ކުރީގެ ރައީސް މައުމޫން އަބުދުލް ޤައްޔޫމް، ހޯމް މިނިސްޓަރުކަމުން އިއްޔެ އިސްތިއުފާ ދެއްވި އުމަރު ނަސީރަށް ތައުރީފް ކުރައްވައިފިއެވެ.
އުމަރަށް ތައުރީފް ކުރައްވާ ރައީސް މައުމޫން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އުމަރަކީ ނަޒާހަތްތެރިއެއް ކަމަށާއި އުމަރަށް ރަނގަޅު ސިއްހަތަކަށާއި ކާމިޔާބަށް ރައީސް މައުމޫން އެދިލައްވާ ކަމަށެވެ.
2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ވާދަކުރުމަށް، ޕީޕީއެމްގެ ޕްރައިމަރީގައި މިހާރުގެ ރައީސް އަބުދުﷲ ޔާމީނާ ވާދަކުރައްވާ ބަލިވުމަށްފަހު، ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެން، ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި ހޯމް މިނިސްޓަރު ކަމަށް ވަޑައިގެން، އިއްޔެއާ ހަމަޔަށް މި ސަރުކާރުގައި މަސައްކަތް ކުރެއްވުމަށްފަހު އުމަރު އިއްޔެ އިސްތިއުފާ ދެއްވި ވަކި ސަބަބެއް އާންމުކޮށް ހާމަކުރައްވާފައެއް ނުވެއެވެ.
އެހެންނަމަވެސް، މިނިސްޓަރުކަމުގައި ހުންނަވައިގެން އަލުން ޕީޕީއެމްއާ ގުޅިވަޑަގަތުމަށްފަހު މިއަދާ ހަމަޔަށްވެސް އުމަރު ހުންނެވީ ޕީޕީއެމްގެ މެންބަރެއްގެ ގޮތުގައެވެ.
ޑީއާރޕީ ބައިބައިވުމުން ޒެޑް ފެކްޝަން އުފެއްދުމުގައާއި، ފަހުން ޕީޕީއެމް އުފެއްދުމުގައިވެސް އުމަރު ހަރަކާތްތެރިވެލެއްވިއެވެ.
އުމަރު ނަސީރު އިސްތިއުފާ ދެއްވިފަހުން އޭނާއަށް ތައުރީފްކޮށް ރައީސް މައުމޫން ޓްވީޓް ކުރައްވާފައިވާއިރު، މިއަދު ކެބިނެޓަށް ގެނެވުނު ބަދަލުތަކާބެހޭ ގޮތުން ރައީސް މައުމޫން އެއްވެސް އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ.
ރައީސް މައުމޫންގެ ތަޢުރީފް އުމަރު ނަސީރަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ