ރައީސުލް ޖުމްހޫރިއްޔާ އިންތިހާބުކުރުމުގައި ދިމާވާ ކަމަކާ މެދު އެއްވެސް ހިލާފެއް އުފެދިއްޖެ ނަމަ އެކަން ވަކި ގޮތަކަށް ނިންމުމުގެ ބާރު ލިބިގެންވާ ސުޕްރީމް ކޯޓުގެ އަމުރަށް އިހުތިރާމްކުރުމަކީ ގަނޫނީ ހުކޫމަތު ދެމެހެއްޓުމަށް އެންމެ މުހިންމު އެއް އަސާސް ކަމަށް ހޯމް މިނިސްޓްރީން މިއަދު ބުނެފި އެވެ.
ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގެ ވޯޓުލުން ފަސްކުރުމަށް ސުޕްރީމް ކޯޓުން ނެރެފައިވާ ވަގުތީ އަމުރާ ގުޅިގެން ސިޔާސީ ބައެއް ފަރާތްތަކުން ދައްކާ ވާހަކަތަކާއި މީޑިއާތަކުން ގެނެސްދޭ ރިޕޯޓްތަކުގެ ސަބަބުން ރައްޔިތުންގެ މެދުގައި ނުތަނަވަސްކަން އުފެދި ގައުމުގެ އަމަންއަމާންކަމާއި ސުލްހަ މަސަލަސްކަމާއި ގައުމީ މަސްލަހަތު ނުރައްކަލުގެ ތެރެ އަށް ވެއްޓިދާނެކަމުގެ ބިރުހީވެފައިވާ ކަމަށް ހޯމް މިނިސްޓްރީން ބުނެ އެވެ. އަދި މި ދަނޑިވަޅުގައި ސުލްހަވެރިކާ އެކު ކެތްތެރިކަން އިހުތިޔާރުކުރުމަށް އެ މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފަ އެވެ.
"ވީމާ، ގާނޫނު ނަގަހައްޓައި ދިވެހި ލޮބުވެތި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ކުރަން ޖެހޭ އެންމެހާ ކަންތައްތައް ކުރުން މި މިނިސްޓްރީގެ މައްޗަށް ލާޒިމުކުރާތީ އެކަން މި މިނިސްޓްރީން ކުރަމުން ގެންދާނެ ވާހަކަ ދިވެހި ލޮބުވެތި ރައްޔިތުންނަށް ޔަގީންކޮށް އަރުވަމެވެ،" ބަޔާނުގައިވެ އެވެ.
ހޯމް މިނިސްޓްރީން ކަންބޮޑުވުން ފާޅުކޮށްފައިވާ އިރު ހޮނިހިރު ދުވަހު އިންތިހާބު ބާއްވާނެ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ވަނީ ވިދާޅުވެފަ އެވެ. އަނެއްކޮޅުން ނައިބު ރައީސް އަހުމަދު ފަޔާޒް ވިދާޅުވެފައި ވަނީ ސުޕްރީމް ކޯޓުގެ އަމުރާ ހިލާފަށް އިންތިހާބު ބާއްވަން އިލެކްޝަނުން ނިންމާފައި ނުވާ ކަމަށެވެ.
އިންތިހާބު ފަސްކުރަން ސުޕްރީމް ކޯޓުން އަމުރު ނެރެފައި ވަނިކޮށް އިންތިހާބު ބޭއްވުމަށް ވޯޓު ފޮށިތަކާއި ކަރުދާސްތައް ރަށްރަށަށް ފޮނުވަމުން ގެންދާ އިރު ފުލުހުން ސަލާމަތީ ހިދުމަތް ފޯރުކޮށް ނުދޭ މައްސަލަ ވަނީ ކުރިމަތިވެފަ އެވެ.
ސުޕްރީމް ކޯޓުގެ އަމުރަށް އިހުތިރާމްކުރަން ޖެހޭ: ހޯމް މިނިސްޓްރީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ