ޝަހީދު މަގާމުން ދުރުކުރަން ހުށަހެޅި ގަރާރު ރިޔާސަތުން ނަގައިފި

އދ. އިން އީރާނަށް ކަނޑައަޅުއްވާފައިވާ ސުޕެޝަލް ރެޕަޓުއާ ޓް ދަ ހިއުމަން ރައިސްޓްސް ޑރ. އަހުމަދު ޝަހީދު އެ މަގާމުން ދުރުކުރަން ގޮވާލައި، ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒު ރަޝީދު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ގަރާރު މަޖިލީހުގެ ރިޔާސަތުން މިއަދު ނަގައިފި އެވެ.
މިއަދުގެ ޖަލްސާ ފެށުމާ އެކު ޖަލްސާގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވިދާޅުވީ އެ ގަރާރުގައި ޝަހީދު އެ މަގާމަށް އައްޔަން ކުރެއްވީ އދ. އިން ކަމަށް ބުނެފައިވާ ކަމަށާއި އެހެންކަމުން އެ މައްސަލައަކީ މަޖިލީހުން ކުރިއަށް ގެންދެވޭނެ މައްސަލައެއް ނޫން ކަމަށް ރިޔާސަތުން ނިންމެވީ ކަމަށެވެ.
އެކަމާ ގުޅިގެން އެމްޑީޕީއަށް ނިސްބަތްވާ މެންބަރުން ވަނީ ނިޒާމީ މައްސަލަ ނަންގަވައި ވާހަކަ ދައްކަވަން ފައްޓަވައިފަ އެވެ. އެގޮތުން ތޮއްޑޫ ދާއިރާގެ މެންބަރު އަލީ ވަހީދު ވިދާޅުވީ މަޖިލީހުގެ ރިޔާސަތުން އެ ގަރާރު ބޭރުކޮށްލީ ގަވާއިދާ ހިލާފަށް ކަމަށާއި ރިޔާސަތުން ކަންކުރަނީ "ހިތުހުރި ގޮތަކަށް" ކަމަށެވެ.
އެ ގަރާރު ޝަރުތު ހަމަނުވާ ކަމަށް ބުނެ ރިޔާސަތުން ނެގީ އެ ގަރާރުގެ ފުރަތަމަ ކިޔުން ވެސް މަޖިލީހަށް އިއްވާފައި ވަނިކޮށެވެ.
ދިއްދޫ ދާއިރާގެ މެންބަރު ސަމީރު ނިޒާމީ މައްސަލަ ނަންގަވައި ވިދާޅުވީ އެ ގަރާރު ބަލައިގަތުމަށް ފަހު ބޭރުކޮށްލުމަކީ ކަންކުރަން ވާނެ ގޮތް ނޫން ކަމަށާއި އޭގެ ކުރިން އެކަން ބަލަންޖެހޭނެ ކަމަށެވެ. އަދި އެކަމަށް ރިޔާސަތުން މާފަށް އެދެން ޖެހޭނެ ކަމަށް ސަމީރު ވިދާޅުވި އެވެ.
އެ މައްސަލަ ބަލައިގަންނަވަމުން ނާޒިމް ވިދާޅުވީ އެފަދަ ގަރާރެއް އެޖެންޑާ ކުރަން ޖެހޭނީ ރަނގަޅަށް ބަލާފައި ކަމަށް ގަބޫލުކުރައްވާ ކަމަށާއި އެކަމަށް ޓަކައި މެންބަރުންގެ ކިބައިން މާފަށް ވެސް އެދިވަޑައިގަންނަވާ ކަމަށެވެ.
ރިޔާޒު ހުށަހެޅުއްވި އެ ގަރާރުގައި ބުނެފައި ޑރ. ޝަހީދު މިހާރު ހުންނެވި މަގާމުން ވަކިކުރުމަށް ގޮވާލައި ގަރާރެއް ހުށަހެޅުއްވީ އެމަނިކުފާނު ފޮރިން މިނިސްޓަރަކަށް ހުންނެވި އިރު އެ މިނިސްޓްރީ ހިންގި ކަމަށް ތުހުމަތު ކުރާ ކޮރަޕްޝަންގެ މައްސަލަތަކާ ގުޅިގެން ކަމަށެވެ. ނަމަވެސް އެ ތުހުމަތުތައް ޝަހީދު ވަނީ ދޮގުކުރައްވައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ