ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ހުށަހަޅުއްވައި މައްސަލަތަކުގައި މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު އަމަލުކުރައްވަނީ ޤާނޫނު އަސާސީއާ ޚިލާފަށް، ސަރުކާރު ހިންގަން ތިއްބަވައި ބޭފުޅުން އެދިވަޑައިގަންނަވާ ގޮތަށް ކަމަށް ވިލުފުށި ދާއިރާގެ މެމްބަރު ރިޔާޒު ރަޝީދު ވިދާޅުވެއްޖެ އެވެ.
މަޖިލީހުގެ ރައީސަށް ފޮނުއްވާފައިވާ ސިޓީއެއްގައި މަޖިލީހުގައި ހިމެނިވަޑައިގަންނަވާ ގައުމީ ޕާޓީގެ ހަމައެކަނި މެމްބަރު ރިޔާޒް ރަޝީދު ވިދާޅުވެފައިވަނީ، ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ ފުރުސަތު މަޖިލިސް މެމްބަރުންނަށް ހޯއްދަވައިދޭން ޖެހޭނީ މަޖިލީހުގެ ގަވާއިދުގައިވާ ގޮތުން ރިޔާސަތުގައި އިންނަވާ ބޭފުޅެއް ކަމަށެވެ. ނަމަވެސް، މައި އިދިކޮޅު ޕާޓީކަމުގައިވާ ޑީއާރްޕީގެ މެމްބަރު، ޝާހިދު އަމަލުކުރައްވަނީ ޤާނޫނު އަސާސީ އާއި މަޖިލީހުގެ ގަވާއިދާ ޚިލާފަށް، ސަރުކާރު ބޭނުންވާ ގޮތަށް ކަމަށް ވެސް ރިޔާޒް ތުހުމަތުކުރައްވައިފައި ވެއެވެ.
"އަބަދު ވެސް މަނިކުފާނުގެ ކިބައިން ފެންނަމުންދަނީ ޤާނޫނު އަސާސީއަށާއި ޤާނޫނުތަކަށާއި މަޖިލިސްގެ ގަވާއިދުގައި ކަނޑައެޅިފައިވާ ގޮތާއި ޚިލާފަށް މެމްބަރުން ހުށަހަޅާ މައްސަލަތައް ނިންމަމުންދާ ތަނާއި އަދުގެ ސަރުކާރު ހިންގަން ތިބޭ މީހުން އެދޭ ގޮތަށް މަޖިލީހުގެ ރިޔާސަތުގައި އިންނަވައިގެން ކަންކުރާ މަންޒަރެވެ،" ގައުމީ ޕާޓީއާއި ޑީއާރްޕީން ކޯލިޝަން ހެދުމަށް ނިންމިތާ 48 ގަޑިއިރުނުވަނީސް، މަޖިލީހުގެ ލެޓާ ހެޑްގައި ރިޔާޒް ފޮނުއްވި އެ ސިޓީގައި ވިދާޅުވެފައި ވެއެވެ.
ރިޔާޒް އިތުރަށް ވިދާޅުވެފައިވަނީ، މިދިޔަ އަހަރުގެ މަޖިލީހުގެ ތިން ދައުރު ނިމިގެންދިޔަ އިރުވެސް އޭނާ ވަޒީރުންނާ ކުރައްވަން ބޭނުންވެވަޑައިގެންނެވި ގިނަ ސުވާލުތައް ކުރެއްވުމުގެ ފުރުސަތު ރިޔާސަތުން ދީފައިނުވާ ކަމަށެވެ. އަދި ރިޔާޒް ވިދާޅުވެފައި ވެއެވެ: "ވަޒީރުން ސުވާލުތަކަށް ޖަވާބުދެއްވުމަށް ވަޑައިގަންނަވަނީ އެބޭފުޅުން ހިތަށްއެރި ދުވަހަކު އަދި ކުރާނެ އެހެންކަމެއް އެބޭފުޅުންނަށް ނޯންނަ ހުސް ދުވަހެއް ލިބުމުން،"
ނަމަވެސް، ގާނޫނުގައިވާ ގޮތަށް އެކަން ކުރުމަކީ ވަޒީރުން އިތުރު ބަހަނާއަކާއި ނުލައި ކަނޑައެޅިފައިވާ ދުވަހު މަޖިލީހުގެ ރައީސް ހަމަޖައްސަވައި އުސޫލެއްގެ މަތީން މަޖިލީހަށް ވަޑައިގެން އެ ވަޒީރެއްގެ ގާނޫނީ ވާޖިބު އަދާ ކުރައްވަން ޖެހޭނެ ކަމަށް ވެސް އެސިޓީގައި ރިޔާޒް ފާހަގަކުރައްވައިފައި ވެއެވެ.
ރިޔާޒް ވިދާޅުވެފައިވަނީ، މިއަދުގެ ސަރުކާރަކީ ގާނޫނަށް ބޯނުލަނބާ ގާނޫނު ތަކާއި ޚިލާފަށް އަމަލު ކުރަމުންދާ ބަޔެއް ކަމަށެވެ. އަދި ގާނޫނު އަސާސީ އަށާއި ގާނޫނު ތަކަށް އަދި މަޖިލީހުގެ ގަވާއިދުގައިވާ ގޮތުގެ މަތީން މެމްބަރުންގެ މަސްއޫލިއްޔަތު އަދާކުރެވޭނެ އިންތިޒާމް މަޖިލީހުގެ ރައީސް ހަމަޖައްސައިދޭންވާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. އަދި އެގޮތަށް އަމަލުކޮށްދެއްވުމަށް ރިޔާޒުގެ ސިޓީގައި ވަނީ އެދިވަޑައިގެންފަ އެވެ.
ރިޔާޒްގެ ސިޓީއާ ގުޅިގެން މަޖިލީހުގެ ރައީސް، ޝާހިދަށް ފޯނުން ގުޅުމުން ޖަވާބު ނުދެއްވާތީ. އެމަނިކުފާނުގެ ބަހެއް ލިބޭ ގޮތެއް ނުވި އެވެ.
ރިޔާޒު ރަޝީދުގެ ފަރާތްޕުޅުން އަބްދުﷲ ޝާހިދަށް: "މަޖިލީހުގައި މަނިކުފާނު އަމަލު ކުރައްވަނީ ގާނޫނާ ހިލާފަށް، ސަރުކާރުން ބޭނުންވާ ގޮތަށް،"
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ