ހއ އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ހަކަތައިން ކަރަންޓު އުފައްދާ ނިޒާމު ހަރުކުރަނީ

ހއ އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ހަކަތައިން ކަރަންޓު އުފައްދާ ނިޒާމު ހަރުކޮށް އެ ޚިދުމަތް ދިނުމަށް ޗަންގް ޒޫ ޓްރީނަރ ސޯލަރ އެނަރޖީ ކޯޕަރޭޝަން ލިމިޓެޑާ ޙަވާލުކޮށްފިއެވެ.
މި މަސައްކަތުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީޠާރިޤް އިބްރާހީމެވެ. ޗަންގް ޒޫ ޓްރީނަރ ސޯލަރ އެނަރޖީ ކޯޕަރޭޝަން ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ ޖެނެރަލް މެނޭޖަރ ބްރަޔަން އެވެ.
އިއާދަކުރަނިވި ހަކަތައިގެ ވަސީލަތްތައް ބޭނުންކޮށްގެން ކަރަންޓު އުފެއްދުން އިތުރުކުރުމަށް ހައިބްރިޑް ސިސްޓަމްތަކެއް ޤާއިމުކުރުމުގެ މަސައްކަތް ކުރިއަށް ގެންދާއިރު މި މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ ޢަމަލީ މަސައްކަތްތައް މިހާރުވަނީ ނިމި ބައެއް ރަށްރަށުގައި އެޚިދުމަތްތައް ބޭނުންކޮށްގެން ކަރަންޓު އުފައްދަން ފަށާފައެވެ.
މިއީ މިމަޝްރޫއުގެ ދެވަނަ ފިޔަވަހީގައި ހއ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި 2.3 މެގަވޮޓްގެ ސޯލާ ޕީވީ ސިސްޓަމާއި ޑީސަލުން ކަރަންޓު އުފެއްދުމަށް 17 ޖެނެރޭޓަރު (3.3 މެގަ ވޮޓް) އާއި، 2.5 މެގަވޮޓް އަވަރގެ ބެޓެރި އާއި ކޭބަލާއި އޮޓަމެޓިކް ސިންކްރޮނައިޒިންގ ޕެނަލްބޯޑްތައް ހުރިހާ ރަށެއްގައި ބަހައްޓާނެއެވެ.
މިސިސްޓަމް ފުރިހަމަ ކުރުމަށްޓަކައި ބޭނުންވާ އެނަރޖީ މެނޭޖްމަންޓް ސިސްޓަމްތައްވެސް އެ ރަށްރަށުގައި ޤާއިމުކުރާ އިރު، މިސަރުކާރުގެ ފުރަތަމަ ދައުރު ނިމިގެންދާއިރު ރާއްޖޭގެ މީހުންދިރިއުޅޭ ހުރިހާ ރަށެއްގައި އިއާދަކުރަނިވި ހަކަތައިގެ ވަސީލަތްތައް ޤާއިމުކުރެވި ހަކަތަ އިސްރާފުވުން ކުޑަކުރުމަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރެވިގެންދާނެއެވެ.
ވޭތުވެދިޔަ 3 އަހަރުގެ ތެރޭގައި އިއާދަކުރަނިވި ހަކަތަ އިން ކަރަންޓު އުފައްދާ މިންވަރު ވަނީ 6 މެގަ ވޮޓަށް އިތުރު ކޮށްފައެވެ. އަދި އެރަށަކަށް ދުވާލުގަޑީގައި ބޭނުންވާ ކަރަންޓުގެ އެންމެ މަތީ ޢަދަދުގެ 30 އިންސައްތަ އާއި އެއްވަރުގެ ޢަދަދަކަށް އިއާދަކުރަނިވި ހަކަތައިން ކަރަންޓު އުފައްދާ ނިޒާމުތައް ޤާއިމުކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން އެހެން އަތޮޅުތަކުގައި އިއާދަކުރަނިވި ހަކަތައިން ކަރަންޓު އުފެއްދުމަށް ބޭނުންވާ މަސައްކަތް އެކިމަރުހަލާތަކުގައި ދަނީ ކުރެވެމުންނެވެ.
މިއަދު މި ސޮއިކުރީ އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) ގެ ހިލޭ އެހީގެ ދަށުން ކުރިއަށްގެންދާ މަޝްރޫޢުއެކެވެ. އަދި މި މަސައްކަތުގެ ޖުމްލަ އަގަކީ 10.4 މިލިއަން ދިވެހި ރުފިޔާއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ