުކަން ނޭނގިއެއް ނުދާނެއެވެ.
މީގެ ތޭރަ އަހަރު ކުރީން ނުވަތަ 2004 ވަނަ އަހަރުގެ އޭޕްރީލް 7 ވަނަ ދުވަހު އިންތި ހުޅުމާލެއަށް ހިޖުރަކުރީ ތަރައްޤީވާނެ ރަށެއްގެ ގޮތުގައި ހުޅުމާލެ ތަޞައްވުރު ކުރެވިގެންނެވެ. އެންމެފުރަތަމަ ދުވަހުންފެށިގެންވެސް އިންތި ވެފައިވަނީ ރައްޔިތުންގެ މަދަދުގާރަކަށެވެ. އެހެނީ އޭރު ހުޅުމާލޭގައި ދިރިއުޅޭ އަދި ޒިޔާރަތްކުރާ ފަރާތްތަކަށްވެސް ބޭނުންވާނެ އަސާސީކަންކަން ޚިދްމަތެއްގެ ގޮތުގައި އިންތި އައީ ހިނިތުންވުމާއެކު ފޯރުކޮށްދެމުންނެވެ. ނަތީޖާއެއްގެ ގޮތުން ގިނަބައެއްގެ ލޯތްބާއި އިތުބާރު އިންތި ވަނީ މިލްކުކޮށްފައެވެ.
ހުޅުމާލޭގައި ފިހާރައެއް ނުވަތަ ކެފޭއެއް އަދި ކުޑަމިނުން ބޭސްގުޅައެއްހާ ހިސާބުވެސް ރަށުން ލިބެންނެތް ޙާލަތުގެ ދުވަސްވަރުގައި އިންތިއަކީ ހުޅުމާލޭ އެންމެންގެ އެހީތެރިއެކެވެ. ކެއްކުމަށް ބޭނުންވާ ގޭހާއި، ކާޑާއި، ކާބޯތަކެތި ދުވަހުންދުވަހަށް ހޯދުން ރަށުގެ ރައްޔިތުންނަށް ބޮޑުތަކުލީފަކަށް ވެފައިއޮތް ދުވަސްވަރު އިންތިގެ އެހީތެރިކަން ބޮޑުކަން މިއަދު ހުޅުމާލޭ ގިނަ ބަޔަކު ޤަބޫލުކުރަނީ ޝުކުރުވެރިކަމާއެކުގައެވެ.
އެދަތިޙާލުގެ ދަނޑިވަޅުގައި ހިތްވަރާއެކު ކުރިޔަށް ނުކުމެ ލީޑަރޝިޕް ދައްކައި، ރައްޔިތުންނަށްޓަކައި އެހީތެރިކަމުގެ ގޮތުން އިންތި ކުރައްވާފައިވާ ޚިދްމަތުގެ ވާހަކަ ހުޅުމާލެ ރައްޔިތުން މިއަދުވެސް ހަނދާން އެބަހުއްޓެވެ. އޭގެ ދިރިހުރި ހެކިފެންނާން އެބަހުއްޓެވެ. އިންތިގެ ޒުވާންޖޯޝާއިއެކު ރައްޔިތުންގެ މުހުތާދުތައް ފުރިހަމަކޮށްދިނުމަށް ވެފައިވާ ޤުރުބާނީއަކީ މިއަދުގެ ޒުވާނުންނަށް ހުރި ނަމޫނާ އެކެވެ. ކާޑުބަސްތާއާއި ގޭސްފުޅި އަށް ބޭނުން ޖެހުމުން ހުޅުމާލޭ ރައްޔިތުން އޭރުގޮވާލާ ފަރާތަކީ އިންތިއެވެ. ކަންކޮށްދިނުމަށް ޝަކުވާއެއްނެތި، ފަސްޖެހުމެއްނެތި، ފޫހިކަމެއްނެތި އިންތި ހުންނަނީ ތައްޔާރަށެވެ.
"ރައްޔިތުންނަށް ބޭނުންވާ ވިޔަފާރި ޚިދްމަތް އަޅުގަނޑުފެށީ ޕްލައިވުޑް ފިލައެއްގެ މަތީގައ. އަޅުގަނޑު ހުޅުމާލެއަށް ހިޖުރަކުރިތާ ފަސްދުވަސްފަހުން، އޭޕްރީލް 12 ވަނަ ދުވަހު ވިޔަފާރިކުރުމުގެ ރަސްމީ ހުއްދަ އަޅުގަނޑަށް ލިބުނު. އެއީ އެންމެފުރަތަމަ މިރަށުގައި ފެށުނުވިޔަފާރިއަކީވެސް. ކާޑާއި ދިރިއުޅުމަށް ބޭނުންވާ ތަކެއްޗާއި ގޭސްފަދަ ޒަރޫރީތަކެތިވެސް ފޯރުކޮށްދޭންފެށީ އަޅުގަނޑު" އިންތި ވިދާޅުވިއެވެ.
އިންތި ވިދާޅުވާގޮތުގައި، ފޮޓޯކޮޕީ ހެދޭނެގޮތެއް ނެތުމުން އަމިއްލަ މެޝިނެއްހޯދައިގެން ލުއިގޮތަކަށް އެކަން ކުރެވޭނެ އިންތިޒާމް ރައްޔިތުންނަށް ހަމަޖައްސައިދީ، ރަށުން ރޯމަސް ލިބޭނެ އިންތިޒާމުވެސް އޭނާ ވަނީ ހަމަޖައްސައިދީފައެވެ. އަދި ޚާއްޞަކޮށް އިންތި ފާހަގަކުރާ އެއްކަމަކީ ސުނާމީ ކާރިސާގައި ހާލުގައިޖެހުނު، ރ. ކަނދޮޅުދޫ އާއި ތ. ވިލުފުށީ ރައްޔިތުންކުރެ ހުޅުމާލެއަށް ބަދަލުކުރި ފަރާތްތަކަށް ހެޔޮއަގެއްގައި ކެއުމުގެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.
"ހުޅުމާލޭ ރައްޔިތެއްގެ ގޮތުގައިހުރެ އަޅުގަނޑަށްވީ ވަރަކުން ރައްޔިތުންނަށް ޚިދްމަތްކުރީ އަޅުގަނޑަށް އެކަމުގެ ސަބަބުން އުފަލެއް ލިބޭތީ. މީހުންނަށް އަޅާލާ މަދަދުގާރެއްގެ ގޮތުގައި ދެމިހުރުމަކީ އަޅުގަނޑުގެ ފަރުދީ ޒިންމާއެއްކަމަށް އަޅުގަނޑު އަބަދުވެސް ދެކެނީ" ހިނިތުންވުމާއެކު އިންތި ވިދާޅުވިއެވެ.
އިންތި ޤަބޫލު ކުރައްވާގޮތުގައި މިހާރުވަނީ ޙާލަތު ބަދަލުވެފައެވެ. ހުޅުމާލެއަކީ މިހާރު ވަރަށްބޮޑަށް ތަރައްޤީވެފައިވާ ދިރިއުޅެން ފަސޭހަ އަދި ޚިދްމަތްތައް ލިބެންހުރި އާބާދީބޮޑު ރަށެކެވެ. އެހެންކަމުން ރައްޔިތުންނަށް ޚިދްމަތްކުރުމުގައި މިހާރު އިސްދައުރެއް އަދާކުރެވޭނީ ސިޓީކައުންސިލްގައި ރައްޔިތުން ތަމްސީލުކުރާ މަގާމެއްގައި ހުރެގެންނެވެ.
"ހުޅުމާލޭ ރައްޔިތުންނަށް ބޭނުންވާ ތަރައްޤީ ގެނެސްދެވޭނީ، ހުޅުމާލޭ ރައްޔިތުން ދަންނަ ފަރާތަކަށް. އެހެންކަމުން ރައްޔިތުން އެދުނުފަދައިން އަޅުގަނޑު މިހުރީ އެރައްޔިތުންނަށް ޚިދްމަތްކޮށްދޭންޖެހޭ އެރައްޔިތުންގެ ގޮނޑިއަކަށް ކުރިމަތި ލައިގެން" އިންތި ވިދާޅުވިއެވެ.
ހުޅުމާލެއަކީ ދުރުމުސްތަޤްބަލަކަށް އަމާޒުކުރެވިގެން ތަރައްޤީގެ ބިޔަ މަޝްރޫޢުތަކެއް ސަރުކާރުން ހިންގަމުންދާ ރަށެކެވެ. އަދި ރައީސް ޔާމީން ޒުވާނުންނަށްޓަކައި ތަރައްޤީ ކޮށްދެއްވާ "ޔޫތުސިޓީ" އަކީ މިސަރަހައްދުގެ ޤައުމުތަކަށް ގޮންޖަހާލެވޭ ފަދަ މަޝްރޫޢެކެވެ.
"ހުޅުމާލޭ ރައްޔިތުންނަށް މިހާރުވެސް ބޭނުންވެފައިވާ ވަރަށްގިނަ ކަންތައްތައް ސަރުކާރުން ކުރައްވާތީ މިފެންނަނީ. ސަރުކާރާއި ގުޅިގެން މަސައްކަތްކޮށް ރައްޔިތުންނާއި ސަރުކާރަށް ފުޅާދާއިރާއެއްގައި އަޅުގަނޑަށް ޚިދްމަތް ކުރެވޭނެކަން ޔަޤީންވާތީ އަޅުގަނޑު ސިޓީ ކައުންސިލްގެ ގޮނޑިއަށް ކުރިމަތިލީ." އިންތި ވިދާޅުވިއެވެ.
އިންތިއަކީ ހަމައެކަނީ އިޖުތިމާޢީ ރޮނގުން ރައްޔިތުންނަށް ޚިދްމަތްކުރި ފަރާތެއްނޫނެވެ. 2005 ވަނަ އަހަރުން ފެށިގެން ސިޔާސީ މައިދާނަށް ނުކުމެ ސިޔާސީ މަސައްކަތުގައި ތަޖުރިބާތަކެއް ޙާޞިލުކޮށްފައިވާ ފަރާތެކެވެ. އަދި ރާއްޖޭގެ ސިޔާސީ ލީޑަރުންނާއި، ސިޔާސީޕާޓީތައް ދަންނަ ފަރާތެކެވެ.
"ސިޔާސީ މައިދާނުން އަޅުގަނޑަށް ފެނުނުކަންކަމުން އެންމެބޮޑަށް އަޅުގަނޑަށް ފަހުމުވިކަމަކީ، މުޙަންމަދު ނަޝީދު ނޫން މީހަކު ރާއްޖޭގެ ވެރިކަމަށް ގެންނަންޖެހޭކަން. މިކަމަށް ވިސްނުމުން އަޅުގަނޑުގެ ފިކުރުހުއްޓުނީ ރައީސް ޔާމީންއާ ދިމާއަށް. އޭގެކުރިން އަޅުގަނޑު ވަށައިގެން އިވެމުންދިޔަ އަޑުތަކަކީ ރައީސް ޔާމީންގެ ޝަޚްޞިއްޔަތު ކަތިލުމަށްޓަކައި އިވެމުންދިޔަ ނުބައިއަޑުތަކެއް. އަޅުގަނޑަށް ރައީސް ޔާމީންގެ ފަރާތުން ފެނިގެންދިޔައީ އެވެރިން ދެއްކި ވާހަކަތަކާއި އިދިކޮޅު ކަންކަން. ރައީސް ޔާމީންއަކީ މިޤައުމު ހިންގުމަށް މިހާރުހުރި އެންމެ ޤާބިލު ލީޑަރު." އިންތި ވިދާޅުވިއެވެ.
އިންތިއަކީ ސިޔާސީ ރޮނގުން ބަލާއިރު ބޭރުދުނިޔެއިންވެސް ތަޖުރިބާތަކެއް ލިބިވަޑައިގެން ހުންނެވިބޭފުޅެކެވެ. މިގޮތުން ފާހަގަކުރެވޭ ތަފާތު ތަޖުރިބާ ތަކެއްވާއިރު، ފާހަގަކުރެވޭ އެއްކަމަކީ އިންޓަރނޭޝަލް ކޮންފަރެންސް ފޮރ އޭޝިއަން ޕޮލިޓިކަލް ޕާޓީސް (ICAPP) ގައި ރާއްޖޭގެ ސިޔާސީ ޕާޓީތައް ތަމްސީލު ކުރުމުގައި ވަރަށްގިނަ ފަހަރުތަކުގައި އިސްދައުރެއް އޭނާ ވަނީ އަދާކުރައްވާފައެވެ.
އިންތިއަކީ ޢަމަލީ މައިދާނުގައި ވިޔަފާރިވެރިއެކެވެ. މިގޮތުން ހުޅުމާލޭގައި ވިޔަފާރި އުފައްދައި ކާމިޔާބާއެކު ދަނީ ހިންގަމުންނެވެ. އިންތި ވަނީ ވިޔަފާރި ހިންގުމުގެ ދާއިރާއިން މާސްޓަރ ޑިގްރީ (MBA) ވެސް ޙާޞިލު ކުރައްވާފައެވެ.
އިންތި ވިދާޅުވާގޮތުގައި، ކެމްޕޭން ހަރަކާތްތަކުގައި މެޑަމް ފާތުމަތު އިބްރާހީމްގެ ފަރާތުން އާދަޔާޚިލާފު ބޮޑު އެއްބާރުލުމެއް ލިބެމުންދާކަމަށެވެ. އަދި ރައީސް ޔާމީންއާއި އެމަނިކުފާނުގެ ޕާޓީގެ އެއްބާރުލުން ވަރަށް މަތީދަރަޖައަކަށް ލިބެމުންދާކަން އިންތި ފާހަގަކުރައްވައެވެ. މި އެއްބާރުލުންތަކާއެކު ރައްޔިތުން އެދޭ ތަރައްޤީއަށް މަގުފަހި ކުރުމަށް އިންތިގެ އުންމީދަކީ އިންތިޚާބުގައި ފުރިހަމަ ކާމިޔާބެއް ލިބުމެވެ.
ރައްޔިތުން އެދޭ ތަރައްޤީއަށް މަގުފަހިކުރުމަށް - އިންތި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ