ތިނަދޫ އިންޖީނުގެ ރޯކޮށްލި މައްސަލައިގައި ފެނަކައިގެ ދެ މުވައްޒަފުން ހައްޔަރުކޮށްފި

ގދ. ތިނަދޫ އިންޖީނުގޭގައި އަލިފާން ރޯކޮށްލި ކަމުގެ ތުހުމަތުގައި އެރަށު ފެނަކައިގައި މަސައްކަތްކުރާ ދެ މުވައްޒަފަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން މައުލޫމާތުދިން ގޮތުގައި، މި މައްސަލައާ ގުޅިގެން މިއަދު މެންދުފަހުގެ ވަގުތެއްގައި ހައްޔަރުކޮށްފައިވަނީ 44 އަހަރުގެ މީހަކާއި 28 އަހަރުގެ މީހެކެވެ. މި ދެ މީހުން ވެސް ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން ތިނަދޫއިން ކަމަށް، ފުލުހުން މައުލޫމާތުދެއެވެ.
މިދިޔަ މަހުގެ 26 ވަނަ ދުވަހުގެ ދަންވަރު 02:15 ހާއިރު ހިނގި މި އަލިފާނުގެ ހާދިސާގައި އިންޖީނުގޭގައި ހުރި ހުރިހާ އިންޖީނެއް ބޭނުން ނުކުރެވޭވަރަށް ވަނީ އަނދާފައެވެ. އެރޭ ފުލުހުންނާއި ސިފައިންނާއި ރައްޔިތުން ގުޅިގެން ކުރި މަސައްކަތުން އަލިފާން ކޮންޓްރޯލް ކުރެވިފައިވަނީ ފަތިހު 04:25 ހާއިރުއެވެ.
އިންޖީނުގޭގައި އަލިފާން ރޯވި ހާދިސާގައި 22 މިލިއަން ރުފިޔާގެ ގެއްލުމެއް ވަނީ ލިބިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ