ޕީޕީއެމް އިސްލާހުކުރުމުގެ ޕްރޮގްރާމެއް ފަށާފައިވާތީ ޕާޓީގެ އެއްވެސް ކޮމިޓީއެއް ނުބާއްވާ ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އަންގަވައިފި އެވެ.
ޕީޕީއެމްގެ ކައުންސިލް މެންބަރަކު ނަން ނުޖެހުމަށް ޝަރުތުކޮށް މިއަދު ވީނިއުސް އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ޕާޓީގެ ކޮމިޓީތައް ނުބޭއްވުމަށް ރައީސް މައުމޫން އަނެއްކާވެސް އެންގެވީ ކުރީގެ އެންގުމާ ހިލާފަށް ސުލޫކް ކޮމިޓީ ބާއްވާ ބައެއް ބޭފުޅުންނާ ދެކޮޅަށް ތަފާތު ފިޔަވަޅުތައް އަޅާތީ ކަމަށެވެ.
"އެނގިވަޑައިގަންނަވާނެ މީގެކުރިންވެސް ރައީސް މައުމޫން މިވަނީ ޕާޓީގެ ކޮމިޓީތައް ނުބާއްވަން ކަމާ ގުޅޭ ފަރާތްތަކަށް އަންގާފައި. ނަމަވެސް މި އެންގުމާ ހިލާފަށް ސުލޫކް ކޮމިޓީ ބާއްވާ އޮއްޓަރެއް ނެތް ގޮތަށް ފިޔަވަޅު އަޅަމުން އެދަނީ،" ކައުންސިލް މެންބަރު ވިދާޅުވި އެވެ.
ކޮމިޓީތައް ނުބާއްވަން ރައީސް މައުމޫން ދެވަނަ ފަހަރަށް އަންގަވާ ވަކިން ހާއްސަކޮށް ސުލޫކީ ކޮމިޓީއަށް އެ އެންގުން ލިޔުމުން ފޮނުވާފައިވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ކޮމިޓީތައް ނުބާއްވަން ރައީސް މައުމޫން ދެވަނަ ފަހަރަށް އަންގަވާފައި މިވަނީ ޕީޕީއެމްގެ ސުލޫކް ކޮމިޓީ ބާއްވާ ބައެއް ބޭފުޅުންނާ ޕީޕީއެމް އިން ވަކިކުރުމަށް އެ ކޮމިޓީން ނިންމާފައިވާ ވަގުތެއްގަ އެވެ. އެގޮތުން ރައީސް މައުމޫންގެ ދަރިކަލުން އަދި ދިއްގަރު ދާއިރާގެ މެންބަރު ފާރިޝް މައުމޫންއާއި ޕީޕީއެމްގެ ކައުންސިލް މެންބަރު އައިމިނަތު ނާދިރާގެ އިތުރުން މާލެ ސިޓީ ކައުންސިލްގެ މެދު ހެންވޭރު ދާއިރާގެ ކައުންސިލަރު ޒައިދުލް އަމީން ޕީޕީއެމް އިން ވަކިކުރުމަށް ސުލޫކް ކޮމިޓީން ވަނީ ނިންމާފަ އެވެ. އަދި ކޮމިޓީގެ ނިންމުން ތަންފީޒުކޮށްދިނުމަށް އެ ކޮމިޓީން ވަނީ ޕީޕީއެމްގެ އޮފީހަށް އަންގާފަ އެވެ.
ނަމަވެސް ޕީޕީއެމްގެ އޮފީހުން ބުނީ ސުލޫކް ކޮމިޓީއަށް ފާރިޝްއާއި ނާދިޔާ އަދި ޒައިދުގެ މައްސަލަ ހުށަހަޅާފައިވަނީ އަސާސީ ގަވައިދުގައިވާ ގޮތަށް ކަމަށް ނުފެންނާތީ އެބޭފުޅުންނާ ދެކޮޅަށް ސުލޫކީ މައްސަލައެއް ހުށަހެޅިފައިވާ ކަމަށް ނުދެކޭ ކަމަށެވެ.
ޕީޕީއެމްގެ ކޮމިޓީތައް ނުބާއްވަން ރައީސް މައުމޫން އަނެއްކާވެސް އަންގަވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ