ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ބަލައިނުގަތުމަށް އެ ކޯޓުން ނިންމައިފިއެވެ.
ނާޒިމްގެ ވަކީލް ހުސްނުއްސުއޫދު ކުރެއްވި ޓުވީޓެއްގައި އެކަން ވަނީ ކަށަވަރުކޮށްދެއްވާފައެވެ.
އެ މައްސަލަ ބަލައިނުގަތްކަން އަންގައި، ނާޒިމަށް ސުޕްރީމް ކޯޓުން ފޮނުވާފައިވާ ލިޔުމުގައި ބުނެފައިވަނީ، އެ މައްސަލައަކީ ހައިކޯޓުގެ އިސްތިއުނާފު މަރުހަލާގައި ބަލައި ފައިސަލާކުރުވަނިވި ހުކުމެއްކޮށްފައިވާ މައްސަލައެއްކަަމަށްވެފައި، އެ މައްސަލަ ސްޕްރީމްކޯޓުގައި އިލްތިމާސްއަށް ހުށައެޅި ސަބަބުތައް ބެލިއިރު، ދިވެހިރާއްޖޭގެ ހައިކޯޓުގެ ހުކުމް ރަނގަޅު ނޫންކަމަށް ބަލަންޖެހޭ އެއްވެސް އަސާސެއް އޮތްކަަމަށް ބެލެވެން ނެތްކަމަށެވެ.
އަދި ދިވެހިރާއްޖޭގެ ހައިކޯޓުންކޮށްފައިވާ ހުކުމަކީ ޝަރުއީ އަދި ގާނޫނީ ހަމަތަކާއި އެއްގޮތަށް ކޮށްފައިވާ ހުކުމަކަށްވާތީ އެހުކުމަށް އެއްވެސް ބަދަލެއް ގެންނަން ޖެހޭ ފަދަ ޝަރުއީ އަދި ގާނޫނީ އެއްވެސް ސަބަބުތަކެއް ނެތްކަމަށްވެސް އެ ލިޔުމުގައި ބުނެފައިވެއެވެ.
އަދި އެ މައްސަލައަކީ ދިވެހި ރާއްޖޭގެ ކޯޓުތަކުގެ ގާނޫނު 16 ވަނަ މާއްދާއާއި، ސްޕްރީމްކޯޓުގެ ގަވާއިދުގެ 42 ވަނަ މާއްދާގެ ދަށުން ހުއްދަ ދޭންޖެހޭ މައްސަލައަކަށް ނުވާތީ އެ މައްސަލަ ބަލައިނުގަތުމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ނިންމާފައިވާކަމަށްވެސް އެ ލިޔުމުގައި ވެއެވެ.
އެ މައްސަލަ ބަލައިނުގަތުމަށް ސުޕްރީމް ކޯޓުން ނިންމާފައިމިވަނީ މައްސަލައާ ގުޅޭ އާ ހެކިތަކެއް ސުޕްރީމް ކޯޓަށް ނާޒިމްގެ ފަރާތުން ހުށަހަޅާފައިވަނިކޮށެވެ. މައްސަލަ ބަލައިގަތުމާ ގުޅޭ ގޮތުން އިޖުރާއީ ދެ އަޑުއެހުމެއް ސުޕްރީމް ކޯޓުގައި ބާއްވާފައިވާއިރު އެ ދެ އަޑުއެހުމުގައި ވެސް ނާޒިމްގެ ފަރާތުން ގިނަ ނުކުތާތަކެއް ފާހަގަކޮށްފައިވާއިރު، ދައުލަތުން ވެސް ވަނީ މި މައްސަލާގައި އާ ހެއްކެއް ސުޕްރީމް ކޯޓަށް ހުށަހަޅާފައެވެ.
އެ އަޑުއެހުމުގައި ނާޒިމްގެ ގާނޫނީ ވަކީލު ހުސްނުއްސުއޫދު ވިދާޅުވީ، ނާޒިމުގެ އެޕާޓުމެންޓުގައި ފިސްތޯލައެއް ބާއްވާފައިވަނީ އޭރުގެ ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބާއި ކޮމިޝަނަ ހުސައިން ވަހީދު ރާވައިގެން ކަމަށެވެ. އެގޮތުން ފުލުހުން ނާޒިމްގެ ގެއަށް ވަދެ އޮޕަރޭޝަން ހިންގިއިރު، އެގޭ ކައިރީގައި އޮތް ވެހިކަލެއްގައި އަދީބާއި ހުސެއިން ވަހީދު އަދި އޭރުގެ ޕީޖީ މުހުތާޒު މުހުސިން ވެސް ތިއްބެވި ކަމަށާއި، އެކަން ސާބިތުކުރުމަށް އެ ތިން ބޭފުޅުން ހާޒިރުކޮށްދިނުމަށް އެދޭކަމަށް ސުއޫދު ވިދާޅުވިއެވެ.
އަދި ކޮންފަރެންސް ކޯލެއްގައި ނާޒިމް "ހޭއަރުވާލާނެ" ކަމަށް ބުނެ ނާޒިމަށް އަދީބު އިންޒާރުދިންކަން ސާބިތު ކުރުމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ހާޒިރު ކުރުމަށް ވެސް އެދިފައިވެއެވެ.
އެ މައްސަލާއިގެ ޝަރީއަތައް ކުރީގެ ނައިބު ރައީސް އަހްމަދު އަދީބާއި ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް ހުސެއިން ވަޙީދު އާއި ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް މުހުތާޒް މުހްސިން އާއި ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހާޒިރު ކޮށްދިނުމަށް އެދިފައެވެ.
ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ، އަބްދުﷲ މުހައްމަދު ކޯޓަށް ހާޒިރުކޮށްދޭން، ނާޒިމްގެ ފަރާތުން އެދުނީ، ނާޒިމުގެ އެޕާޓުމެންޓު ބަލައި ފާސް ކުރަން އަމުރެއް ހޯދާފައިވަނީ، އިސް ގާޒީއަށް އޮޅުވާލައިގެން ކަމަށްވާތީ، އެކަން ސާބިތުކުރުމަށެވެ. އަދި ނާޒިމްގެ ގެއަށް ފިސްތޯލަ އޮތް ދަބަސް ވެއްދި ފުލުސްމީހާ ވެސް، ހާޒިރުކޮށްދިނުމަށް ނާޒިމްގެ ފަރާތުން ވަނީ އެދިފައެވެ.
ނާޒިމްގެ މައްޗަށް ހައިކޯޓުން ކުރި ހުކުމް ރަނގަޅު ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ