އުމަރު ރާއްޖެ އިން ބޭރުގައި ހުންނެވުމުން ޝަރީއަތް ނުބޭއްވި، ކެންސަލްކޮށްފި

ހޯމް މިނިސްޓަރު އުމަރު ނަސީރުގެ މައްޗަށް ދައުލަތުން ކުރާ އަމުރަށް ނުކިޔަމަންތެރިވުމުގެ ކުށުގެ ދައުވާގެ މިއަދު ބާއްވަން އޮތް ޝަރީއަތް، އުމަރު ރާއްޖެ އިން ބޭރުގައި ހުންނެވުމުގެ ސަބަބުން އެހެން ދުވަހަކަށް ފަސްކޮށްފި އެވެ.
އުމަރުގެ މައްޗަށް ކުރާ ޖިނާއީ ދައުވާގެ އެ ޝަރީއަތް މިއަދު މެންދުރު ބާއްވަން ތާވަލު ކުރިއިރު އުމަރު ހުންނެވީ ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ އިން ބޭރުގައި ކަމަށް ވަނީ އެނގިފަ އެވެ. އެހެންވެ މިއަދު ބާއްވަން އޮތް ޝަރީއަތް ކެންސަލް ކޮށްދިނުމަށް އުމަރުގެ ފަރާތުން ކްރިމިނަލް ކޯޓަށް ސިޓީ ފޮނުވި ނަމަވެސް އެ ސިޓީ ކޯޓުން ބަލައިނުގަތް ކަމަށް ވަނީ އެނގިފަ އެވެ. އަދި އެކަން ކޯޓަށް އަންގަންޖެހޭނީ ހޯމް މިނިސްޓްރީން ކަމަށް ކޯޓުން އެންގި ކަމަށް ވެސް "ހަވީރަ"ށް ވަނީ އެނގިފަ އެވެ. ނަމަވެސް އެކަން ހޯމް މިނިސްޓްރީން ކޯޓަށް އެންގި ކަމެއް ސާފެއް ނުވެ އެވެ.
އުމަރުގެ ޝަރީއަތުގައި މިހާރު ކުރިއަށް ދަނީ އެ ދައުވާ ކުރުމުގައި ހަވާލާ ދޭ މާއްދާ ބާތިލް ކުރުމަށް އުމަރުގެ ފަރާތުން އެދިފައިވާ އެދުމާ މެދު ދެ ފަރާތުން ވާހަކަ ދެއްކުމެވެ. އެ މާއްދާ ބާތިލްކުރަން އުމަރުގެ ފަރާތުން ކޯޓުގައި އެދެމުން ދާއިރު ދައުލަތުން ދަނީ އެކަމަށް ދެކޮޅު ހަދަމުންނެވެ.
އެ ޝަރީއަތުގެ ފުރަތަމަ އަޑުއެހުމަށް ހާޒިރުވުމަށް އުމަރަށް ޗިޓް ހަވާލު ނުކުރެވޭތީ އެދުވަހު ބާއްވަން އޮތް އަޑުއެހުން ފަސްކުރަން ހަމަޖައްސާފައި ވަނިކޮށް އެދުވަހުގެ ޝަރީއަތް ބޭއްވީ އުމަރުގެ ފަރާތުން މީހަކު ކޯޓަށް ގޮސް އެ ޗިޓާ ހަވާލުވެ، އުމަރު ކޯޓަށް ވަޑައިގަތުމުންނެވެ.
އުމަރުގެ މައްޗަށް ދައުލަތުން ދައުވާކުރަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގެ ދުވަސްވަރު އޭރުގެ އިދިކޮޅު ފަރާތްތަކުން ކުރި މުޒާހަރާގައި ރާއްޖޭގެ އަމަން އަމާންކަމަށް ގެއްލުން ލިބިދާނެ ވާހަކަތަކެއް އުމަރު ދެއްކެވި ކަމަށް ބުނެ އެވެ.
މިއީ ފަހުގެ ތާރީހެއްގައި ރާއްޖޭގެ ދައުލަތުގެ ވަޒީރެއްގެ މައްޗަށް ޖިނާއީ ދައުވާއެއްގެ ޝަރީއަތް ހިންގާ ފުރަތަމަ ފަހަރެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ