ކުޅުދުއްފުށީ ކުޑަކުދިންގެ ހިޔާއަށް މެމްބަރު ފައިސަލް އެހީތެރިވެ ވަޑައިގެންފި

ހދ. ކުޅުދުއްފުށީގައި ހުންނަ ކުޑަކުދިންގެ ހިޔާ ވަރަށް ބޮޑަށް އެހީތެރިކަމަށް ބޭނުންވެފައި ވަނިކޮށް، ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު ފައިސަލް ނަސީމް އެތަނަށް ބައެއް ތަކެތި ހަދިޔާ ކުރައްވައިފި އެވެ. އިޖްތިމާއީ ކަންކަމަށް އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ފައިސަލް ފައުންޑޭޝަނުން ވަނީ ހިޔާއަށް ބައެއް ފަރުނީޗަރާއި ޓީވީއެއް ހަދިޔާކޮށްފަ އެވެ. އެތަނުން ބުނިގޮތުގައި އިޖްތިމާއީ މައްސަލަތައް ހައްލުކުރުމަށް މުޅި މުޖުތަމައުގެ ބައިވެރިވުން މުހިއްމެވެ. ކުޅުދުއްފުށީގައި ކުޑަކުދިން ބަލަހައްޓާ ތަނެއް ހުންނަކަން ގިނަ މީހުންނަށް ނޭނގޭއިރު އެތަނުގެ ހާލަތު އާއްމުންގެ ސަމާލުކަމަށް އައީ އެ ހަބަރު "ހަވީރު"ގައި ޖެހުމުންނެވެ. އިމާރާތެއްގެ ވަކި ބައެއް ކުޑަކުދިންގެ ހިޔާ އަށް ހާއްސަކޮށްފައި އެތަނުގައި އެއްވެސް ކަހަލަ ފަރުނީޗަރެއް، އަންނައުނު ބަހައްޓަން އަލަމާރިއެއް ފަދަ އެއްޗެއް ނެތެވެ. ކުދިން ނިދަނީ
ބިންމަތީގައި ގޮދަޑި އަޅައިގެންނެވެ. މުނިފޫހިފިލުވުމަށް ޓީވީއެއް ނުވަތަ
ކުޅޭ އެއްވެސް އެއްޗެއް އެތާކު ނެތެވެ.ހިޔާގެ ޚަބަރު "ހަވީރު"ގައި ޖެހުމުން އެތަނުގެ މުވައްޒަފުންނާ ޖެންޑާ މިނިސްޓްރީން ސުވާލުކޮށް، މައުލޫމާތު ދިން މައްސަލަ ބަލާފައިވެ އެވެ. މީގެ ހަތަރު ވަރަކަށް މަސް ކުރިން ގާއިމުކުރި އެ ހިޔާގައި ބައިތިއްބަނީ
އެކި އަނިޔާތައް ލިބިގެންނާއި އަޅާލާނެ މީހަކު ނެތުމުންނާއި އިހުމާލުވުން
ފަދަ މައްސަލަތައް ދިމާވެގެން ދައުލަތުގެ ބެލުމުގެ ދަށަށް ގެންދާ ކުޑަކުދިންނެވެ. އެއީ ހދ.
އަތޮޅުންނާއި ކައިރި ބައެއް އަތޮޅުތަކުން އެތަނަށް ގެންނަ ކުދިންނެވެ. އެތަނުގައި ކުދިން ބައިތިއްބަނީ މާލެ ގެނެވެންދެން ދެ ތިން ހަފުތާ އަށް
ނަމަވެސް، އެތަނުގައި މިހާރު ވެސް އެއް އާއިލާއެއްގެ ފަސް ކުދިންނާ އެކު އަށް ކުދިން އެބަ ތިއްބެވެ. އޭގެ ތެރޭގައި އެއް އަހަރުގެ ކުއްޖަކު
ވެސް ހިމެނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ