ދިއްގަރު ދާއިރާގެ ގޮނޑިއާ ހެދި އިއްތިހާދެއް ނުރޫޅޭނެ: އަލީ ވަހީދު

ސަރުކާރުގެ އަނިޔާވެރިކަން ހުއްޓުވަން ނުކުމެ ތިބި ބަޔަކާ ދިމާލަށް "ގޮނޑިއެއް ދިއްކޮށްލައިގެން" އިދިކޮޅު އިއްތިހާދު ރޫޅިދާނެ ކަމަށް ސަރުކާރުން ހީކުރިއަސް އެއީ ވާނެ ކަމެއް ނޫން ކަމަށް އެމްޑީޕީގެ ޗެއާޕާސަން އަލީ ވަހީދު ރޭ ވިދާޅުވެއްޖެ އެވެ. ހުސްވެފައިވާ ދިއްގަރު ދާއިރާގެ ބައި އިލެކްޝަނުގައި ޕީޕީއެމާ ވާދަކުރަން، އެ އިއްތިހާދުން ކެންޑިޑޭޓަކު ނެރޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.ދިއްގަރު ދާއިރާގެ ބައި އިލެކްޝަނާ ގުޅޭގޮތުން އިދިކޮޅު ޕާޓީތަކަށް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް، އެ ވާހަކަތަކަށް ރައްދު ދެއްވައި އަލީ ވަހީދު ވިދާޅުވީ ބައި އިލެކްޝަނާ ގުޅިގެން އިއްތިހާދު ނުރޫޅޭނެ ކަމަށެވެ. އަނިޔާވެރިކަމާ ދެކޮޅަށް، އެ އިއްތިހާދު އޮތީ އެއަށްވުރެ ވަރުގަދަކޮށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. "ރައީސް ޔާމީނަށް މި ދަންނަވަނީ، ތި ހުރިހާ ހިސާބެއް އަޅުގަނޑުމެން ގޯސްކުރާނަމޭ. މުދަލާ ހިފާ ބަޔަކަށް، މި ޕާޓީއާއި އަޅުގަނޑުމެންގެ އިސް ސަފު ތިބޭފުޅާ އަށް ނުހެއްދޭނެއޭ. އެ ބޭފުޅުން ހީކުރެއްވީ ގޮނޑިއެއް ދިއްކޮށްލާއިރަށް އަޅުގަނޑުމެން ރޫޅޭނެއޭ،" އަލީ ވަހީދު ވިދާޅުވި އެވެ. ދިއްގަރު ދާއިރާ އަށް އިދިކޮޅު ޕާޓީތަކުން ނެރޭނެ ކެންޑިޑޭޓަކު ކަނޑަނޭޅި ޕާޓީތަކުގެ މެދުގައި ހަމަނުޖެހުން ބޮޑުވެފައިވާ ކަމަށް ސޯޝަލް މީޑީއާގައި ދަނީ ވާހަކަ ދައްކަމުންނެވެ. އެ ވާހަކަތަކުގެ ތެރޭގައި، އަލީ ވަހީދު އެ ގޮނޑި އަށް ކުރިމަތިލައްވަން އުޅޭ ކަމަށް ފަތުރާފައިވާ ވާހަކަ ވެސް އޭނާ ވަނީ ދޮގުކުރައްވައިފަ އެވެ. "މިއަދު މި މަގާމުގައި އަޅުގަނޑުމެންނަށް އެންމެ މުހިއްމީ ރައީސް ނަޝީދު މިނިވަންކުރުން. މިއަދު އަޅުގަނޑުމެންނަށް އެންމެ މުހިއްމީ މި ޕާޓީ އެކަތިގަނޑެއްގެ ގޮތުގައި ހިފަހައްޓަން. މި ކޯލިޝަން އެކަތި ގަނޑެއްގައި ހިފައްޓަން ދިއްގަރު ގޮނޑިއަށް ވުރެ މުހިއްމު ގޮނޑިއެއް އަޅުގަނޑުމެންގެ ފޯކަސްއަކު ނެތް،" އަލީ ވަހީދު ވިދާޅުވި އެވެ.  ދިއްގަރު ދާއިރާގެ ގޮނޑި ހުސްވީ އެ ދާއިރާގެ ޕީޕީއެމް މެމްބަރު އަހްމަދު ނާޒިމް، ހިޔާނާތުގެ ކުށުގައި، 25 އަހަރަށް ޖަލަށް ލާން ހުކުމް ކުރުމުންނެވެ.ބައި އިލެކްޝަނުގައި ޕީޕީއެމުން ވާދަކުރާނެ ކެންޑިޑޭޓަކު ހޮވަން ބާއްވާ ޕްރައިމަރީ އަށް ފަސް ބޭފުޅަކު ވަނީ ކުރިމަތިލައްވައިފަ އެވެ. އޭގެ ތެރޭގައި ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ދަރިކަލުން ފާރިސް މައުމޫން ވެސް ހިމެނިވަޑައިގަންނަވަ އެވެ.ދިއްގަރު ދާއިރާގެ ބައި އިލެކްޝަން ބާއްވަން ހަމަޖައްސާފައި ވަނީ ޖޫން ހައެއްގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ