ރިލްވާން މައްސަލައިގައި އަދީބު އާއި ގުޅުމެއް އޮތް ކަމުގެ ހެއްކެއް އަދި ނެތް – އުމަރު

ގެއްލިފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހްމަދު ރިލްވާން ގެއްލުމާއި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު އާއި ގުޅުމެއް އޮތްކަމުގެ ހެއްކެއް އަދި މިހާތަނަށް ލިބިފައި ނެތް ކަމަށް ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
ދިޓީވީގެ ޚަބަރު ތެރެއިން ޕްރޮގްރާމް ގައި ވާހަކަދައްކަވަމުން މިނިސްޓަރ އުމަރު ވިދާޅުވީ ރިލްވާން އެރުވިކަމަށް ބެލެވޭ ރަތް ކާރުގެ ޑްރައިވަރަކާއި އިތުރު މީހަކު މިހާރު ހައްޔަރުކޮށްފައިވާ ކަމަށެވެ.
ރިލްވާންގެ މައްސަލައިގައި އަދީބުގެ ބައިވެރިވުމެއް އޮތްތޯ ބައްލަވާނެ ކަމަށް މިނިސްޓަރ އުމަރު މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.
"އަޅުގަނޑުމެންނަށް ގުޅުމެއް އޮތޯ ބުނެވޭނީ އެކަށީގެންވާ އެވިޑެންސް އޮވެގެން، އެހެން ނޫނީ އަޅުގަނޑުމެންނަށް ނުބެނެވޭނެ ގުޅުމެއް އޮތެކޭ. އެއީ އަޅުގަނޑުމެން ޒިންމާވާންޖެހޭ ދައްކާ ވާހަކަތަކަށް. އަދި ސީދާ އަދީބާއި ގުޅުމެއް އޮތް ކަމުގެ ހެއްކެއް ނެތް. އަޅުގަނޑުމެން މިދަނީ އެފަދަ ވާހަކައެއް އިވޭތީ އެކަން ތަހުގީގުކުރަމުން." މިނިސްޓަރ އުމަރު ވިދާޅުވި އެވެ.
ރިލްވާން ގެއްލުނު މައްސަލައިގައި މީގެ ކުރިން ބަޔަކު ހައްޔަރު ކުރި ނަމަވެސް ކޯޓުން ވަނީ އެމީހުން ދޫކޮށްލާފައެވެ. ރިލްވާންގެ މައްސަލައިގައި އިތުރު ދެމީހަކު ހައްޔަރުކުރީ މީގެ ދެހަފްތާއެއްހައި ދުވަސް ކުރިންނެވެ. އެމީހުން އަދިވެސް ތިބީ ފުލުހުންގެ ހައްޔަރުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ