ގައިޑްލައިނަށް ތަބާވުމުގެ މުހިއްމުކަން މައުމޫން އދ.ގައި ދަންނަވައިފި

ރިޔާސީ އިންތިޚާބަކީ ސުޕްރީމް ކޯޓުގެ ގައިޑްލައިނާ އެއްގޮތަށް ބޭއްވޭ ދެފުށް ފެންނަ މިނިވަން، ހަމަހަމަ އަދި ސުލްހަވެރި އިންތިޚާބަކަށް ހެދުމަކީ މުހިއްމު ކަމެއް ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް، މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ އދ.ގެ ސިޔާސީ ކަންތައްތަކާ ބެހޭ އިދާރާގެ ވަފުދަށް މިއަދު ދަންނަވައިފި އެވެ.
ޕީޕީއެމްގެ ވެސް ރައީސް މައުމޫންގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ އެ ގޮތަށް އެމަނިކުފާނު ވިދާޅުވީ އދ.ގެ ސިޔާސީ ކަންތައްތަކާ ބެހޭ އިދާރާގެ ޓީމް ލީޑަރު ހިޓޯކީ ޑެން އާއި އޭނާގެ ވަފްދާ އެކު މިއަދު މެންދުރު އެ އޮފީހުގައި ބޭއްވި ބައްދަލުވުމެއްގައި ކަމަށެވެ.
މައުމޫންގެ އޮފީހުން ބުނީ މިއަދުގެ ބައްދަލުވުމުގައި އިންތިޚާބުގެ ކަންތައްތައް ވަމުންދާ ގޮތާއި މިހާރުގެ ސިޔާސީ މަސްރަހުގައި ކަންތައްތައް ހިނގަމުންދާ ގޮތާ ބެހޭ ގޮތުން ދެ ފަރާތުން ވެސް ހިޔާލު ބަދަލުކުރެއްވި ކަމަށެވެ.
"ރާއްޖޭގައި އެންމެ ފުރަތަމަ ބޭއްވުނު މަލްޓި ޕާޓީ އިލެކްޝަންގައި ރައީސް މައުމޫން ގެންގުޅުއްވި ހަރުދަނާ ސިޔާސަތަށްޓަކައި އދ.ގެ ސެކްރެޓަރީ ޖެނެރަލް ރައީސް މައުމޫނަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރައްވާ ކަމުގައިވެސް އދ.ގެ ވަފްދުގެ ލީޑަރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވި އެވެ،" ބަޔާނުގައިވެ އެވެ.
މައުމޫން އާ ބައްދަލުކުރެއްވި އދ.ގެ ވަފްދުގައި ހިމެނިވަޑައިގަންނަވަނީ ހިޓޯކީ ޑެންގެ އިތުރުން އެ ޖަމިއްޔާގެ ރެސިޑެންޓް ކޯޑިނޭޓަރު ޓޯނީ ލައިލް އާއި ސީނިއަ އިލެކްޓޯރަލް އެޑްވައިޒަރު ޖަޖް ޖޯހަން ކްރީގްލަގެ އިތުރުން ޕީސް އެންޑް ޑިވެލޮޕްމަންޓް އެޑްވައިޒަރު ކްރެއިގް ކޮލިންސް އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ