ކަރަންޓުގެ މައްސަލަ އަދިވެސް ހައްލުނުވޭ.. ހަފްތާއެއްހާ ދުވަހުގެ ތެރޭގައި އިތުރު ޖެނެރޭޓަރެއް ފެނަކައިން ވަނީ ބުނެފަ: ވޭމަންޑު ކައުންސިލު އިދާރާ

ތ. އަތޮޅޫ ވޭމަންޑޫއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ އަދުވެސް ހައްލު ނުވާ ކަމަށާއި އެހެންނަމަވެސް ހަފްތާއެއްހާ ދުވަހުގެ ތެރޭގައި އިތުރު ޖެނެރޭޓަރެއް ވޭމަންޑުއަށް ފޮނުވާނެކަމަށް ފެނަކައިން ބުނެފައިވާ ކަމަށް ތ. އަތޮޅު ކައުންސިލުން ބުނެފިއެވެ.
މިއަދުނޫހަށް މަޢުލޫމާތު ދެއްވަމުން އަތޮޅު ކައުންސިލުގެ ރައީސް ޢަބްﷲ ޝަރީފް ޢަބްދުލްފައްތާޙު ވިދާޅުވީ އެރަށަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލައިގާ ފެނަކަ ކޯޕަރޭޝަންގެ އިސްފަރާތްތަކާއި މަޝްވަރާކޮށްފައިވާ ކަމަށާއި ކަރަންޓުގެ މައްސަލައަށް އަވަސް ހައްލެއް އަންނާނެކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.
"މިރަށުން ކޮންމެ ދުވަހަކުވެސް ހަތަރުވަރަކަށް ފަހަރު ކަރަންޓު ކެނޑޭނެ. މިއީ އަތޮޅުވެރިކަން ކުރާ ރަށަށްވާތީ އަތޮޅުގެ ހުރިހާ ރަށަކުންވެސް ޚިދުމަތް ހޯދުމަށް ކޮންމެ ދުވަހަކުވެސް ވަރަށް ގިނަ މީހުން އާދޭ. އެކަމަކު ޚިދުމަތް ދިނުމުގައި މިހާރު ވަނީ ބުރޫ އަރާފަ" ޢަބްދުﷲ ޝަރީފް ވިދާޅުވިއެވެ.
ޚާއްޞަކޮށް ބޭންކުގެ ޚިދުމަތް ހޯދަން އެހެން ރަށްތަކުން އަންނަ ފަރާތްތަކަށް ވަރަށް ދަތިތަކާއި ކުރިމަތިވާ ކަމަށާއި ޢާންމުގޮތެއްގައި ކަރަންޓު ކެނޑެނީ ފެރީގެ ޚިދުމަތް އޮންނަ ގަޑީގައި ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ ހޮސްޕިޓަލުން ދެމުންއަންނަ ސިއްޙީ ޚިދުމަތަށް އެއްވެސް ބުރޫއެއް ނާރާ ދެމުން އަންނަ ކަމަށާއި އެއީ ހޮސްޕިޓަލުގައި ބެކްއަޕް ޖެނެރޭޓަރެއް ހުންނާތީ ކަމަށެވެ.
ނަމަވެސް މިއީ ހަމައެކަނި ހޮސްޕިޓަލުގެ ކަންތައްތައް ކޮށްލެވޭވަރުގެ ޖެނެރޭޓަރަކަށްވާތީ، އިތުރު އެއްވެސް ތަނަކަށް އެ ޖެނެރޭޓަރުން ކަރަންޓު ފޯރުކޮށްނުދެވޭ ކަމަށެވެ.
ވޭމަންޑުއަކީ އެ އަތޮޅުގައި ވެރިކަންކުރާ ރަށަށްވާ އިރު، ކޮންމެ ދުވަހަކުވެސް އެތައް ބަޔަކު އަންނަނީ ތަފާތު ޚިދުމަތް ހޯދުމަށް އެރަށަށް އަންނަމުންނެވެ.
ވޭމަންޑުއިން ވާހަކަދެއްކި މީހަކު ބުނީ އެރަށުގައި ކަރަންޓުގެ މައްސަލަ ދިމާވާ ކޮންމެ ފަހަރަކުވެސް ކަމާއިބެހޭ ފަރާތްތަކުން "ވަރަށް އަވަހަށް ޖެނެރޭޓަރެއް ފޮނުވާނެ" ކަމަށް ބުނަމުން އަންނަ ކަމަށާއި ނަމަވެސް އަދިވެސް އެކަމަށް "ޢަމަލީ ސިފަ ނާންނަ" ކަމަށެވެ.
އާބާދީގައި 1300 މީހުން ދިރިއުޅޭ ވޭމަންޑޫގައި ބޭނުންކުރަމުން އަންނަނީ 125 ވޮޓާއި 180 ވޮޓް އަދި 250 ވޮޓުގެ ޖެނެރޭޓަރއެވެ. އެ ހުރިހާ ޖެނެރޭޓަރެއްގައިވެސް މައްސަލަތައް ދިމާވެފައިވާ އިރު، ރޭ ވަނީ އެރަށުން އެއްކޮށް ކަރަންޓު ކެނޑި މުޅިރަށް އަނދިރީގެ ތެރޭގައި ތަހައްމަލު ކުރަން ޖެހިފައެވެ.
ކޮޅުމަޑުލުގެ އާބާދީއަކީ 16,000 މީހުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ