އަބްދުﷲ ގާޒީ ފެމިލީ ކޯޓަށް ބަދަލުކުރަނީ؟

ކްރިމިނަލް ކޯޓުގެ އިސް ގާޒީގެ މަގާމު ފުރުއްވަމުން ގެންދަވާ އަބްދުﷲ މުހައްމަދު (އަބްދުﷲ ގާޒީ) ފެމިލީ ކޯޓަށް ބަދަލު ކުރަން ޖޭއެސްސީ އިން ނިންމައިފި ކަމަށް ބުނެ ބައެއް މީޑިއާތަކުން ޚަބަރު ފަތުރަން ފަށައިފިއެވެ.
ގިނަ ދުވަސްތަކެއް ވަންދެން ކްރިމިނަލް ކޯޓުގެ ފަނޑިޔާރުކަން ކުރައްވާފައިވާ އަބްދުﷲ ގާޒީ އަކީ ބޮޑެތި ގިނަ މައްސަލަތަކެއް ނިންމަވާފައިވާ ބޭފުޅެކެވެ. ގިނަ ބައެއްގެ ފާޑުކިޔުން ވެސް ވަރަށް ގިނައިން އަމާޒުވާ އަބްދުﷲ ގާޒީ ފެމިލީ ކޯޓަށް ބަދަލުކުރަން ނިންމިކަމެއް ކަށަވަރެއް ނޫނެވެ. އަދި އެފަދަ ނިންމުމެއް ޖޭއެސްސީ އިން ނިންމީ ކީއްވެ ކަމެއް ވެސް ނޭންގެއެވެ.
އަބްދުﷲ ގާޒީ ފެމިލީ ކޯޓަށް ބަދަލުކުރުމަށް ފަހު ކްރިމިނަލް ކޯޓުގެ އިސް ގާޒީ ކަމަށް ކްރިމިނަލް ކޯޓުގެ ފަނޑިޔާރު އަބްދުލް ބާރީ އާއި ކަމަށް ވެސް ވަނީ އަޑުފެތުރިފައެވެ.
މިމަހުގެ ނުވަވަނަ ދުވަހު އަބްދުﷲ ގާޒީ ޗުއްޓީ އަކަށް ވަޑައިގެންނެވުމުން އެކޯޓުގެ އިސްގާޒީގެ ޒިންމާތައް ވަގުތީ ގޮތުން ހަވާލުވެ ހުންނެވީ ވެސް ގާޒީ ބާރީއެވެ. ގާޒީ ބާރީ އަކީ ވެސް ފަހަކަށް އައިސް ބޮޑެތި މައްސަލަތައް ނިންމަވާފައިވާ ބޭފުޅެކެވެ. އޭނާ އަށް ސިޔާސީ ފަރާތްތަކުން ފާޑުކިޔަމުން ދާއިރު އޭނާ މިހާރު ވަނީ ހައިކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތި ލައްވާފައެވެ.
އަބްދުﷲ ގާޒީ ޑްރަގް ކޯޓަށް ބަދަލުކުރަން 2013 ވަނަ އަހަރު ޖޭއެސްސީ އިން ނިންމިއެވެ. ނަމަވެސް އެއީ ޤާނޫނާއި ހިލާފު ނިންމުމެއް ކަމަށް ބުނެ ސްޕްރީމް ކޯޓުން ވަނީ އެކަން ހުއްޓުވާފައެވެ.
އަބްދުﷲ ގާޒީ ފެމިލީ ކޯޓަށް ބަދަލުކުރަން އުޅޭ ކަމަށް ވާހަކަދެކެވެމުން ދާއިރު ފެމިލީ ކޯޓުގެ އިސް ގާޒީގެ މަގާމުގައި ހުންނެވި ހަސަން ސައީދުގެ ސުލޫކީ މައްސަލައެއް ޖޭއެސްސީ އިން މިހާރު އަންނަނީ ބަލަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ